ބަރުލަމާނީ ގަރާރުގެ ބަހުސް އަވަސްކުރަން އެމްޑީޕީން އެއްބަސްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން ދަ ޑިމޮކްރެޓްސްއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސް އަވަސް ކުރުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން އެއްބަސްވެފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނިޒާމާ ބެހޭ ވޯޓެއް ނެގުމަށް އެދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ މިދިޔަ ބުދަ ދުވަހު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ. މަޖިލީހަށް ގަރާރު ހުށަހެޅުއްވި ސަބަބާ ގުޅޭގޮތުން އިލްޔާސް ވިދާޅުވީ އެ ގަރާރު ހުށަހަޅުއްވަން ނިންމެވީ، 2008ވަނަ އަހަރުން ފެށިގެން، މިހާތަނަށް އައި ސަރުކާރުތަކުގެ ތަޖުރިބާއަށް ބަލައި، މިއީ އެ ސުވާލު ރައްޔިތުންނާ ކުރަންވީ ވަގުތު ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.

https://sun.mv/181931

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވާ ނަޝީދު ވިދާޅުވީ، އެ ގަރާރުގެ މައްސަލަ އަވަސް ކުރަން ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެދިވަޑައިގެންނެވުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އެކަން އަވަސްކުރުމަށް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ.

"މެޖޯރިޓީ ލީޑަރު މި މަސައްކަތް އަވަސް ކުރުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ޑިމޮކްރެޓުންގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު ވަނީ ވިދާޅުވެފަ. އެހެންވީމަ އަޅުގަނޑުމެންނަށް އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދެވޭނެ،" ނަޝީދު ވިދާޅުވިއެވެ.

އެއާއެކު ނަޝީދު ނިންމެވީ ނިޒާމީ ވޯޓު ނެގުމާ ގުޅޭ ގަރާރަށް ވަރަށް އަވަހަށް ބަހުސް ކުރާނެ ކަމަށެވެ.

އާޒިމް މިއަދު "ސަން"އަށް ވިދާޅުވީ، މަޖިލީހަށް ހުށަހެޅޭ ގަރާރެއް އަވަސް ކުރަން މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރަށް އެއްބަސްވެވޭ ހާލަތެއްގައި ގަރާރު އަވަސް ކުރެވޭނެ ކަމަށެވެ. އެހެންވެ، ގަރާރަށް ބަހުސްކުރުން އަވަސް ކުރަން ދެ ޕާޓީއަށް އެއްބަސްވެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގަރާރު އަވަސް ކުރަން އެއްބަސްވީ. އެ ގަރާރަށް [ނިޒާމު ބަދަލު ކުރުމަށް] އެއްބަސްވީއެއް ނޫން،" އޭނާ ތަފުސީލު ކޮށްދެއްވިއެވެ.

މި މަހު ނުވައެއްގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހަތް އިންސައްތަ ވޯޓު ލިބުނު ޑިމޮކްރެޓްސްއިން އަންނަނީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން، މި މަހު 25ގައި ނިޒާމީ ވޯޓެއް ނެގުމާ ގުޅޭ ގޮތުން އެމްޑީޕީއާ އެކު މަޝްވަރާ ކުރަމުންނެވެ. އެއްބަސްވުން ހަދަން ދެކޮޅު ހެދުމުން، ޕީޕީއެމާ އެކު ކުރަމުން އައި މަޝްވަރާތައް ހުއްޓިފައިވާ ކަމަށް ޑިމޮކްރެޓްސްއިން މީގެ ކުރިން ވަނީ ބުނެފައެވެ.

މީގެ ކުރިން 2007 ވަނަ އަހަރު ވަނީ ނިޒާމީ ވޯޓެއް ނަގައިފައެވެ. އެކަމަކު، އެ ފަހަރު ނިންމީ ރިޔާސީ ނިޒާމެއްގައި ކުރިއަށް ގެންދާށެވެ. އެ ވޯޓު ނެގި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ތާއިދު ކުރެއްވީ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށެވެ.

ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާ ދެމެދު މައްސަލަ އުފެދި، ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އެމްޑީޕީގެ ތެރެއިން ވަކިވި މައިގަނޑު ސަބަބަކީ ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކެވެ. ނަޝީދު ތާއަބަދު ގެންދަވަނީ ނިޒާމު ބަދަލު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.

comment ކޮމެންޓް