މި ދައުރުގައި އެންމެ ފަޚުރުވެރިވަނީ ޒުވާނުންނަށް ތައުލީމީ ފުރުސަތު ހޯދައިދެވުނީމަ: ރައީސް

ރައީސް ޞާލިހު ނ. ވެލިދޫގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

މި ފަސް އަހަރުގެ ދައުރުގައި އެންމެ ފަޚުރުވެރިވެވަޑައިގަންނަވަނީ ޒުވާނުންނަށް ތައުލީމީ ފުރުސަތުތައް ހޯދައިދިނުމަށް ޓަަކައި ކުރެވުނު މަސައްކަތުގެ ސަބަބުންކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަަދައިން ވިދާޅުވީ، އެމްޑީޕީގެ ޒުވާނުންގެ މެނިފެސްޓޯ އިއުލާންކުރުމަށް ނ. ވެލިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

"އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް އަޅުގަނޑު އެންމެ ފަޚުރުވެރިވާ ކަމަކީ އަޅުގަނޑުމެން ޒުވާނުންނަށް ތައުލީމް ހޯދައިދިނުމަށް ޓަކައި ކުރެވުނު މަސައްކަތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒަމާނާއެކު ޒުވާނުންނަށް ހުރި ގޮންޖެހުންތައް ތަފާތުވި ނަމަވެސް އަދިވެސް ޒުވާނުން ބޭނުންވަނީ އެއް ކަންތައްތަކެއްކަމަށެވެ.

"އެ މީހުންގެ މުސްތަގްބަލު މިއަަދަށްވުރެ ފަހިވާން. އުޖާލާވާން. އެ މީހުންނަށް ލިބޭ ފުރުސަތުތައް ފަހިވާން. ހަޔާތުގައި ކުރިއަށްދާނެ ގޮތެއް އިޚްތިޔާރުކުރުމުގެ ފުރުސަތު ފަހިވާން. އެއިރު ވެސް މިހާރު ވެސް ޒުވާނުންގެ އުންމީދުތައް އެއީ،" ރައީސް ވިދާޅުވިއެވެ.

އެގޮތުން ހިލޭ ޑިގްރީ ޕްރޮގްރާމަށް އަލިއަޅުއްވައިލައްވައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 18،000އަށްވުރެ ގިނަ ޒުވާނުން އަންނަނީ ޑިގްރީ ހާސިލްކުރަމުން ކަމަށެވެ. އޭގެ ތެރެއިން 7،000ވުރެ ގިނަ ކުދިން ކިޔަވައި ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު ނ. ވެލިދޫގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

މީގެ އިތުރުން މަތީ ތައުލީމްގެ ލޯނު 3،000 ކުދިންްނަށް ދީ، ސްކޮލަޝިޕްތަކުގައި ރާއްޖެއިން ބޭރުގައި 1،200 ކުދިން ކިޔަވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރަކު ނުޖެހޭނެ މައިންބަފައިންގެ ތަނަވަސްކަން ނެތީމާ މަތީ ތައުލީމްނުލިބި ހުންނާކަށެއް. އެ ފުރުސަތު އެއޮތީ އެންމެންނަށް އެންމެންނަށް ފަހިވެފައި،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ހުރިހާ ޒުވާނުންނަކީ ތައުލީމީ ދާއިރާއިން ކުރިއަށްދާން ބޭނުންވާނެ ޒުވާނުންނަށް ނުވެދާނެކަމަށެވެ. އެ ފަދަ ޒުވާނުންނަށް މަސައްކަތުގެ ތަޖުރިބާ ދިނުމަށް ޓެކްނިކަލް އަދި ވޮކޭޝަނަލް ތައުލީމްގެ ފުރުސަތު ފޯރުކޮށްދެއްވަމުން އަންނަކަމަށް ރައީީސް ވިދާޅުވިއެވެ.

"މިގޮތުން ސްކިލްފޯ ރެސިލިއަންޓް ވޯކްފޯސްއިން 2915 ފުރުސަތު، ނެޝަނަލް އެޕްރެންޓެސްޝިޕުން 500އަށްވުރެ ގިނަ ފުރުސަތު، މޯލްޑިވްސް ޕޮލި ޓެކްނިކުން 1،200އަށްވުރެ ގިނަ ފުރުސަތު އަދި ކޮވިޑް19 އެމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން 800އަށްވުރެ ގިނަ ޒުވާނުންނަށް އަޅުގަނޑުމެންނަށް ފަހިކޮށްދެވިއްޖެ،" ރައީސް ވިދާޅުވިއެވެ.

ހަމައެކަނި ތައުލީމުން ހުރިހާ މައްސަަލަތަކެއް ހައްލުނުވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޑްރަގްގެ ވަބާ ޒުވާނުންގެ މެދުގައި މޫ ލައިފައިވަނީ އިންތިހާ ދަރަޖައަކަށްކަމަށެވެ. އަދި ދެން އަންނަ ވެރިކަމެއްގައި އެ ފަދަ ކުށަކަށް ހުށަހެޅޭ ޒުވާނުން، އެ މީހުން އެ ކުށަކަށް އިއުތިރާފްވުމާއެކު އެ މީހަކަށް ރިހެބިލިޓޭޝަންގެ ފަރުވާ ދޭން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ފަސް އަހަރުގެ ދައުރުގެ ތެރޭ ޒުވާނުންނަށް ވިޔަފާރިތައް ފަށައިގަތުމުގެ ފުރުސަަތު ފަހިކޮށްދެވިފައިވާކަމަށެވެ. އެގޮތުން އޯތެންޓިކް މޯލްޑިވްސްއާއި، އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އެސްއެމްއީ ހަބުގެ ތެރެއިން ވެސް އެ ފުރުސަތު ފަހިވެފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވެލިދޫގެ ތަރައްގީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ ވެލިދޫގެ ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކެއް ހުރިކަން އެނގިވަޑައިގަންނަވާކަމަށެވެ.

ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައި އޮތް ތިން މަސައްކަތް ހިނގަމުން އަންނަ މަންޒަރު ރައްޔިތުންނަށް ފެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވެލިދުއަށް ވެވަޑައިގެންނެވި ވައުދުތައް

  • ހައުސިން ޕްރޮޖެކްޓެއް ހިންގުން
  • ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުން
  • ފުޓުބޯޅަ ދަނޑުގައި ލައިޓުޖެހުން
  • ފުލުހުންގެ ޚިދުމަތަށް އައު އިމާރާތެއް އެޅުން
  • އައު އިންޖީނު ގެއެއް އެޅުން
comment ކޮމެންޓް