ޔާމީންގެ ކެންޑިޑެސީ ފޯމު މާދަމާ އީސީއަށް ހުށަހަޅަނީ

ހަވާލޭ ވަތަން ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ސެޕްޓެމްބަރު ނުވައެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން, ޖަލުގައި ހުންނެވި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ފޯމު މާދަމާ ހެނދުނު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޔާމީންގެ ކެންޑިޑެސީ ފޯމު، މާދަމާ 10:00 ގައި އީސީއާ ހަވާލު ކުރާނެ ކަމަށެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް، މަނީ ލޯންޑާ ކުރިކަން ސާބިތުވެ، މިދިޔަ ޑިސެމްބަރު 25 ގައި ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެކަމަކު، ޖަލުގައި އޮންނަވައިގެން، ކަރެކްޝަންސްގެ އެހީގައި އެ މަނިކުފާނު ވަނީ ކެންޑިޑެސީ ފޯމުގައި ސޮއި ކުރައްވައިފައެވެ.

އަދި، އެ މަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި، މިދިޔަ 2013 ވަނަ އަހަރުގެ ވެސް ރަނިންމޭޓު އަދި ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ހަމަޖައްސައިފައެވެ.

ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ ފޯމު މާދަމާ ހުށަހެޅި ނަމަވެސް އެ ފޯމު ބަލައިގަތުމާ މެދު ވަނީ ގާނޫނީ ބަހުސެއް އުފެދިފައެވެ. އީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ކެންޑިޑެސީ ހުށަހެޅުމުން އެ ދުވަހުން ދުވަހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމޭތޯ އެ ކޮމިޝަނުން މަސައްކަތް ކުރާނެއެވެ.

ފޯމު ބަލައިގަތުމާ މެދު ގޮތެއް ނިންމަން، އެ ކޮމިޝަނަށް 48 ގަޑިއިރު ލިބޭނެއެވެ. އަދި، އީސީގެ ނިންމުމާ މެދު ހިތްހަމަނުޖެހިއްޖެ ހާލަތެއްގައި ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

އެހެންވެ، ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން ނިންމައިފި ހާލަތެއްގައި އެ މަނިކުފާނުގެ ފަރާތުން، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ބެލެވެއެވެ. ސުޕްރީމް ކޯޓުން ވެސް އެ މައްސަލައަށް، 48 ގަޑިއިރު ތެރޭގައި ގޮތެއް ނިންމަން ޖެހޭނެއެވެ.

https://sun.mv/180215

ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ޔާމީން ފޯމު ހުށަހެޅި ނަމަވެސް، ސުޕްރީމް ކޯޓާ ހަމައިން ވެސް ނާކާމިޔާބުވެ، ވާދަ ނުކުރެއްވިދާނެ ހާލަތަކަށް ތައްޔާރުވުމަށް، ޕީއެންސީން ވެސް ކެންޑިޑޭޓެއް ނެރެން އަންނަނީ ތައްޔާރު ވަމުންނެވެ.

comment ކޮމެންޓް