އާބާދީ ކުޑަ ހުޅުދެލީގެ ބިން ހިއްކައިދޭން މުއިއްޒު ވައުދުވެވަޑައިގެންފި

ޑރ މުހައްމަދު މުއިއްޒު ހުޅުދެއްޔަށް ވަޑައިގެންނެވިއިރު މަރުހަބާ ދަންނަވަނީ --

(ދ. ހުޅުދެލިން ޢާލިމް އަބްދުއްލަތީފް)

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، ދ. ހުޅުދެލީގެ ބިން ހިއްކައިދޭނެ ކަމަށް ވައުދުވެވަޑައިގެންފިއެވެ.

މި ރަށަށް މިއަދު މުއިއްޒު ވަޑައިގެންނެވިއިރު، ހޫނު މަރުހަބާއެއް ރަށުގެ ބަނދަރުމަތިން ވަނީ ދަންނަވައިފައެވެ. ސަގާފީ ހަރަކާތްތަަކަކާއެކު ރަނގަޅު މެހެމާންދާރީއެއް ވަނީ އަދާކޮށްފައެވެ.

މުއިއްޒު ވިދާޅުވީ، މި ރަށުގައި ރައްޔިތުން ގެދޮރު ބިނާކުރުމަށް ވެސް ބިން ބޭނުންވާ ކަމަށާއި އެ ކަމަށް ސަމާލުކަންދީ ބިންހިއްކުމުގެ މަޝްރޫއެއް މި ރަށުގައި ހިންގަވައިދެއްވާނެކަމަށެވެ.

"މި ރަށުގައި މި ރަށަށް ބޭނުންވާވަރުގެ ބިން ހިއްކުމުގެ މަޝްރޫއެއް ހިންގައިދޭނަން. ރައްޔިތުން މިއަދު ގޮތެއް ނިންމާ. ރައްޔިތުންނާއި މި ރަށަށް ބޭނުންވާ ކަންތައްތައް ހާސިލުކުރަން ކިހިނެއްތޯ ހަދާނީ،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ރަށަކީ ހީވާގި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި މަސްވެރިރަށެއް ކަމަށެެވެ. އެހެންވެ، މަސްވެރިންނަށް ބޭނުންވާ ތެލާއި އައިސް މި ރަށުން ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެ ކަމުގެ ސަބަބުން މި ސަރަހައްދުން އެ ޚިދުމަތް ހޯދަން އަންނަ މީހުންނަށް ވެސް ފަސޭހަވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި ރަށުގެ ރައްޔިތުންނަށް ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށްދެއްވާނެކަމަށާއި ޚިދުމަތްތައް އިތުރުކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ހުޅުދެލީ ރައްޔިތުންނާ ވާހަކަ ދައްކަވަނީ --

އިތުރަށް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުނިމެނޭޖްކުރުމަށް އިހުމާލުވެފައިވާ ކަމަށެވެ. އަދި އެ ކަމަށް ދޭންޖެހޭ އިސްކަން ނުދޭކަމަށާއި ނަމަވެސް އެއީ އަސާސީ ގޮތުން ކޮށްދޭން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ރަށުގެ ސްކޫލްގެ ޖާގަ އިތުރު ކޮށްދެއްވާނެކަމަށާއި ކުޅިވަރުކުޅޭނެ ވަސީލަތްތައް ގާއިމުކޮށްދެއްވާނެކަމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

"ސްކޫލަށް ކްލާސްރޫމް އިތުރުކުރުމާއި މި ފަދަ ކަންތައްތައް އަޅުގަނޑުމެން ކޮށްދޭނަން. އަދި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމުކޮށްދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ރަށުގައި އޭޓީއެމްއެއް ބަހައްޓައިދެއްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދ. އަތޮޅަށް މުއިއްޒު ކުރައްވާ ދަތުރުގައި މިއަދު ފުރަތަމަ ރަށަކަށް ވަޑައިގެންނެވީ ދ. މާއެނބޫދުއަށެވެ. އެ ރަށުގެ ރައްޔިތުންނަށް މި ސަރުކާރުން ހިއްކައިދޭން ނިންމައިފައިވާ 15 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު، 30 ހެކްޓަރަށް ބަދަލުކޮށްދެއްވާނެކަަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުދެއްޔަކީ އާބާދީއަށް ބަލާއިރު ކުޑަ ރަށެެކެވެ. ރަށުގެ އާބާދީގައި 700 މީހުން ހަމަނުވާއިރު ރަށުގައި ދިރިއުޅެނީ 300އެއްހާ މީހުންނެވެ.

comment ކޮމެންޓް