ރައީސް، ޕީޕީއެމަށް: ސަޕޯޓަރުން މަގުމަތި ނުކުރައްވާ!

ރައީސް ޞާލިހާއި އެ މަނިކުފާނުގެ ކޯލިޝަން ލީޑަރުން ދ. މީދުގައި -- ފޮޓޯ/ އެމްޑީޕީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ބައިވެރިނުވެ ދޫކޮށްލައި، ޕީޕީއެމްގެ ސަޕޯޓަރުން މަގުމަތިވިޔަ ނުދިނުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ގޮވައިލައްވައިފިއެވެ.

ރަނިން މޭޓް މުޙައްމަދު އަސްލަމާއެކު ރައީސް ކުރައްވާ އެންމެ ފުުރަތަމަ ކެމްޕޭން ދަތުރުފުޅު ފައްޓަވައިފައިވަނީ ދ. އަތޮޅުންނެވެ. އެންމެ ފުރަތަމަ ކޯލިޝަންގެ ލީޑަރުންނާއެކު ރައީސް ވަޑައިގަތީ މި އަތޮޅު މީދޫއަށެވެ.

މި ރަށުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެންމެ ފަހު ވަގުތާ ޖެހުނުއިރު ވެސް އިދިކޮޅު ޕީޕީއެމް, ޕީއެންސީ ކޯލިޝަނުން ކެންޑިޑޭޓަކު ޔަގީންނުކޮށް ބޮއިކޮޓްކުރުމަށް އުޅުމަކީ ގައުމަށް ލިބޭ ދެރައެއްކަމަށެވެ.

ވާދަވެރި މާހައުލެއްގައި އިންތިޚާބު ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުމަށް ރައީސް ވަނީ ޕީޕީއެމްގެ ކިބައިން ވެސް އެދިވަޑައިގެންފައެވެ.

"ވާދަވެރި ސިޔަސީ ހަރަކާތް ހިންގޭނީ ވާދަވެރި ކަމާއެކީ ހުރިހާ ސިޔާސީ ޕާޓީއެއް މަސައްކަތްކޮށްގެން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ފެންނަ މަންޒަރަކީ ވަކި މީހަކު ވަށައި އެނބުރެން މަސައްކަތްކުރާ މަންޒަރުކަމަށެވެ.

އެ ހާލަތު މީގެ ކުރިން 2018ވަނަ އަހަރު އެމްޑީޕީއަށް ކުރިމަތިވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމްޑީޕީއަށް ކުރިއަށް ދެވުނީ، އެ ވަގުތު ޕާޓީގެ އިސްވެރިން ނިކުމެ، ގޮތް ނިންމައި އެކުގައި މަސައްކަތްުކޮށްގެންކަމަށެވެ.

"ތައީދުކުރައްވަ ޕާޓީގެ މެމްބަރުން މަގުމަތި ނުކުރައްވާށޭ. އެއީ ދެވޭ ވަރަށް ބޮޑު ދެރައެއް،" ރައީސް ވިދާޅުވިއެވެ.

އެއާއެކު ރައީސްވަނީ ޕީޕީއެމަށް ވެސް އެކުގައި މަސައްކަތްކުރުމުގެ ދައުވަތު އަނެއްކާ ވެސް ދެއްްވައިފައެވެ. އަދި ތަފާތުކުރުމެއް ނެތި ވެރިކަން ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ރައީސް އެގޮތަށް ވިދާޅުވިނަމަވެސް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓްގެ ގޮތުގައި ޑރ. މުޙައްމަދު މުއިއްޒު ވަނީ ފޯމް ހުށަހަޅުއްވާފައެވެ. އަދި ރައީސް ޔާމީން ވެސް މުއިއްޒަށް ތާއީދު ކުރަން ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާއާ މެދު ޝައްކެއް ކުރާނެ އެއްވެސް ޖާގައެއް މިހާރު ނެތްކަމަށެވެ. 'އެއްބުުރުން' ދެވަނަ ދައުރަކަށް އިންތިޚާބުވާނެކަމުގެ ޔަގީންކަން އޮތްކަމަށް ރައީސް ވިދާޅުވިއެވެ.

"ވާދަވެރިން ނުވާނޭ ބުނި ހުރިހާ ކަމެއް މި އަންނަނީ ކުރަމުން"

އެ މަނިކުފާނު ވިދާޅުވީ 2018ވަނަ އަހަރު ރިޔާސީ ދައުރު އެ މަނިކުފާނު ފެއްޓެވީ ސިޔާސަތުތަކަކާއެކުކަމަށެވެ. އެއީ މިނިމަމް ވޭޖު ކަނޑައެޅުންކަމުގައިވީ ނަމަވެސް ނުވަތަ ރަށްރަށުގައި ނަރުދަމާއާއި ފެނުގެ ޚިދުމަތް ކަށަވަރު ކުރުންކަމުގައިވީ ނަމަވެސް ދެމުން އައި ރައްދުކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންނަމަވެސް އޭރު ބުނީ ނުވާނެޔޭ، އަޅުގަނޑުމެން ކޮށް ނިންމަމުން މި ދަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހާއި އެ މަނިކުފާނުގެ ކޯލިޝަން ލީޑަރުން ދ. މީދުގައި -- ފޮޓޯ/ އެމްޑީޕީ

ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ގަބޫލުކުރީ އެ މަނިކުފާނުގެ ކެންޑިޑެސީ ކަމަށާއި އެއީ ވެސް އިންތިޚާބުގެ ނަތީޖާ ނިކުތުމުގައި ހެޔޮ ފާލެއްކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

މީދޫ ދާއިރާއިން އިންތިޚާބުގައި ނަތީޖާ ރަނގަޅުވާނެކަމުގެ އެންމެ ބޮޑު އުންމީދެއްކުރައްވަނީ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދު އެ މަނިކުފާނުގެ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ހުންނެވުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެވަނަ ދައުރުގައި މީދޫއަށް ކޮށްދެއްވާނެ ކަންކަން:

  • އޭޓީއެމްގެ ޚިދުމަތް ދިނުން
  • ބޮޑެތި މަގުތަކުގައި ތާރު އަޅައިދިނުން
  • ރޯހައުސް މަޝްރޫއެއް ހިންގައިދިނުން
  • ސިއްހީ މަރުކަޒުގެ ޚިދުމަތްތައް ރަނގަޅުކުރުން
  • ވޮލީ ކޯޓަކާއި ފުޓުބޯޅަ ކޯޓެއް އެޅުން
comment ކޮމެންޓް