ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ނިންމައިފިއެވެ.
ޖޭޕީން އެގޮތަށް ނިންމީ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. ހަތްދިހަ މެމްބަރުން ބައިވެރިވި އެ ބައްދަލުވުމުގައި، ދެވަނަ ބުރުގައި ޖޭޕީން ކުރިއަށްދާނެ ގޮތް ކަނޑައެޅުމުގެ އިޚްތިޔާރު ޕާޓީގެ ލީޑަރަށް ދިނުމަށް 68 މެންބަރުން ތާއިދުކުރިއެވެ.
ގާސިމް ވިދާޅުވީ ޖޭޕީގެ ކެމްޕޭން ތެރޭގައި އެ ޕާޓީން ދެއްކި ވާހަކައަކީ ތެދުކަން މަޝްވަރާގެ ތެރެއިން އެ ޕާޓީއަށް ލިބިފައިވާ ލިޔެކިޔުންތަކުން ސާބިތުވާ ކަމަށެވެ.
"މި ފަހަރު މި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް އަޅުގަނޑުމެން ތާއިދު ނުކޮށް ސައިލެންޓުކޮށް ތިބޭނީ ތިބެފަ އަޅުގަނޑުމެން މަސައްކަތް ކުރާނީ އަޅުގަނޑުމެންގެ ޕާޓީ ކުރިއަރުވަން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް އެގޮތަށް ނިންމެވި އިރު، ދެ ވަނަ ބުރުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންގެ ފަރާތުން، ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއެކު ކޯލިޝަން މަޝްވަރާތައް ބާއްވާފައިވެއެވެ.
އެގޮތުން މިމަހުގެ 12 ވަނަ ދުވަހު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިން މޭޓް، ހުސައިން މުހައްމަދު ލަތީފް ވަނީ ސަން އައިލެންޑަށް ވަޑައިގެން ގާސިމާ މަޝްވަރާ ކުރައްވާފައެވެ.
ޕީޕީއެމްއިން ކޯލިޝަން ހަދަން ހުށަހެޅީ އެއްވެސް ޝަރުތެއް ނެތި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އޭގެ ފަހުން މިދިޔަ ބުދަ ދުވަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގާސިމްގެ އަރިހަށް ސަން އައިލެންޑް ރިސޯޓަށް ވަޑައިގަތެވެ. އަދި ގާސިމާ މަޝްވަރާ ކުރައްވަން ސަން އައިލެންޑްގައި އެމަނިކުފާނު ދެ ދުވަސް ހޭދަކުރެއްވިއެވެ.
ޖޭޕީގެ ކައުންސިލް މެމްބަރަކު މީގެ ކުރިން ވިދާޅުވިގޮތުގައި ގިނަ މަޝްވަރާތައް ކުރެއްވީ ދެ ބޭފުޅުން ވަކިން ތިއްބަވައިގެންނެވެ. އަދި ގާސިމްގެ ކަންބޮޑުވުން ބޮޑަށް އޮތީ އިންޑިއާ މައްސަލާގައި ކަމަށާއި އެހެންވެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މެދުވެރި ކުރައްވައިގެން އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ހުރިކަންކަން ސާފު ކޮށްދިން ކަމަށް މެމްބަރު ވިދާޅުވިއެވެ.
ތިން ވަނަ ފަހަރަަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ގާސިމް މިފަހަރުގެ ކެމްޕޭންގައި ތެރޭގައި ވެސް ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެގޮތުން ގާސިމް ވަނީ މައި ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމްގެ ސަރުކާރު ގެނައުމަށް އެހީތެރިވި ނަމަވެސް ދެ ޕާޓީގެ ސަރުކާރުން ވެސް އަމަލުކޮށްފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ވިދާޅުވެފައެވެ.
ގާސިމް ވަނީ، ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމްއެމްޕީއާރުސީ އާއި ސަރުކާރުގެ މަޝްރޫއުތަކުން ޚިޔާނާތްތެރިވެފައިވާ ކަމަށާއި ސިޔާސީ މީހުން ޖަލަށްލި ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ ސަރުކާރުތަކާ ބެހޭ ގޮތުން ގާސިމް ފާހަގަކުރައްވާފައިވާ މައްސަލަތަކުގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ގާނޫނު އަސާސީއާ ޚިލާފަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުޙައްމަދު ހައްޔަރުކުރުމާއި ރައްޔިތުންގެ މަޖިލީހުގައި ތަޅު އެޅުވުން ހިމެނެއެވެ.
ރައީސް ޞާލިޙުގެ ސަރުކާރާ ދެކޮޅު ހައްދަވައި ގާސިމް އެންމެ ބޮޑަށް ދައްކަވާ ދެ މައްސަލައަކީ މޮރިޝަސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ބައެއް "ދޫކޮށްލާފައިވާ" ކަމަށް ވިދާޅުވާ މައްސަލައާއި ރާއްޖެއާއި އިންޑިއާއާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކެއް ހާމަނުކުރުމުގެ މައްސަލައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ގާސިމަށް ލިބިވަޑައިގަތީ 5460 ވޯޓެވެ. އެއީ މީގެ ކުރިން ދެ ފަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާފައިވާ ގާސިމަށް މިހާތަނަށް ލިބިފައިވާ އެންމެ ދަށް ނަތީޖާއެވެ.
ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވަނީ 27056 ވޯޓް ހޯދާފައެވެ. އެއީ ވޯޓްލީ މީހުންގެ 15.32 ޕަސެންޓެވެ. ދެން ގާސިމް ވާދަކުރެއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާން ވަނީ 48131 ވޯޓް ހޯދައިފައެވެ. އެއީ ވޯޓްގެ 23.34 ޕަސެންޓެވެ.
އެ ފަހަރު ދެވަނަ ބުރަށް ދިޔަ ކުރީގެ ރައީސް ޔާމީން ގާސިމާ އޮތީ ވަރަށް ކުޑަ ތަފާތެކެވެ. ދެހާސް އަށާރަވަނަ އަހަރު ގާސިމް ހުންނެވީ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖޭން ބޭރުގައި ކަމަށްވާތީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ލިބިވަޑައެއް ނުގެންނެވިއެވެ. ރައީސް ޞާލިޙް އެ އިންތިޚާބު ކާމިޔާބު ކުރެއްވީ ގާސިމްގެ ބޮޑު ތާއީދަކާއެކުއެވެ.