ޕްލޭނެއް ނެތް ނިންމުންތަކާއި ދިވެހި އިގްތިޞާދު: މިއީ ބޮޑު ޖޯކެއް؟

މީގެ ފަސް މަހެއްހައި ދުވަސް ކުރިއެވެ. މި އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގެ ދުވަސްވަރު އިވުނީ އިގްތިޞާދީ ގޮތުން ބިރުވެރި ޚަބަރުތަކެވެ. އިގްތިޞާދު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމާއި، ހަމަ އެއްވެސް ކަމެއް ކުރެވެން އޮތީ އިގްތިޞާދަށް ނޭދެވޭ އަސަރެއްކޮށްފާނެ ކަންކަން އިސްލާހުކޮށްގެން ކަމަށް ސަރުކާރުގެ ވެރިން ބުނަމުން އައީ ވަަރަށް ބާރަށެވެ. ބޭރުން ޓޭކްއަވޭތައް މަދުކޮށް، ގޭގައި ގަރުދިޔަ ބަތްކާން ވެސް ބޭފުޅަކު ރައްޔިތުންނަށް ގޮވައިލެއްވިއެވެ.

އާންމުންގެ ނުރުހުމާއި، ފާޑުކިޔުމާއެކު ބަޖެޓު ފާސްވެ، މާ ގިނަ ދުވަހެއް ނުވެ ނުތަނަވަސްކަމުގެ ވާހަކަތައް ހިނދުނެވެ. އިސްލާހީ ފިޔަވަޅުގެ ނަމުގައި ތަންފީޒުކުރަން ފެށި ދެތިންކަމެއްގެ މަތިން ރައްޔިތުންގެ ޝަކުވާގެ އަޑު ވެސް މަޑުވިއެވެ.

އެކަމު އަނެއްކާ ވެސް 'ޖޯކަކަށް' ވެފައި މިވަނީ އިސްލާހުކުރަން އެޅި ފިޔަވަޅުތައް އަނބުރައި ގެންގޮސް އިހު އޮތް ގޮތަށް ކަންކަން ބައްޓަން ކުރުމާއެކުގައެވެ. އިސްރާފުގެ މަގަށް ކަންކަން ތަރުތީބުވެފައިވާ ތަން ފެނުމުންނެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: -- ފޮޓޯ/ ރައީސް އޮފީސް

އިގްތިޞާދީ ނިންމުންތަކުގައި ޕްލޭނެއް ނެތްކަން ހާމަވާ އެތައް ކަމެއް!

އާސަންދަ: ފަސް މަސް ތެރޭ "އިސްރާފު"ގެ މާނަ އޮޅި ކުރިން އޮތްގޮތަށް

މީގެ ފަސް މަހެއްހައި ދުވަސްކުރިން އިރުއިރުކޮޅުން ނޫސްވެރިން އެންސްޕާ ނުވަތަ ފިނޭންސް މިނިސްޓްރީއަށް ކުއްލި މީޓިންތަކަށް ގެންދިޔަ އެއް ސަބަބަކީ، އާސަންދައިން ކުރާ 'އިސްރާފު'ގެ ބޮޑުކަމާއި އެ ނިޒާމު ހަރުދަނާ ކުރަންޖެހޭކަމުގެ ވާހަކަތައް ބުނެދިނުމެވެ.

އެންސްޕާއާއި އާސަންދައިގެ އިސްވެރިންނާއި، ރައީސް އޮފީހުގެ ޕޮލިސީ އޮފީހުގެ އިސްވެރިން ހިމެނޭހެން ކުރިއަށް ގެންދިޔަ މި ބައްދަލުވުންތަކުގައި އެ ދުވަސްވަރު ދެކެވުނީ އާސަންދަ ކޮންމެހެން ވެސް ހަމަ މަގަށް އަޅުވަން ޖެހޭ ވާހަކައެވެ. ޕްރައިވެޓް އިންޝޫރެންސާއި، އަމިއްލަ އޮފިސްތަކުން ދޭ އިންޝުއަރެންސާއި، ސިފައިންނާއި ފުލުހުންގެ މެޑިކަލް ސްކީމްތަކުގައި ތިބި މީހުންނަށް އާސަންދަ ލިބޭނެ ގޮތް އިސްލާހުކޮށް ޚަރަދުކުޑަކުރާ ވަހަކައެވެ.

އެ ކަމުގައި ކޮންމެވެސް ސިފައަކުން އަމަލީ ސިފަ ޖައްސައި، މި ފަސް މަހެއްހައި ދުވަހު ޕްރައިވެޓް އިންޝުއަރެންސް އޮތް މީހުންނަށް، އެ އިންޝުއަރެންސް ކަވަރުކުރާ ކަންކަމުގައި އާސަންދަ ނުދެއެވެ. އިސްރާފު ކުޑަކުރުމުގެ ނަމުގައެވެ.

ކުއްލިއަކަށް އެއްވެސް ބަޔަކަށް އެނގުމެއް ނެތި މި ބޮޑު ނިންމުން އާސަންދައިން މި މަހު ބަދަލުކުރީ އެއްވެސް ސަބަބެއް ނުދައްކައެވެ. އާސަންދަ އިސްލާހުކުރަން ނިންމި ނިންމުން ބަދަލުވެ "އިސްރާފު"ގެ މާނަ ބަދަލުވީއެވެ.

"ރައްޔިތުން އަތުން އަތުލާނެ ވަރަކަށް އަތުލައިފައި މި ނިންމުން ބަދަލުކުރީ. ކިހާ ހެޔޮފުޅު،" އެ ނިންމުން ނިންމި ޚަބަރާ ގުޅިގެން ފާޑު ކިއީ އާންމު ރައްޔިތަކު އެކްސްގައި ލިޔެފައިވެއެވެ.

ޑަބަލް ޕެންޝަން ހުއްޓައިލުން: ތަންފީޒު ނުވެސް ކުރި

އިގްތިޞާދީ ކާރިސާގެ ބިރުވެރިކަމުގެ ވާހަކަ ދެކެވުނު ދުވަސްވަރު، އިތުރު ބޮޑު ކަމަކަށް ތަންފީޒުކުރަން ނިންމި ކަމަކީ ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 'ޑަަބަލް ޕެންޝަން' ލިބޭ އިދާރާތަކުން، ޖެނުއަރީ އެކަކުން ފެށިގެން އަލަށް ރިޓަޔާވާ މީހުންނަށް ކޮންމެ މަހަކު ދެމުން އަންނަ އެލަވަންސް ކަނޑާލުމެވެ.

ރޭގަނޑުގެ ދަން ވަގުތުތަކުގައި ނޫސްވެރިންނާ ބައްދަލުކޮށް، މި ކަމުގެ ބޮޑުކަމާއި، މުހިންމުކަމާއި، މި ކަން ތަންފީޒުކޮށްފިނަމަ ދައުލަތުގެ މާލިއްޔާއިން ސަލަމާތްވާނެ ފައިސާގެ އަދަދު ބުނެދިނުމަށް ޓަކައި ދިގު މީޓިންތައް ބޭއްވިއެވެ.

https://sun.mv/199767

ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު، އެ ނިންމުން ނިންމިއިރު، ޖެހިގެން އައި ދުވަހު ސަރުކާރުން ނިންމީ ކުރިން އޮތްގޮތަށް ޕެންޝަން ނިޒާމު ކުރިއަށް ގެންދާށެވެ. އެއް ރެއިން ދެއްކި ވާހަކަތައް ބަދަލުވީއެވެ. މިއީ ވެސް އިގްތިޞާދީ ނިންމުންތަކުގައި ޕްލޭނެއް ނެތްކަން ހާމަވާ އެއް ނިންމުމެވެ.

ޑިވެލޮޕްމަންޓް ބޭންކު: ހިނގަން ނުފެށެނީސް ވެރިޔާ ވަކިވެއްޖެ

ރައީސް ޑރ. މުޙައްމަދު މުުއިއްޒުގެ އެންމެ ބޮޑު އެއް ތަސައްވުރަކީ ރާއްޖޭގައި އިންވެސްޓްމަންޓުތައް އިތުރުކޮށް އިންވެސްޓަރުންގެ ޝައުގު ރާއްޖެއާ ދިމާއަށް ފަހިކުރުވާނެ ޑިވެލޮޕްމަންޓު ބޭންކެއްގެ ޚިދުމަތް ފުރަތަމަ ފަަހަރަށް ފެށުމެވެ.

އެ ކަމަށް ޓަަކައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި އިދާރާއެއް އުފައްދަވައި، އެ ތަނަށް ބޭރުގެ ތަޖުރިބާކާރު ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް، މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ ގޮތުގައި ހަަމަޖެއްސިއެވެ.

ނަމަވެސް ތަނުގެ ޚިދުމަތް ރަސްމީކޮށް ނުވެސް ފެށެނީސް މީގެ ދެ ދުވަހެއްކުރިން އޭނާ ވެސް އިސްތިއުފާ ދެއްވިއިރު، އެ ކަމުގައި ވެސް ސަބަބުތަކެއް ހުންނާނެއެވެ.

މިދިޔަ އަަހަރުގެ މޭ މަހު އުފެއްދި ޑިވެލޮޕްމަންޓު ބޭންކަށް، އަހަރެއް ވާން ގާތްވީއިރު ވެސް މަސައްކަތް ނުފެށި އޮތުމަކީ ވެސް އިގްތިޞާދީ ބޮޑެތި ނިންމުންތައް ނިންމައި، ކަންކަން އިއުލާނުކުރާއިރު ޕްލޭނެއް އޮތް ކަމާމެދު ސުވާލު އުފެދޭ ކަންކަމެވެ.

ސެޕްޓެމްބަރ 7، 2021: މަރުކަޒީ ބޭންކް އެމްއެމްއޭ އަށް މީހަކު ވަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިގްތިޞާދީ ހާލަތު ވަރަށް ސާފު، އޮތީ މުޅިން ގޯސްކޮށް

މި ހުރިހާ ނިންމުންތަކަކުން އުފެދޭ ހަގީގީ ސުވާލަކީ މިހާރު އިގްތިޞާދަށް ހަމަ އެއްވެސް ހިރާހެއް، ބިރެއް ނެތީތޯއެވެ. އިކޮނޮމިސްޓް އާތިފް ޝަކޫރު ލިޔުއްވައިފައިވާ ލިޔުއްވުމެއްގައިވާ ގޮތުން އިގްތިޞާދަށް އޮތް ބިރު، މި ފަހުން އިސްތިއުފާ ދެއްވި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދުގެ އިސްތިއުފާގެ ބަޔާނުން އެކަނި ވެސް ހާމަވާން އެބައޮތެވެ.

ސިޔާސީ ޗަރުކޭހުގެ ތެރެއިން އިގްތިޞާދީ ހާލަތަށް މާ ބޮޑު ސަމާލުކަމެއް ނުދެވި އޮތް ނަމަވެސް ހިސާބުތަކުން ވެސް އެ ބިރު ފެންނަން އެބައޮތެވެ. ޚަރަދު ކުޑަކުރުމުގެ ބައެއް ކަންކަން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހިމަނައިފައިވެއެވެ.

އާތިފް ލިޔުއްވައިފައިވާ ގޮތުގައި އެކަން ހިމަނައިފައި އޮތީ އަހަރުގެ ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުން ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް ވިސްނައިގެންނެވެ. ނަމަވެސް މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކަނީ އެހެން މަންޒަރެކެވެ. މިދިޔަ ފެބްރުއަރީ ނިމުނުއިރު ލިބުނު ޖުމްލަ އާމްދަނީ ވަނީ 2024ވަނަ އަހަރުގެ ފެބްރުއަރީގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު 480 މިލިއަން ރުފިޔާ މަދުވެފައެވެ.

މީގެ އިތުރުން މި މަހުގެ ހަވަނަ ދުވަހާ ހަމައަށް ފިނޭންސް މިނިސްޓްރީން ނެރުނު ފިސްކަލް އަޕްޑޭޓުގައިވާ ގޮތުން އާމްދަނީ ދަށްވި ނަމަވެސް މުސާރައަށް ކުރި ޚަަރަދުވަނީ 225 މިލިއަން ރުފިޔާ އިތުުރުވެފައެވެ.

އާސަންދަ ''ރިފޯމްކުރި'' ނަމަވެސް މިދިޔަ އަހަރަށްވުރެ މި އަހަރު އާސަންދައަށް ކުރި ޚަރަދު ވަނީ އިތުރުވެފައެވެ. މާޗު ހަ ވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް 426.3 މިލިއަން ރުފިޔާ ޚަރަދުކުރިއިރު މިދިޔަ އަހަރު މި މުއްދަތުގައި ޚަރަދުވީ 403.4 މިލިއަން ރުފިޔާއެވެ.

މި ހުރިހާ ކަމާއެކު ކެޕިޓަލް މަޝްރޫއުތަކަށް ކުރި ޚަރަދުވީ ބޮޑުތަނުން ދަށެވެ. ނަތީޖާއަކަށްވީ އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތައް ހިންގަން އިގްތިޞާދުގައި ދައުރުވާނެ ފައިސާ ނެތުމެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭއިން، އިގްތިޞާދަށް ފައިސާ އިންޖެކްޓުކުރަން އުޅުމުގެ ރަތް ސިގްނަލާއެކު، އަނެއްކާ ވެސް ފެންނަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ފަދަ އިދާރާތަކުގެ މާލީ ލަފާ ބޮލައިލާ ޖަހައި މަންޒަރެވެ. އިގްތިޞާދީ މާހިރުންގެ ބަސްނުވިކި، އެ މީހުން މަޑުމަޑުން އެކަހެރިވަމުން އަންނަ ތަނެވެ.

ރައީސް ޑރ. މުއިއްޒު ރަސްމީ ފާލަން ހުޅުވައިދެއްވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ކަންކަން ފޮރުވަނީ ސިޔާސީ ޑްރާމާއިން

އިގްތިޞާދު އޮތް ދަށް ހާލަތު ރައްޔިތުންނަށް މިއަަދު އިހުސާސްވެއެވެ. އެއީ އެ މީހުންގެ އަމިއްލަ ޖީބުތަކަށް ވެސް މިއަދު އެ އަސަރު ފޯރަމުން ދާތީއެވެ. އާދައިގެ ދަނޑުވެރިޔާއާއި، މަސްވެރިޔާއާއި، ކަންމަތީ ފިހާރައާއި، ކުދި ސައިހޮޓާތައް ހިންގާ މީހުންގެ ވިޔަފާރިތައް އިންތިހާއަށް ދަށް ވާހަކަ ކިޔައިދެނީ ވިޔަފާރިވެރިން އަމިއްލަ ދުލުންނެވެ.

ކުރިން އެންމެ ޑިމާންޑު ބޮޑު ކެފޭތަކަށް ވަންނާނެ މީހަކު ނުވެ، ބައެއް ތަންތަން ބަންދުކޮށްފިއެވެ. ދުވާލަކު އެތައް ހާސް ރުފިޔާއެއް ހޯދާ މީހަކަށް މިއަދު ލިބެނީ މަދު އެއްޗެކެވެ.

https://sun.mv/203919

އާތިފްގެ ލިޔުއްވުމުގައިވާ ގޮތުން ގައުމު މިހާލުގައި އޮތްއިރު ވެސް ސަރުކާރުން އިސްކަން ދެނީ މުޅިން އެހެން ކަމަކަށެވެ.

އެއީ ރައްޔިތުން ނުވެސް އެދެނީސް، ދައުލަތުން ބުރަ އުފުލައިގެން މަސްދަޅު ކޭސް ބެހުމާއި، އަމިއްލައަށް އިސްނައިގައިގެން އިތުރު ސަބްސިިޑީތައް ދޭން ހުށަހެޅުމެވެ.

އެކަމަަކު މިއީ މި ސިޔާސީ ޑްރާމާ ހުއްޓަންވީ ވަގުތެވެ. ނިންމުންތައް ހަރުދަނާކޮށް ޕްލޭނެއްގެ ދަށުން ކަންކަން ކުރަން ސަރުކާރުން ވިސްނަންވީ ވަގުތެވެ. އެ މަންޒަރު ފެނިގެން ނޫނީ ގައުމު ތަރައްގީއެއް ނުވާނެއެވެ.

comment ކޮމެންޓް