މުއިއްޒު ކައުންސިލްގައި 365 ވަޒީފާ އުފެއްދި، އެ ކަމަށް މަހަކު 3 މިލިއަން

މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީގެ މޭޔަރު ކަމާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މި ދައުރުގައި ހަވާލުވެލެއްވި ފަހުން، އަލަށް 365 ވަޒީފާއާއި 13 ކޮންސަލްޓެންޓުން އެ ކައުންސިލަށް ނަގާފައިވާކަން ހާމަވެއްޖެއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މިދިޔަ ޖޫން މަހުގެ ތިންވަނަ ދުވަހު "ސަން"އިން އެދުނު މައުލޫމާތަށް ލިޔުމުން، އެ ކައުންސިލުން ފޮނުވި ޖަވާބުގައި ބުނެފައިވަނީ މިދިޔަ މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ކައުންސިލްގައި މުޅިން އަލަށް 365 ވަޒީފާ އުފައްދާފައިވާ ކަމަށެވެ. އަދި، ބޮޑު މުސާރައެއްގައި 13 ފަރާތެއްގެ ކޮންސަލްޓެންސީ ހޯދާ ކަމަށެވެ.

ސިޓީ ކައުންސިލްގައި 20 ކައުންސިލަރުން ތިއްބަވާއިރު މެޖޯރިޓީ އޮތީ އިދިކޮޅު ޕީޕީއެމްގައެވެ. ސަރުކާރު ހިންގާ އެމްޑީޕީގެ ދެ މެންބަރުން ތިއްބަވައެވެ. އަދި، އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްގެ މެންބަރުން ވެސް ތިއްބަވައެވެ.

އެންމެ ގިނަ ވަޒީފާ އުފައްދާފައިވަނީ އެ ކައުންސިލްގެ ވޭސްޓު މެނޭޖުމަންޓު ސެކްޝަންގައެވެ. ދެން ވަޒީފާ އުފައްދާފައިވަނީ ކޮމިއުނިޓީ އެންގޭޖުމަންޓު ޔުނިޓުގައެވެ. އެގޮތުން:

 • 158 މަސައްކަތު މީހުން - މުސާރައާއި އެލަވަންސާ އެކު 7،000 ރުފިޔާގެ މުސާރައެއްގައި
 • 85 މަގުފާރަވެރިން - މުސާރައާއި އެލަވަންސާ އެކު 10،000 ރުފިޔާގެ މުސާރައެއްގައި
 • 31 ސުޕަވައިޒަރުން - މުސާރައާއި އެލަވަންސާ އެކު 15،000 ރުފިޔާގެ މުސާރައެއްގައި
 • 30 ސުޕަވައިޒަރުން - މުސާރައާއި އެލަވަންސާ އެކު 7،000 ރުފިޔާގެ މުސާރައެއްގައި
 • 22 ޑްރައިވަރުން - މުސާރައާއި އެލަވަންސާ އެކު 7،000 ރުފިޔާގެ މުސާރައެއްގައި
 • 20 ހެލްޕަރުން - މުސާރައާއި އެލަވަންސާ އެކު 7،000 ރުފިޔާގެ މުސާރައެއްގައި
 • ހަތް އޮޕަރޭޝަންސް މެނޭޖަރުން - މުސާރައާއި އެލަވަންސާ އެކު 13،000 ރުފިޔާގެ މުސާރައެއްގައި
 • ހަ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓުން - މުސާރައާއި އެލަވަންސާ އެކު 8،000 ރުފިޔާގެ މުސާރައެއްގައި
 • ތިން އެޑްމިނިސްޓްރޭޓިވް އޮފިސަރުން - މުސާރައާއި އެލަވަންސާ އެކު 7،000 ރުފިޔާގެ މުސާރައެއްގައި
 • އެއް ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު - މުސާރައާއި އެލަވަންސާ އެކު 8،000 ރުފިޔާގެ މުސާރައެއްގައި
 • އެއް އޮޕަރޭޝަންސް އިންޗާޖު - މުސާރައާއި އެލަވަންސާ އެކު 22،000 ރުފިޔާގެ މުސާރައެއްގައި
 • އެއް އޮޕަރޭޝަންސް އިންޗާޖު [ކޮމިއުނިޓީ ސެކްޝަން] - މުސާރައާއި އެލަވަންސާ އެކު 25،000 ރުފިޔާގެ މުސާރައެއްގައި

މި ދައުރުގައި ސިޓީ ކައުންސިލްގައި އުފެއްދި ވަޒީފާތަކަށް އެކަނި ވެސް މަހެއްގެ މައްޗަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ [3،140،000] ޚަރަދު ކުރަން ޖެހެއެވެ.

މީގެ އިތުރުން، މި ދައުރުގެ ކައުންސިލުން ވަނީ އަލަށް 13 ކޮންސަލްޓެންޓުން ނަގައިފައެވެ. އެ މީހުންގެ މުސާރައަށް މަހަކު 360،000 ރުފިޔާ ޚަރަދު ކުރެއެވެ. މިއީ މި ދައުރުގައި އަލަށް ނެގި ކޮންސަލްޓަންޓުންނެވެ. އެއީ:

 • ޑރ. ހައިދަރު އަޙްމަދު - މުސާރަ، 30،000 ރުފިޔާ - އާބަން ޕްލޭނިން ކޮންސަލްޓަންސީ
 • މަރިޔަމް ޒުހައިނާ ސޯދިގު - މުސާރަ، 35،000 ރުފިޔާ - އާބަން ޕްލޭނިން ކޮންސަލްޓަންސީ
 • ހުސައިން ޒީނީ - މުސާރަ، 25،000 ރުފިޔާ - އައިސީޓީ ކޮންސަލްޓަންސީ
 • އަބްދުﷲ އަބްދުލްހަކީމް - މުސާރަ، 30،000 ރުފިޔާ - ބިމާ ބެހޭ ކަންކަމުގައި
 • ހަސަން ޒަރީރު - މުސާރަ، 35،000 ރުފިޔާ - މެނޭޖްމަންޓު ކޮންސަލްޓެންސީ
 • މުހައްމަދު ޝާހިދު - މުސާރަ، 30،000 ރުފިޔާ - ފައިނޭންޝަލް ކޮންސަލްޓެންސީ
 • ކިންގްސް ކޮންސަލްޓެންސީ ޕްރައިވެޓް ލިމިޓެޑް - މުސާރަ، 25،500 ރުފިޔާ - އިނގިރޭސި ބަހުން ލިޔަން
 • ޖީ ސެވަން ހޯލްޑިންސް - މުސާރަ، 18،000 ރުފިޔާ - ލީފްލެޓާއި ލިޔުންތައް ލިޔެދިނުމަށް
 • އަހުމަދު ފަޒާލް ހުސައިން - މުސާރަ، 35،000 ރުފިޔާ - މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް މަސައްކަތް ރާވާ ހިންގަން
 • އައިމިނަތު ނާސިހާ - މުސާރަ، 19،500 ރުފިޔާ - އެޑްމިނިސްޓްރޭޓިވް ކޮންސަލްޓަންސީ
 • އަހުމަދު މަމްދޫހް - މުސާރަ، 25،000 ރުފިޔާ، - މަގު ހެދުމާ ބެހޭ ކޮންސަލްޓަންސީ
 • އައިމިނަތު ޝިޔާނާ - މުސާރަ، 25،000 ރުފިޔާ - ބައެއް މަސައްކަތްތައް ވިލަރެސްކޮށް އެހީވުމަށް
 • މުހައްމަދު ދިލްޝަމް އަބްދުﷲ - މުސާރަ، 30،000 ރުފިޔާ - ސިވިލް އިންޖިނިއަރިން ކޮންސަލްޓަންސީ

މި ދައުރުގައި އަލަށް މިހާ ގިނަ ވަޒީފާތަކެއް އުފެއްދިކަން ހާމަވެފައިވާއިރު، ނިމިދިޔަ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އެ ޕާޓީގެ ބައެއް ބޭބޭފުޅުން ވަނީ ސިޓީ ކައުންސިލް މެދުވެރިކޮށް މުއިއްޒު ޕީޕީއެމްގެ ބޭބޭފުޅުންނާއި ގާތް ބޭބޭފުޅުންނަށް ވަޒީފާ ދީގެން ޕާޓީއަށް 'އަތްގަދަ' ކުރަން އުޅޭ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ކުރިން އެމްޑީޕީން މެޖޯރިޓީ ނަގަމުން އައި މާލޭގެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމަށް ލިބުނީ އަލަށެވެ. މާލޭގެ މޭޔަރު ކަމުގައި ހުންނެވުމަށް ފަހު، މުއިއްޒު ވަނީ ރިޔާސީ އިންތިޚާބަށް ޝައުގުވެރިކަން ފާޅު ކޮށްފައެވެ.

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަ ނުކުރެއްވޭނެ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރެން އެންގުމުން، ޕީއެންސީގެ ސެނެޓުގައި ބޭއްވި ޕްރައިމަރީން މުއިއްޒު ވަނީ ޓިކެޓު ކަށަވަރު ކުރައްވައިފައެވެ. އަދި، ސުޕްރީމް ކޯޓުން ޔާމީނަށް ވާދަ ނުކުރެވޭނެ ކަމަށް ހުކުމް ކުރުމާ އެކު މުއިއްޒު ވަނީ ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފައެވެ.

comment ކޮމެންޓް