ފާރިސް ވެސް ނިންމެވީ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރަން

ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި ބޭއްވި "ސަންގު ބަހުސް"ގައި އަމިއްލަ ކެންޑިޑޭޓް އަހްމަދު ފާރިސް މައުމޫން ވާހަކަދައްކަވަނީ --- ފޮޓޯ/ ވަގުތު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރަން، ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ފާރިސް މައުމޫން ނިންމަވައިފިއެވެ.

މި މަހުގެ ނުވައެއްގައި އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު 46 ޕަސެންޓް ވޯޓު ކާމިޔާބު ކުރެއްވި އިރު، ދެވަނައަށް އެންމެ ގިނަ ވޯޓު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 39 ޕަސެންޓް ވޯޓެވެ.

އެ ބުރުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން ހަ ވަނައަށް އެންމެ ގިނަ ވޯޓު ކާމިޔާބު ކުރެއްވީ ފާރިސްއެވެ. އެއީ 2،979 ވޯޓެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް ވިދާޅުވީ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ވޯޓު ލިބިފައި ނުވުމުން، އޭގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ފުރިހަމަ މެނިފެސްޓޯއެއް ހުށަހެޅިފައިނުވާކަން ހާމަވި ކަމަށެވެ.

އެ ނަތީޖާއަށް ފަހު ދެވަނަ ބުރަށް ދިޔަ ޕާޓީތަކާ މަޝްވަރާ ބައްދަލުވުންތައް ބާއްވައި، ފާރިސް އާއި ރަނިންމޭޓް ޑރ. އަބްދުއްސައްތާރު ޔޫސުފްގެ ހުށަހެޅުންތައް އެ ދެ ޕާޓީއާ ހިއްސާކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރުއެމްގެ ފަރާތުން ވާދަކުރައްވަން ފުރަތަމަ މަސައްކަތް ކުރެއްވި ފާރިސް ވިދާޅުވީ، ރާއްޖެއަށް ގެންނަން ޖެހޭ ބަދަލުތަކަކީ މުޅި ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތަކެއް ކަމަށެވެ.

"މިކަންކަން ހާސިލުކުރުމަށް ޓަކައި ސީދާ މިހާރު އުފެދިފައި ހިނގަމުންދާ ބޮޑު ސިޔާސީ ޕާޓީގެ ތެރެއިން ނުކުމެވަޑައިގަންނަވާ ކެންޑިޑޭޓަކަށް ނޫނީ އިންތިޚާބުވާ ރައީސަކަށް ތަންފީޒު ކުރައްވަން ދަތިފުޅުވާނެ ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" ފާރިސް ވިދާޅުވިއެވެ.

އެގޮތުން، ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓަކު ވެރިކަމަށް ވަޑައިގަތުމުން އެ ޕާޓީއެއްގެ މެންބަރުންނަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށް އެ މެންބަރުން އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާޓީތަކަށް ފަންޑު ކުރުމުގައި ވެސް އާންމު ރައްޔިތުންގެ މަސްލަހަތަށް ވުރެ ވަކި ބަޔެއްގެ މަސްލަހަތު އިސްކުރަން ޖެހޭ ކަމަށް ފާރިސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހެދި ފަދަ މެނިފެސްޓޯއެއް އެކަހަލަ ޕާޓީއެއްގެ ތެރެއިން އައުމަކީ ނާދިރު ކަމެއް،" ފާރިސް ވިދާޅުވިއެވެ.

އެހެންވެ، ގައުމަށް ގެންނަން ބޭނުންވާ އިސްލާހުތައް ބޮޑު ޕާޓީއަކުން ގެންނަން ދަތިވާނެ ކަމަށް ދެކޭތީ ދެވަނަ ބުރުގައި އެއްވެސް ފަރާތަކަށް ތާއިދުނުކުރަން ނިންމީ ކަމަށް ފާރިސް ވިދާޅުވިއެވެ. އަދި އެއީ ވަކި ޕާޓީއެއްގައި މަސައްކަތް ކުރާ މީހަކަށް އިތުބާރު ނުކުރާތީ ނިންމި ނިންމުމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެހެންނަމަވެސް ޕާޓީތަކުގެ ސްޓްރަކްޗާ އޮތް ގޮތުން ޕާޓީތައް އުފެދިފައި މިހާރު ހިނގަމުންދާ ގޮތުން އެގޮތަށް އުފެދޭ ސަރުކާރެއްގެ ފަރާތުން ރައްޔިތުންނާ މެދު ހަމަހަމަގޮތެއްގައި، އަދުލުވެރިކަމާ އެކީގައި އަމަލު ކުރަން ވަރަށް ދަތިވާނެ ކަމަށް އަޅުގަނޑުމެންނަށް ގަވޫލުކުރެވެނީ. އެެހެންވީމި މި ވިސްނުމުގަ އަޅުގަނޑުމެން މި ގޮތް މި ނިންމީ،" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އިއުލާންކޮށް ނިމުމުން، ކެމްޕޭނަށް ކުރެއްވި މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމަށެވެ.

"އެންމެ މުހިންމު ކަމަކަށް އަޅުގަނޑުމެން ފާހަގަކުރާނީ އަޅުގަނޑުމެންގެ މެނިފެސްޓޯއަކީ ޕްލެޓްފޯމެއްގެ ގޮތުގައި ދެކިގެން ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެންގެ ފަރާތުން ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރުން،" ފާރިސް ވިދާޅުވިއެވެ.

ފާރިސްއަށް އަމިއްލަ ގޮތުން ވާދަކުރަން ޖެހިވަޑައިގަތީ އެމްއާރުއެމްގެ މެންބަރުން ހަމަނުވާތީ އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި، އެ މައްސަލަ ސިވިލް ކޯޓުގައި އޮތުމުންނެވެ. އީސީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި އެ ޕާޓީގައި މިހާރު ތިބީ 2،981 މެންބަރުންނެވެ.

ރިޔާސީ އިންތިޚާބުން 5،460 ވޯޓާއެކު ފަސް ވަނަ ހޯއްދެވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވެސް މީގެ ކުރިން ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.

https://sun.mv/182061

ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން، ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއިދުކުރާނެ ކަމަށް މިހާތަނަށް އިއުލާން ކޮށްފައި ވަނީ ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ރައީސަކަށް ހުންނަވާ އެމްއެންޕީންނެވެ. އެ ޕާޓީން ކޯލިޝަން ހަދާފައި ވަނީ ޕީޕީއެމް، ޕީއެންސީއާއެވެ.

ވެރިކަންކުރާ އެމްޑީޕީ އާއި އިދިކޮޅުން ވަނީ ތިންވަނައަށް އެންމެ ގިނައިން ވޯޓުހޯދި ދަ ޑިމޮކްރެޓްސްގެ ތާއިދު ހޯދުމަށް މަޝްވަރާތައް ބާއްވާފައެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އަދި ތިން ޕާޓީން ވެސް ގޮތް ނިންމާފައިނުވެއެވެ.

comment ކޮމެންޓް