އަންހެން ވެއިޓަރަކު ނުކުޅެދުންތެރިކަން ހުރި މީހަކަށް ކާންދޭން މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އޯގާތެެރިކަމާ ހިތްތިރި ކަމާއެކު، ކެފޭއެއްގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ އެ ފިރިހެން މީހާއަށް ލަންކާގެ ބިދޭސީ ވެއިޓަރު ކާން ދެމުން ދިޔައީ ހިނިތުންވެފައި ހުރެއެވެ.
އަހުމަދު އާޒިމް ކިޔާ މީހަކު ކުރި ޕޯސްޓެއްގައި ވަނީ، އެ ވީޑިއޯ އަކީ ރޭ ދަންވަރު 3:30 ހާއިރު ނަގައިފައިވާ ވީޑިއޯއެއް ކަމަށެވެ. އަދި ވީޑިއޯއިން ފެންނަ މީހާއަކީ ވަހަކަ ދައްކަން އުނދަގޫ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން އޭނާ ފާހަގަކޮށްފައި ވެއެވެ.
ކެފޭގައި އިން މީހަކު ވީޑިއޯ ކުރަން ފެށުމުން އެމީހާ އަތުގެ އިޝާރާތުން ވީޑިއޯ ނުކުރާން އެދެއެވެ. ނަމަވެސް، އެއީ މައްސަލައެއް ނޫންކަމަށް އޭނާއަށް ކާންދެމުން ދިޔަ އަންހެން މީހާ ބުނުމުން ރީތިކޮށް މަޑުމަޑުން އިދެ ކާ މަންޒަރު ފެނެއެވެ.

ހިތްތިރިކަމާއެކު، ކޮށްދިން މިކުޑަ އަމަލުން ދައްކައިދިނީ ލޯތްބަކީ ކޮންމެ މީހަކަށް ވެސް ހައްގު އެއްޗެއްކަން! --- ފޮޓޯ/ އާޒިމް، ފޭސްބުކް
އަމިއްލަ ބޭބެއަކަށް ކާން ދޭ އުސޫލުން ކާންދެމުން އެ ވެއިޓަރު ފިރިހެން މީހާއާ ވާހަކަދައްކާ މަންޒަރު ވެސް މި ވީޑިއޯއިން ފެނެއެވެ. ފިރިހެން މީހާ މިއަދުގެ ވަގުތެއްގައި އުމްރާއަށް ފުރާވާހަކަ ބުނުމުން އޭނާ ސައުދީއަށް އުމްރާއަށް ދާނީ އެއް މަސް ދުވަހަކަށް ތޯ ވެއިޓަރު އަހައެވެ.
އެވަގުތު އެމީހާ އަތުގެ ދިހަ އިނގިއްޔާއި ފައިގެ ފަސް އިނގިލި ދައްކާ، އޭނާ އުމްރާއަށް ދަނީ 15 ދުވަހަށް ކަމަށް ބުނެއެވެ. ވެއިޓަރު އެދުނީ އުމްރާއިން އަންނައިރު އޭނާއަށް ހަދިޔާއެއް ގެނެސް ދިނުމަށެވެ.
ކައި ނިމިގެން، ވެއިޓަރަށް ޝުކުރުވެރިވާން ފިރިހެން މީހާ ދިއްކޮށްލީ ފައިސާގެ އަދަދެކެވެ. ފައިސާގައި ނުހިފާން ވެއިޓަރު މަސައްކަތް ކުރި ނަމަވެސް އޭނާ ދަނީ އަންހެން މީހާގެ އަތަށް ފައިސާ ދީފައެވެ. އަދި އޭނާ އެ ކެފޭއިން ނިކުތީ އެވަގުތު ކެފޭގައި ތިބި އެންމެނާ ސަލާންކުރުމަށް ފަހުއެވެ.

ހިތްތިރިކަމާއެކު، ކޮށްދިން މިކުޑަ އަމަލުން ދައްކައިދިނީ ލޯތްބަކީ ކޮންމެ މީހަކަށް ވެސް ހައްގު އެއްޗެއްކަން! --- ފޮޓޯ/ އާޒިމް، ފޭސްބުކް
މިނެއްޓެއްހާ ދިގު މިނުގެ އެ ވީޑިއޯ ހިއްސާ ކުރުމަށްފަހު އާޒިމް ލިޔެފައި ވަނީ ދެފަރާތުން ވެސް ފެނުނީ ހިތްހެޔޮކަމާއި، ކުލުނާއި، އޯގާތެރިކަން ކަމަށެވެ.
ލޯތްބާއި އަޅާލުމަކީ ވަކި ބައަކަށް ހައްގުވާ އެއްޗެއް ނޫން ކަން މި ވީޑިއޯ ބެލުމުން ހާމަވެއެވެ. އެ މަންޒަރު ބެލި ކޮންމެ މީހަކަށް ވެސް ކުރުވާނީ އުފާވެރި ފޮނި އިހުސާސްތެކެވެ.
ސާބިތުކޮށްދިނީ އިންސާނިއްޔަތުކަން އިސްކުރުމުގެ މުހިންމުކަމެވެ. މި ފަދައިން މުޖުތަމައުގެ އެހެން މީހުންގެ އެހީތައް ބޭނުންވާ މީހުންނަށް ލޯތްބާއި އަޅާލުން ބޭނުންވާ ކަން މި ވީޑިއޯއިން ދައްކުވައިދިނެވެ. ކިތަންމެ ކުޑަ އަމަލަކަށް ވެސް ދައްކުވައިދިނީ މީހެއްގެ ހިތް އުފާކޮށްދެވިދާނެ ކަމެވެ.
މި ވީޑިއޯއާ ގުޅިގެން އެ ބިދޭސީ އަންހެން ވެއިޓަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަވެ. އެ ޕޯސްޓު މިހާތަނަށް 347 މީހުން ޝެއާކޮށްފައިވާއިރު، 37 ވަނީ ކޮމެންޓުކޮށްފައެވެ.
"އަދުގެ މި މުޖުތަމައުއިން ވަރަށް މަދުން ނޫނީ ނުފެންނަ އަދި ނުހަނު އުފާވެރި މަންޒަރެއް. މާތްﷲ އެހީތެރިވެދެއްވި ކަނބަލަށް އަދި އެންމެހާ ފަރާތްތަކަށް ހެޔޮ ޖަޒާ މިންވަރު ކޮށްދެއްވާށި،" މީހެއްގެ ކޮމެންޓުގައި ވެއެވެ.