ރައްޔިތުންގެ އުންމީދުތައް ގުޅިފައި ވަނީ ޕީޕީއެމް، ޕީއެންސީއާ: މުއިއްޒު

ކެލާގައި ބޭއްވި ކެންޕޭނު ޖަލްސާގައި މުއިއްޒު ވާހަކަދައްކަވަނީ --- ފައިލް ފޮޓޯ/ ޕީޕީއެމް

ދިވެހި ރައްޔިތުންގެ އުންމީދުތައް ގުޅިފައި ވަނީ ޕީޕީއެމް, ޕީއެންސީއާ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވ، މ، ފ އަދި ދ އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރު ފައްޓަވަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުގައި އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ، ޕީޕީއެމް ޕީއެންސީގެ ސަރުކާރެއް ގާއިމްކުރުމަށް ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާކަން ކަމަށެވެ. އަދި އެ މަންޒަރު ދެކި މިހާރު ކުރަމުންދާ މަސައްކަތަކީ އެކަން ރައްޔިތުންނަށް ހާސިލްކޮށްދީ ރައްޔިތުންގެ ހުރިހާ އުންމީދުތަކުގައި ކުލަ ޖައްސައިދިނުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ކުރިން ހއ އަދި ހދ އަތޮޅަށް ކުރި ދަތުރަކީ ކާމިޔާބު ދަތުރެއް. ރައްޔިތުންގެ ތަރުހީބު ވަރަށް ބޮޑަށް އެބައޮތް. އަޅުގަނޑަށް ފެނިގެން ދިޔައީ ރައްޔިތުންގެ އުންމީދުތައް އެންމެ ބޮޑަށް ގުޅިފައި ވަނީ ޕީޕީއެމް ޕީއެންސިއާ ކަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިއަދު ފެށި ދަތުރުގައި ހަތަރު އަތޮޅުގެ ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުންފިލުވައި އެކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކާ މަޝްވަރާކުރުންތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ބާކީ އޮތް ދުވަސްތަކުގައި މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށަށް ބަހާލައިގެން ގޮސް ރައްޔިތުންނާ ބައްދަލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ކެމްޕެއިނަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެވިގެން ގާއިމްކުރެވޭ ސަރުކާރަކަށް ވާނެ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވ، މ، ފ އަދި ދ އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ހަތަރު އަތޮޅުގެ ގިނަ ރައްތަކަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުގައި އިދިކޮޅު ލީޑާޝިޕްގެ ގިނަ ބަޔަކު ބައިވެރިވެއެވެ.

comment ކޮމެންޓް