އިދިކޮޅު އެމްޑީޕީން މި ފަހުން ބޭއްވި އިހުތިޖާޖުތަކުގައި އިސްކޮށް ހަރަކާތްތެރިވި އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް މި މަހު 17 ވަނަ ދުވަހު ކަޅުތެޔޮ ޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
މަންދީގެ ގަޔަށް ކަޅުތެޔޮ ޖަހައިފައިވަނީ، އޭނާ ސައިކަލު ދުއްވައިފައި ދިޔަ ވަގުތު އޭނާއާ ފާރަލީ ބަޔަކެެވެ. އެ ހާދިސާ ހިނގުމާ އެކު ފުލުހުން ވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ އަހުމަދު ރިޝްމާހު (20އ) ސަންލައިޓް ވިލާ، ގއ. ދާންދޫއެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި ހައްޔަރުކުރީ ކަޅުތެޔޮ ޖެހިއިރު ސައިކަލު ދުއްވަންއިން މީހާއެވެ. އޭނާ ވަނީ ފަހަތުގައި އިން މީހާގެ މައުލޫމާތު ހިއްސާކޮށްފައި ކަމަށް ކޯޓު އަމުރުގައިވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.