ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ދަ ޑިމޮކްރެޓްްސްގެ ފަރާތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ގަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
މިއަދު އޮތް އެ ޕާޓީގެ އިންތިގާލީ ކައުންސިލުގެ ބައްދަލުވުވުމުގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ މިއަދު މަޖިލީހަށް ހުށަހެޅި ގަރާރުގައި އެ ވޯޓު އަންނަ ނޮވެންބަރު މަހުގެ 30ވަަނަ ދުވަހުގެ ކުރިން ނެގުމަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ގަރާރު ހުށަހަޅުއްވަން ނިންމެވީ، 2008ވަނަ އަހަރުން ފެށިގެން، މިހާތަނަށް އައި ސަރުކާރުތަކުގެ ތަޖުރިބާއަށް ބަލައި، މިއީ އެ ސުވާލު ރައްޔިތުންނާ ކުރަންވީ ވަގުތު ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.
"ދެހާސް އަށްވަނަ އަހަރު ގާނޫނު އަސާސީ ތަސްދީގުވެގެން މި ހިސާބަށް އައި އިރު އެއްވެސް ޕާޓީއަކަށް މެޖޯރިޓީއެއް ލިބިފަކާއެއް ނެތް އެހެން ޕާޓީތަކަކާ އެކީ ކޯލިޝަން ހަދައިގެން ނޫން ގޮތަކަށް ރިޔާސީ އިންތިޚާބުގައި" އިލްޔާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮންމެ ފަހަރަކު ވެސް މަސައްކަތް ކުރަން ޖެހެނީ ވެރިޔަކަށް ހުންނަ މީހަކު ބާލަން ނުވަތަ ޖަލުގައި ތިބި ބަޔަކު މިނިވަން ކުރަން ކަމަށެެވެ. އެހެން ކަމުން، ރައްޔިތުންނަށް މެނިފެސްޓޯއެއްގައި ހުންނަ ކަންކަމަށް މިނިވަންކަމާއެކު ވޯޓުލުމުގެ ބާރެއް ނޯންނަ ކަމަށެވެ.
"މިއީ އަނެއްކާ ވެސް ރައްޔިތުން ކައިރިން ސާފުކޮށްލަންވީ ވަގުތު. މިހާރު މިއީ ރަނގަޅު ވަގުތުކަމުގައި އަޅުގަނޑަށް ފެނުނީ، މި ނިޒާމު މިހާރު މި އޮތް ގޮތަށް ބާއްވަން ވީތޯ ބަދަލުކުރަންވީތޯ" އޭނާ ވިދާޅުވިއެވެ.
މިއަދުގެ މަޖިލީހުގައި ވެސް އިލްޔާސްގެ އިތުރުން، އެ ޕާޓީގެ މެންބަރުން ވަނީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރުމަށް ފެންނަ ނުފެެންނަ ވޯޓަކަށް ދިޔުމަށް ގޮވާލާ ނުކުންނަވާފައެވެ.
https://sun.mv/181916
ނިޒާމީ ވޯޓަކަށް ދިޔުމަށް އިލްޔާސް ގަރާރެއް ހުށަހެޅުއްވިއިރު، ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީގެ ތެރެއިން ޑިމޮކްރެޓްސް އުފެދިގެން އައި ފެކްޝަން ވަކިވި އެއް ސަބަބަކީ ނިޒާމީ ވޯޓެއްގެ މައްސަލައެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަދެއްކި ބައެއް މެންބަރުން ވެސް ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއްގެ މަޝްވަރާތަކަށް ބަރުލަމާނީ ނިޒާމަކަށް ޝަރުތުކުރުމަށް ގޮވާލައްވާފައެވެ.