ބާރުތައް އޮންނާނީ ވެރިންގެ މުށުތެރޭގައި؛ ނިޔަތަކީ ވެސް އެއީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ޖުމްހޫރިއްޔަތަކަށް ދިވެހި ވެރިކަން ބަދަލުކުރިއިރު، އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ އަތްޕުޅުގައި ވެރިކަން ކުރަން ބޭނުންވި ހުރިހާ ބާރެއް އޮތެވެ. ކުރައްވަން ބޭނުންފުޅުވި ކޮންމެ ކަމެއް ވެސް ކުރެއްވުނީހެވެ. ބާރުތައް ހުންނެވީ ހަގީގަތުގައި މުށުތެރެއަށް ނަންގަވައިގެންނެވެ.

ދިވެހި ސިޔާސީ މާޒީ ނިއުޅައިލީމާ އެތައް ކަމެއް ތިލަވާނެއެވެ.

ރާއްޖޭގައި އޮންނަން ފެންނަނީ ރަސްކަމެއްތޯ، ޖުމްހޫރިތެއްތޯ ބަލަން ރައްޔިތުންގެ ނިކަމެތި އަތަށް ވޯޓު ކަރުދާސް ދިޔައިރު ނާސިރަކީ ބާރުގަދަ ވެރިއެކެވެ. އެ މަނިކުފާނާ ދެކޮޅަށް އެއްޗެއް ބުނާނެ، އިސް އުފުލާ ބަލައިލާން ކެރޭވަރުގެ މީހުންނެއް އޭރަކު ނޫޅެއެވެ.

ދެން އެ ބޮޑު ބަދަލު ގެންނަން 10 އަހަރު ފުރިހަމަ ބާރާއި އިޚުތިޔާރުގައި ބޮޑުވަޒީރުކަން ކުރެއްވި ނާސިރަށް ވިސްނިވަޑައިގަތީ ކީއްވެތޯއެވެ؟

ތާރީޚީ ބައެއް އިލްމުވެރިން ދެކެނީ އެއީ 'ޒަމާނީ ވެރިކަމެއް' ކުރައްވަން ނާސިރު އެޅުއްވި ބިންގަލެއްގެ ގޮތުގައެވެ. އެކަމަކު، އޭގެ އަނެއްކޮޅު ވެސް އެބައޮތެވެ. ދިވެހި ތާރީޚާއި ތަރިކަ ދިރާސާކުރައްވާ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި އޭރު ވެސް ރަސްރަސްކަލުންނަށް މާ ބޮޑު ބާރެއް ނެތަސް، ބައެއް ކަންކަމުގައި އެ ރަދުންގެ އިޒުނައާއި ރުހުން ބޭނުންވެއެވެ.

ހުޅުލޭ އެއާޕޯޓު ހެދުމުގެ މަސައްކަތް ކުރިޔަށް ދިޔަ އިރު ރައީސް ނާސިރު މަސައްކަތް ބައްލަވައިލައްވަނީ ---

"ނާސިރު ބޭނުންފުޅުވީ އެ ހުރިހާ ބާރެއް މުށުތެރެއަށްލާން،" ތާރީޚު ދިރާސާކުރައްވާ ބޭފުޅަކު ކިޔައިދެއްވިއެވެ.

"ހަގީގަތުގައި ރަސްކަލުންގެ އަތްޕުޅުގައި އޮތް އެ ކުޑަކުޑަ ބާރުކޮޅު ވެސް އެހެން ބޭފުޅެއްގެ އަތުގައި ބާއްވަން ބޭނުންފުޅުނުވީ. ހުރިހާ ވެސް ބާރާއި އާރެއް އޮންނަންވާނީ ނާސިރުގެ އަތްޕުޅުގައި ކަމަށް ގަބޫލުކުރެއްވީ. ޖުމްހޫރިއްޔާއެއް އުފެދުނީ އެހެންވެ،"

ބޮޑުގަނޑުވަރުގައި ކޯރަޑި ޖައްސަވައި ދިވެހި މުއްސަނދި ތަރިކައިގެ އެ ބައި ތަޅައިލެއްވީ ވެސް އެ ބޭނުމުގައެވެ. ރަސްކަން އުވާލައި، ޖުމްހޫރީ ވެރިކަމެއް ގާއިމުކުރަން ނާސިރު ބޭނުންފުޅުވީ ހަމަ އެންމެ މަގުސަދެއްގައެވެ. ނާސިރު ނޫން ބޭފުޅެއްގެ އަތްޕުޅުގައި ކުޑަ ވެސް ބާރެއް ނުބާއްވާށެވެ.

ކުރިން އުފެދުނު ފުރަތަމަ ޖުމްހޫރިއްޔާ ގޮތަށެވެ. އެއްވެސް ޖުމްހޫރީ ނިޔަތެއް ނެތިއެވެ.

އާ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ނޮވެމްބަރު 11، 1968 ގައި ތަސްދީގުކުރެއްވުމާ އެކު ރަސްރަސްކަލުންގެ ޒަމާން މާޒީވީއެވެ. ރަސްކަމުގެ މާޒީ މުލުން ލުހެލީއެވެ. ނާސިރު ބޭނުންފުޅުވި ގޮތަށް އެ ދުވަހުން ފެށިގެން ހުރިހާ ވެސް ބޭފުޅަކީ ނާސިރެވެ. ނާސިރު އެކަންޏެވެ. އިތުރު އެއްވެސް ބޭފުޅެއް ނޫނެވެ. ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ ގާނޫނުއަަސާސީގައި މިހާރު މި އޮންނަ މިނިވަން މުއައްސަސާތަކެއް ނޯވެއެވެ. ތިން ބާރު ވަކިވެފަކާއެއް ނޯވެއެވެ. ހުރިހާ ވެސް ބާރަކާއި އާރެއްގެ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ. ހަގީގަތުގައި ބުނާނަމަ، ރަސްކަލަކަށްވުރެ ބާރުގަދައެވެ.

ރައްޔިތުންނެއް އޭރު ރޮލެއް ނުފިލައެވެ. ޑިމޮކްރަސީއާއި ޖުމްހޫރިއްޔަތާއި ރައްޔިތުންގެ ބާރެއް ނޭނގެއެވެ. ކިޔައިދޭކަށް މީހަކު ނުވެސް އުޅެއެވެ.

ބަދަލުވީ ކޮން ކަމެއް؟

ނާސިރުގެ ވެރިކަމަށް ފަހު ދެން ވަޑައިގެން ރައީސް މައުމޫން އަބްދުލްގައްޔޫމް އެއަށް ވުރެ ވެސް ޚުދުމުޚުތާރެވެ. މެދުނުކެނޑި 30 އަހަރު ވެރިކަން ކުރެއްވިއެވެ. ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައްވައިގެންނެވެ. މިނިވަން މުއައްސަސާއަކީ ވެސް، ޝަރީއަތަކީ ވެސް އެ މަނިކުފާނެވެ. ރައްޔިތަކަށް، ނިކަމެއްޗަކަށް ކަމެއް ވާނީ އެ މަނިކުފާނުގެ ހެޔޮފުޅުކަމުންނެވެ.

ދެން އެ ގޮތް ވެސް ކަމުނުގޮސްގެން މީހުން އެއްވީ އިންތިހާ ބިރުވެރިކަމުގެ ތުންފަތް މައްޗަށެވެ. މައުމޫންގެ ވެރިކަމާ ދެކޮޅަށް މީހުން ނުކުމެ، މިނިވަންކަމާއި ހައްގުތައް ކަށަވަރުކުރިއެވެ.

ކުރީގެ ރައީސް މައުމޫންގެ ދެކަނބަލުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ގުރުބާނީގެ އަގެއްގެ ގޮތުން، އޮގަސްޓް 7، 2008 ގައި އާ ގާނޫނުއަސާސީ ނުވަތަ މި އަމަލުކުރާ ފެހި ގާނޫނުއަސާސީ ތަސްދީގުކުރިއެވެ. ކުރިން ފަހިނުވާ އެތައް ފުރުސަތެއް ފަހިކޮށްދިނީއެވެ. ކުރިން ނެތް އެތައް ހައްގެއް ޔަގީންވީއެވެ. ކުރިން ލިބުނު އެތައް އަނިޔާއެއް ނިމުނީއެވެ. މާޒީގެ ޚުދުމުޚުތާރުކަން އަބަދަށް ފަސްދާނުލެވުނީކަމަށް މީހުން ތިބީ ހެވިދިލިގެންނެވެ. އެކަމަކު، ހަގީގަތް މި އޮތީ ފެންނާށެވެ.

އެ ގާނޫނުއަސާސީއަށް 16 އަހަރު ފުރެނީއެވެ. މިނިވަންކަން ކަށަވަރުނުވެއެކޭ ނޫނެވެ. ބިރުވެރިކަން ކުޑަނުވެއެކޭ ނޫނެވެ. އެކަމަކު، ހަގީގަތަކީ ކޮބައިހެއްޔެވެ؟

ބާރު އޮންނަނީ ރައީސްގެ މުށުތެރޭގައި

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އެހާ ބާރުވެރި ބޭފުޅެއް ނޫނެވެ. އުޅުއްވީ ވެސް ވަރަށް އާދައިގެ ދިރިއުޅުއްވުމެވެ. މަގުމަތިން ވެސް ބައްދަލުވާނެއެވެ. އުޅުއްވާނީ އެންމެ އާދައިގެ މީހާ ގޮތަށް ސައިކަލުގައެވެ.

އެކަމަކު، މިހާރު އެހެން ހެއްޔެވެ؟

6 ފެބްރުއަރީ 2025: ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަޑައިގަތުން -- ސަން ފޮޓޯ/ މޫސާ ނަދީމް

އުޅުއްވުން އަބުއިވީ ވާހަކައެއް ނޫނެވެ. ސައިކަލުގައި ނޫޅުއްވާތީ އެ ކަމާއެއް ނޫނެވެ. މިހާރު ރައްޔިތުންގެ މަޖިލީސް އެ ހިނގަނީ އެ މަނިކުފާނު އެދިލެއްވި ގޮތަކަށެވެ. މެންބަރުން އެ ތިއްބެވީ ލަގަން ދޫކޮށްލައްވައިގެންނެވެ. ޝަރުއީ ދާއިރާއަށް ކަން އެވާ ގޮތް އެ ފެންނަނީއެވެ. ސުޕްރީމް ކޯޓުގައި އެ އޮތީ 'މަރުތަޅެއް' އަޅުވައިފައެވެ.

މި ރާއްޖޭގެ ހުރިހާ ވެސް ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އެ މަނިކުފާނު ހިތްޕުޅާނުވާ މޭރުމަކުން މިނިވަން މުއައްސަސާއެއް ވެސް ނުހިނގައެވެ. ކޯޓަކުން އަމުރެއް ވެސް ނުކުރެވެއެވެ. ހިންގާނީ، ކުރާނީ ކިހިނެއް ހެއްޔެވެ؟

ކޯޓުތަކަށް ފަނޑިޔާރުން ލައްވަނީ ކޮން ބޭފުޅެއް ހެއްޔެވެ؟ މިނިވަން މުއައްސަސާތަކަށް ވެރިން އައްޔަންކުރައްވަނީ ކޮން ބޭފުޅެއް ހެއްޔެވެ؟ ރައީސެވެ. އެ މަނިކުފާނު ހިތްޕުޅާވާ ބޭފުޅުންނެވެ. އެ ނަންތައް ހުށަހަޅައި، ފާސްކުރަން އޮންނަ ރައްޔިތުންގެ މަޖިލީސް އޮތީ ރައީސްގެ އަތްޕުޅުގައެވެ. މަޑު ފުށްގަނޑެއްހެން ބޭނުން ބައްޓަމަކަށް މޮޑެލެވޭ ގޮތަށެވެ. އައްޓަމަހެއްހެން ވެސް މޮޑެލެވިދާނެއެވެ.

"ރައީސް ވިދާޅުވެއްޖެއްޔާ މަޖިލީސް އުވާލަން ވެސް މެންބަރުން އެއްބަސްވެދާނެ. އެ ވަރުގެ ދެރަވަރު ކަންކަންދޯ މި މަޖިލީހުން މި ކުރަނީ؟ އަމިއްލަ ބާރުތައް ވެސް ރައީސްގެ އަތްޕުޅަށް ދޫކޮށްލީ އެއްވެސް ޖެހިލުމެއް ނެތި. ދެން ވާނެ ގޮތެއް ވިސްނާލުމެއް ނެތި،" ސިޔާސީ ކަންކަން ދިރާސާކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.

"އެއީ ދޯ ފެށުމަކީ. ފުރަތަމަ މަޖިލީސް. ދެން ޖުޑިޝަރީއާއި މިނިވަން މުއައްސަސާތައް. ކުދިކުދި ފެނަކާ ވަޒީފާތަކުން ގޮސް ސުޕްރީމް ކޯޓުގެ ބެންޗު ވެސް އެ އޮންނަނީ ރައީސްގެ އަތްޕުޅުގައި މުށުތެރޭގައި،"

6 ފެބްރުއަރީ 2025: ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަޑައިގަތުން -- ސަން ފޮޓޯ/ މޫސާ ނަދީމް

ރައީސް މުއިއްޒު އެކަންޏެއް ނޫނެވެ. އޭގެ ކުރިން ވަޑައިގެން ވެރިން ކަން ކުރެއްވީ ވެސް އެ މޭރުމުންނެވެ. ހުރިހާ ރައީސުން ވެސް ބާރުތައް މުށުތެރެއަށް ޖަމާކުރައްވަން މަސައްކަތްކުރެއްވިއެވެ. އަނެއް ދެ ބާރުގެ މިނިވަންކަން ނަގައި އަތުގެ މުށުތެރޭ މޮޑެލަން ނޫޅުއްވަމޭ ވިދާޅުވެވޭނެ ކުރީގެ ރައީސަކު ނެތެވެ. ވިދާޅުވެއްޖެ ނަމަ، އެ ހެއްދެވީ އިތުރުފުޅެކެވެ.

ރަސްރަސްކަލުންނަށް ވުރެ ރައީސުންގެ ބާރު މާ ގަދައެވެ. ވާނީ ވެސް އެހެންނެވެ. ޖުމްހޫރިއްޔަތެއް ގެންނަން ބޭނުންވި ނިޔަތަކީ ވެސް އެއީއެވެ. ހުރިހާ ވެސް ބާރެއް މުށުތެރެއަށް ލުމެވެ.

ރަށްރަށުގެ ކުދިކުދި ވަޒީފާތައް ވެސް ކޮންޓްރޯލްކުރައްވަނީ ރައީސެވެ. އެ ތަންތަނަށް ލައްވަނީ އެ މަނިކުފާނުގެ ހިތްޕުޅާވާ ބޭފުޅުންނެވެ. ސިޔާސީ ގޮތުން ފިކުރު ދިމާވާ، ކެމްޕޭން ކޮށްދޭނެ މިތުރުންނެވެ. ފަނޑިޔާރު ގެއަށް ވެސް ލައްވަނީ އެ ގޮތް ބައްލަވާފައެވެ. މިނިވަންކަމާ އެކު މަސައްކަތްކުރެވެނީ ކޮން ބަޔަކަށް ހެއްޔެވެ؟ ކިތަންމެ ފަށުއި އިބާރާތަކުން، މާ މޮޅު އިދާރާތަކަށް ހަދާފައި ހުއްޓަސް މިނިވަނީ ކޮން ތަނެއްހެއްޔެވެ؟

މި ގައުމުގައި އޮތީ ބޮޑު އެއް ބާރެވެ. އެއީ، އެ އިރެއްގައި ހުންނަވާ ރައީސެއްގެ ބޮޑު އަތްޕުޅެވެ. ބާރުތައް އޮންނާނީ މުށުތެރޭގައެވެ. ނިޔަތަކީ ވެސް އެއީއެވެ.

comment ކޮމެންޓް