އަަލަތު ކައިވެންޏަށް 3000 ފްލެޓް މުއިއްޒުގެ ސަރުކާރުގައި ހާއްސަަކުރަނީ

އަލަތު ކައިވެނިކުރާ ޒުވާނުންނަށް ހާއްސަކޮށްގެން، ޒުވާން އާއިލާތަކަށް ފްލެޓް ހާއްސަކުރާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމް، ޕީއެންސީގެ މެނިފެސްޓޯ އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގެ ހައުސިން ސްކީމެއްގައި ވަކި ކެޓަގަރީތަކަކަށް ހާއްސަކޮށްގެން ފްލެޓް ދެވޭނެ ކަމަށެވެ.

އެ ގޮތުން އޭނާގެ ސަރުކާރެއްގައި ޒުވާން އާއިލާތަކަށް ދެ ކޮޓަރީގެ 3000 އެޕާޓްމަންޓް ހާއްސަކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އެކަނިވެރިމައިންނާއި އެކަނިވެރި ބަފައިންނަށް ހާއްސަކުރެވިގެން ދެ ކޮޓަރީގެ 1000 އެޕާޓްމަންޓް ހާއްސަކުރެވޭނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކުރެވިގެން ދެ ކޮޓަރީގެ 500 އެޕާޓްމަންޓް ހިމެނޭނެ ކަމަށް ވެސް ވިދާޅުވިއެވެ

މީގެ އިތުރުން، ޓޫރިޒަމް ސެކްޓާގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށް ވެސް ފްލެޓްތަކެއް ދެވޭނެކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ހިންގޭ ހައުސިން ސްކީމުގައި މާޖިނަލައިޒް ކުރެވި ހާއްސަ ކެޓަގަރީތަކަކަށް ފްލްޓް ދެވޭނެ ކަމަށެވެ.

"އެ ބޭފުޅުން ކުރާ މަސައްކަަތުން އަޅުގަނޑުމެންގެ އިގްތިސޯދަށް އެންމެ ބޮޑު އެއްޗެއް ވަންނަނީ. އެ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށް ސޯޝަލް ހައުސިން ސްކީމް ތެރޭގައި ކަނޑައަޅާ އެ ފަރާތްތަކަށް ވެސް ގޯތި ދެވޭނެ،"

މީގެ އިތުރުން، މައިމުޅަވާ ފަރާތްތަކަށާއި ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ވެސް ހައުސިން ސްކީމްގައި ފްލެޓް ލިބޭނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، މުއިއްޒުގެ މެނިފެސްޓޯގައި ގޯއްޗަށް ނުވަތަ އެޕާޓްމަންޓަކަށް އެދޭ އަދި ޝަރުތު ހަމަވާ 18 އަހަރުން މަތގެ ކޮންމެ ރައްޔިތަކަށް އެ ކަން ކަށަވަރުކޮށްދެވޭނެކަމަށް ބުނެފައިވެއެވެ.

ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް 65،000 ގެދޮރު ޔަގީންވާ ގޮތަށް ގައުމީ ތަރައްގީގެ މައި ތަނބުގެ ގޮތުގައި ގްރޭޓާ މާލެ ރީޖިއަން އިތުރަށް ތަރައްގީ ކުރާނެކަމަށް ވެސް އެ މެނިފެސްޓޯގައި ވެއެވެ. އެ ކަމުގެ ތަފްސީލްތައް ވެސް މުއިއްޒު މިރޭ ވަނީ ހިއްސާކުރައްވައިފައެވެ.

comment ކޮމެންޓް