ބަންގާޅީއަކީ އެއީތަ؟ ނޫނީ މިއީތަ؟

ޑރ. އަޝްރަފްގެ ބަސް-- ސަން ގްރެފިކްސް

އިބުރާހީމް: ކަލޭ ކޮން ވައްތަރު ހުންނަނީ. އިއްޔެ ވެސް މަސައްކަތު ނާންނަނީ.

ނޫރުމިޔާން: ބޮސް، އަހަރެން ބަލި ހުންނަނީ. ވަރަށް ބޯކޮށް ހުން ހުންނަނީ. ތަދު ހުންނަނީ.

އިބުރާހީމް: ބޯކޮށް ބަލި ހުންނަނީ، އެކަމު މަސައްކަތު އަންނަނީ. ބޭސްކަނީ. ދެން އަންނަނީ. ރަނގަޅު ހުންނަނީ.

ނޫރުމިޔާން: އޯކޭ ބޮސް. އަހަރެން ބަލަނީ.

އިބުރާހީމް: ކޮން އެއްޗެއް ބަލަނީ، އިއްޔެ ވެސް އެތާނގައި ހުންނަ މަސައްކަތް ބަލަން ބުނީމަ ނާންނަނީ. ދެން ކޮން ބަލަނީ.

ނޫރުމިޔާން: މަސައްކަތު އަންނަތޯ ބަލަނީ.

އިބުރާހީމް: ކާކު އަންނަ ތޯ ބަލަނީ؟

ނޫރުމިޔާން: މީހަކު އަންތޯ ނުބަލަނީ. އަހަރެން އަންނަނީ. އަހަރެން މަސައްކަތު އަންނަނީތޯ ބަލަނީ؟

އިބުރާހީމް: ކޮން އެއްޗެއްހޭ ބަލަނީ.

ނޫރުމިޔާން: އެކަތި ވެސް ނުބަލަނީ. އަހަރެން ބަލަނީ އަންނަނީ ތޯ؟

އިބުރާހީމް: ހޫނ ދެން ހެޔޮ! ކިހާ ދެރަކަމެއް. މިއިން މީހަކާ ވާހަކަދައްކަންޖެހުނަސް ބޯ ހަލާކު ވެދާނެ. ދޭ ދޭ! މަސައްކަތް ބަލަންދޭ!

.........................................................

ރާއްޖޭގެ ވެރިރަށާއި އަތޮޅުތަކުގެ ރަށްރަށުގައި މަސައްކަތްކުރުމަށް ވަރަށް ގިނަ އަދަދަކަށް ބިދޭސީން އުޅެއެވެ. ވަކި މަސައްކަތެއް ނެތެވެ. ވަކި ތަނެއް ނެތެވެ. ހަމަ ކޮންމެ މަސައްކަތެއް ގައި ވެސް އަދި ކޮންމެ ތަނެއްގައި ވެސް ބިދޭސީންނެވެ. ގޭގެ އެތެރެގެއިން ފެށިގެން މާ ކަނޑުގެ މަސްދޯނިފަހަރުގައި ވެސް ބިދޭސީންނެވެ. ބަދިގޭގެ އުނދުނު ފުއްޑަނުން ފެށިގެން އެންމެ އުސް ބިނާތަކުގައި ސިމެންތިޖަހަން އަރައި އޮންނަނީ ވެސް ބިދޭސީއެކެވެ. އަނބިމީހާގެ މަސައްކަތަށް ފަސޭހަކޮށްދީ އަތްގާތްކޮށްދިނުމުގެ ޒިންމާއާ ވެސް ހަވާލުވެ ހުންނަނީ ބިދޭސީއެކެވެ. ކަރުކަނޑާލުމަށް ނޭދުނަސް، ކުރަފަތަށް ފަހިވާ ގޮތަށް ކަނދުރާ ހަވާލުކޮށްގެން އޮންނަން މި ޖެހެނީ ވެސް ބިދޭސީއަކަށެވެ.

ހުޅުވިފައިވާ މި ދުނިޔޭގައި ރާއްޖޭގެ ބޯޑަރުން އެތެރެވުމަށް ހުރި ފަސޭހަކަމާއެކު އޭގެ ފައިދާ ނަގައި އެތެރެވެފައިވާ މީހުން ވެސް މަދެއް ނޫނެވެ. ހަމަގޮތުގައާއި ނަހަމަ ގޮތުގައި ވެސް މީހުން އައިސް މި ގައުމުގައި ފަސޭހަކަމާއެކު އުޅެވެއެވެ. މަސައްކަތްކުރެވެއެވެ. ފައިސާހޯދައި އަމިއްލަ ގައުމަށް އެ ފައިސާ ފޮނުވެއެވެ. އެހެންވީމާ މި ގައުމަށް ނާންނަންވީ ސަބަބެއް ނެތެއް ނޫން ހެއްޔެވެ. އަންނަންވީއެވެ. އަންނާނެ ވަރަކަށް އަންނަންވީއެވެ.

ނުގަވައިދުން ބިދޭސީން މި ގައުމުގައި އުޅުމަށް ހިތްވަރު ދެނީ ދިވެހީންނެވެ. ބިދޭސީން މި ތަނަށް އައުމާއެކު މަސައްކަތްތައް އެ މީހުންނާ ހަވާލުކުރަނީ ދިވެހީންނެވެ. އެތެރެގެއަށާއި ބަދިގެތެރެއަށް ވެސް ވައްދަނީއެވެ. ބިންކޮނުމަށާއި އުސް ބިނާތަކުގައި ޓިނުޖަހަން ވެސް އަރުވަނީއެވެ. މަސައްކަތުގެ އިތުރަށް ގޭގެ ތަޅުދަނޑިއާއި ގޭގެ އޮޅިގަނޑު ވެސް ހަވާލުކުރަނީއެވެ. އެހެންވީމާ އެ އޮޅި ގިރާކޮށް ނުވަތަ އެ އޮޅިގަނޑު މަތީ އިށީނދެ އިނަސް އެ ބިދޭސީ މީހާގެ މައްސަލައަކީ ކޮބައިހެއްޔެވެ. "މައްސަލަ ނުހުންނަނީ ދޯއެވެ؟"

އިބުރާހީމާއި ނޫރުމިޔާންއާ ދެމެދު ދެކެވުނު ވާހަކައަށް އެއްވެސް އެއްޗެކޭ ނުބުނެ ހާދަ ދިގު ހާސަރެއް ލިޔެވިއްޖެއެވެ. އެހެންވީމާ އެ ވާހަކަދައްކައިލަމާ ހިނގާށެވެ. ގޭގެ އޮޅިގަނޑު އުފުރައިލައިގެން ގެންދިއުމާ އެއްވަރުގެ ކަމެއް، އެ ދެ މީހުންގެ ދެކެވޭ ވާހަކައިން ފާހަގައެއް ނުވޭހެއްޔެވެ؟ އަޅުގަނޑަށް ފާހަގަވެއެވެ. އެ ދެކެވޭ ވާހަކަކޮޅަކީ އިބުރާހީމް ކިޔާ ދިވެއްސަކާއި ނޫރުމިޔާން ކިޔާ ބަންގާޅީއެއްގެ ދެމެދުގައި ދެކެވިފައިވާ ވާހަކަކޮޅެއް ކަމަށް ހިތަށް ގެންނަމާ ހިނގާށެވެ. ދިވެއްސަކު ބިދޭސީއަކާ ވާހަކަދައްކަމުން ދިޔައިރު އެ ދެމީހުންގެ ތެރެއިން ދިވެއްސަކީ ކޮބައިކަން ފާހަގަކުރަންދަތިވެއެވެ. މިއީ ކަރުދާހެއްގައި ލިޔެފައިވާ ލިޔުމެއްވީމާ އަދި އަމުދުން އެކަން ދަތިވެއެވެ. ފަހަރެއްގައި އެ ދެ މީހުން ވާހަކަދައްކަމުން ދިޔަ ތަނުގައި ހުރެވުނު ނަމަ އެ ދެ މީހުން އަޅައިގެން ތިބި ހެދުމުން އެކަން ދެނެގަނެވުނީސްކަން ނޭނގެއެވެ. އިތުރު ގޮތެއް އެ ދެމީހުން ދެނެގަތުމަށް ހަމަ ނެތީ ހެއްޔެވެ؟

ނޫނެކެވެ. އަޅުގަނޑަށް އެ ދެމީހުންނަށް ކިޔައިފައިވާ ނަމުން ވެސް އެއީ ދެ ގައުމެއްގެ ދެ މީހުންކަށް ސާފުވެއެވެ. "ނޫރުމިޔާން" ކިޔާ ދިވެއްސަކު ރާއްޖޭގައި އުޅެފާނެބާވައޭ ހިތަށް އަރައެވެ. އާންމުކޮށް ރާއްޖެއަށް މަސައްކަތްކުރަން އަންނަ ބަންގްލަދޭޝް މީހުންގެ ނަމުގެ ފަހަތަށް މިޔާން ކިޔައިފައި ހުންނަކަން ގިނަ ދިވެހީން މިހާރު ދަންނާނެއެވެ. ނޫރުމިޔާން، ސަންމިޔާން، ބަހާދަރުމިޔާން ފަދަ ނަންނަމަކީ ނަން އަޑު އިވުމާއެކު ބަންގާޅީއެއްކަން ހިތަށް ވެރިކުރުވާ ނަންނަމެވެ. އިބުރާހީމް ކިޔާ ބަންގާޅީން އުޅުނަސް އެއީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު ދިވެހީންގެ ނަމެކެވެ. އެހެންވީމާ މީހުންނަށް ކިޔާ ނަމުން ވެސް އެއީކޮން ގައުމެއްގެ ބައެއްކަން ބައެއް ފަހަރަށް އަންގައިދެއެވެ.

ދެން އޮތީ ދެމީހުންގެ ދެމެދުގައި ދެކެވިފައިވާ ވާހަކައެވެ. ދައްކާފައި ހުރި ވާހަކައަށް ބަލައިލުމުން އެ ތަނުން ދިވެއްސަކީ ކޮބައިކަން އެނގޭނޭ ހަމައެއް ގޮތެއް ވެސް ނެތެވެ. އެކަމަކު ދެކެވޭ ވާހަކަ ނިންމާލަމުން އިބުރާހީމް ބުނި ވާހަކައިން އޭނާއަކީ ނޫރުމިޔާން ދެއްކި ވާހަކަދޭހަވުމަށް ދަތިވި މީހެއްކަން އެނގުނެވެ. އަޅުގަނޑު ހިތަށް އަރަނީ ނޫރުމިޔާންގެ ވާހަކަ ދެނެގަތުމަށް އިބުރާހީމަށް ދަތިވި ގޮތަށް، ހަމަ އިބުރާހީމް ދެއްކިވާހަކަ ދެނެގަތުމަށް ނޫރުމިޔާން އަށް ވެސް ދަތިވާނެތާއެވެ. އެކަމަކު އެކަމެއް އިބުރާހީމަކަށް ނުވިސްނުނެވެ. ވާނީވެސް އެހެންތާއެވެ. މިތަނުގައި ވެރިމީހާއަކީ އިބުރާހީމް ވިއްޔާއެވެ. ވެރިންނެއް ދުވަހަކުވެސް ކުށްވެރިއެއް ނުވޭ ނޫންހެއްޔެވެ؟ "ދަ ބޮސް އިސް އޯލްވޭސް ރައިޓް" ނޫންތޯއެވެ. މިތަނުގައި މިވީ އެހެންނެވެ.

ދެކެވޭ ވާހަކަކޮޅުގައި ހުރި "ކަމެއް" ހުރީ އެއް ޒަމާނަކަށް ފައްތާފައެވެ. ހުރިހާ "ކަމެއް" ވެސް ބަސްބުނި ހިނދު ހިނގަމުންދަނީއެވެ. ހުންނަނީ، އަންނަނީ، ތަދުހުންނަނީ، ނާންނަނީ، ބަލަނީ ފަދަ ކޮންމެ ލަފުޒަކީ ހިނގަހިނގާ ހުންނަ ޒަމާނަށް ނިސްބަތްކޮށް ބުނެވިފައިވާ ލަފުޒުތަކެވެ. މާޒީގައި ހިނގައިދިޔަ ކަމަށް ވެސް އޮތީ އެހެންނެވެ. އަންނާން އޮތް ޒަމާނަށް ވެސް އޮތީ ހަމަ އެހެންނެވެ. ދިވެހިބަހުގެ ޒަމާންތައް ދެނެނުގަނެވޭ މީހާގެ ވާހަކަތަކުގައި ވެސް ހުރީ އެހެންނެވެ. ދިވެހިބަސް އެނގެންޖެހޭ، އެ މީހެއްގެ މާދަރީ ބަހަކީ ދިވެހިބަސްކަމުގައި ވީ މީހާގެ ވާހަކަވެސް ހުރީ ހަމައެހެންނެވެ. ނުވަތަ އެއަށް ވުރެ ނުބަޔެވެ.

މިއީ ދެރަކަމެކެވެ. ބިދޭސީން އެމީހަކަށް އެނގޭގޮތަށް އެނގޭ މިންވަރަކުން ކޮށަކޮށައިގެން ކޮށި ދިވެހިބަހުން ވާހަކަދެއްކިއަސް، ދިވެއްސަކު އެ ގޮތަށް ވާހަކަދައްކާކަށް ނުޖެހެއެވެ. ރީތި ދިވެހިބަހުން ވާހަކަދައްކަމާހިނގާށެވެ. ބިދޭސީގެ ވާހަކައިގައި ހުރި ކުށްތައް ފިލުވައިދީ ރަނގަޅުކޮށް ނުދިނަސް ތިމާގެ ވާހަކައިގައި އަންނަ ޒާމާނަށް ނިސްބަތްވާ "ކަން" އެ ޒަމާނަކަށް ނިސްބަތްކޮށް ބުނަމާ ހިނގާށެވެ. އަމިއްލަ ބަހަށް ލޯބިކޮށް އަމިއްލަ ބަހުން ރީތިކޮށް ވާހަކަދައްކަމާ ހިނގާށެވެ. އެއީ ބަންގާޅީއެއްކަމުގައި ވިޔަސް ތިމާއަކީ ބަންގާޅީއަކަށް ނުވަމާ ހެއްޔެވެ؟ އާއެނކެވެ. ބަންގާޅީއަކީ އެއީ އެވެ. އަހަރެންނަކީ ދިވެއްސެކެވެ.

comment ކޮމެންޓް