އުފާވެރި އަމާން ރާއްޖެއެއް ތަރައްގީކުރުމަށް ޓަަކައި މިހާރު އެންމެ މުހިންމީ އިންސާނީ ވަސީލަތް ތަރައްގީ ކުރުން ކަމަށް އެމްޑީޕީ ކޯލިޝަނުގައި ދެވަަނަ ދައުރަަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ގދ. އަތޮޅަށް ރައީސް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި ނަޑެއްލާއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އުފާވެެރި އަމާން ރާއްޖެއެއް ގެނައުން ކަމަށެވެ. އެ ކަމަަށް ބޭނުންވާ އުމްރާނީ ތަަރައްގީ ނިމެމުން އަންނައިރު ދެން އެންމެ މުހިންމީ އިންސާނީ ވަސީލަތް ތަރައްގީ ކުރުންކަމަށް ރައީސް ވިދާޅުވިއެވެ.
މި ފަސް އަހަރުގެ ދައުރުގައި ވެސް އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި މުހިންމު ބަދަލުތަކެއް ގެެނެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ކުރިން ފަހިނުވާ މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދީގެންކަމަށް ރައީސް ވިދާޅުވިއެވެ.
"ވޭތުވެދިޔަ ސަރުކާރުތަކުގައި އެންމެ ކުއްޖަކަށް ވެސް، އެންމެ އާދައިގެ އެއްވެސް ކުއްޖަކަށް ސަރުކާރުން ހިލޭ މަތީ ތައުލީމުގެ ފުރުސަތު ދީފައެއް ނެތް. އެ ފުރުސަތު ލިބެނީ ތަންކޮޅެއް ތަނަވަސް އާއިލާއެއްގެ ތެރޭ ހިމެނޭ ދަރިއަކަށް. ނޫނީއްޔާ ކޮންމެސް ރައްޓެއްސަކަށް،" ރައީސް ވިދާޅުވިއެވެ.
ނަމަވެސް މިއަދު އެ ކަން ބަދަލުވެ މަތީ ތައުލީމް ބޭނުންވާ ކޮންމެ ކުއްޖަކަށް އެ ފުރުސަތު އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންނަމަވެސް މިއަދު އެ ކަން ބަދަލުކުރެވިއްޖެ. މަތީ ތައުލީމް ބޭނުންވާ ކޮންމެ ދަރިވަރަކަށް އެއޮތީ ހަމަހަމަކޮށް އެ ފުރުސަތު ހުޅުވިފައި،" ރައީސް ވދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ދެން އޮތް ދައުރުގައި އިންސާނީ ވަސީލަތް އިތުރުކޮށް ތަރައްގީކުރުމަށް މީހުން ބޭނުންވާ ދާއިރާތައް ކަނޑައަޅައި އެ ކަންކަމަަށް އިސްކަންދީ މީހުން ބިނާކުރާނެކަމަށެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނަށް ފާހަގަވަނީ ނަޑެއްލާގެ ރައްޔިތުން ވެސް 'އުފާވެރި އަމާން ރާއްޖެ'އެއް ރާއްޖެއަށް ގެނެސްދިނުމަށް ނަޑެއްލާގެ ރައްޔިތުން ވެސް އަމަލީގޮތުން މަސައްކަތް ކުރާ މަންޒަރުކަމަށެވެ.
ރައީސް ވިދާޅުވީ 2018ވަނަ އަހަރު ވެރިކަމަ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ ކޮންމެ ދާއިރާއަކަށް ވެސް އިންގިލާބީ ބަދަލުތަކެއް ގެނެސްދެމުން އަންނަކަމަށެވެ. އެ ހެޔޮ ބަދަލުތައް ފެންނަމުންދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން އިގްތިޞާދަށް ނުވަތަ އުމްރާނީ ތަރައްގީއަށް ބެލިކަމުގައިވީ ނަމަވެސް ބަދަލު ފެންނާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ރާއްޖެ ހިންގުމުގައި ލާމަރުކަޒުކުރެވި، ބާރުތަކަށް ދޫދެވި، ރައްޔިތުންގެ އަޑު އަހަމުން އަންނަކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ކޮންމެ ރަށެއްގައި ވެސް ކަމެއް ނިންމާއިރުގައި އެ ރަށެއްގެ ކައުންސިލާއި ރައްޔިތުންގެ ބަސް އަޅުގަނޑުމެން އެބަ އަޑުއަހަން،" ރައީސް ވިދާޅުވިއެވެ.
ދެވަނަ ދައުރެއްގައި ނަޑެއްލާގައި ހިންގާނެ މަޝްރޫއުތައް
- އައުޓްޑޯ ވޮލީ ކޯޓަކާއި އައުޓްޑޯ ޖިމެއް އަޅައިދިނުން
- ރަށްގިރުން ހައްލުކުރުން
- މި ރަށުގެ ބޮޑެތި މަގުތައް ޒަމާނީކުރުން
- ބޯހިޔާވަހިކަމަށް ރޯހައުސް އެޅުން
- މިސްކިތެއް އެޅުން
- ރަށުގެ ބަނދަރު ބޮޑުކުރުން
- މަލްޓި ޕާޕަސް ހޯލް އެޅުން