ޕީއެންސީން ކެންޑިޑޭޓަކު ނެރެން ޔާމީން އަންގަވައިފި

ފެބްރުއަރީ 1، 2019: އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާއި އަލަށް އުފެއްދެވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން ސިޔާސީ މަސައްކަތް ކުރެއްވުމަށް ކޯލިޝަން އެއްބަސް ވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ޕީޕީއެމާ އެކު އެއް ލީޑާޝިޕެއްގެ ދަށުން ހިންގާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ން ވެސް މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރެން، އެ ކޯލިޝަންގެ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަންގަވައިފިއެވެ.

އިތުބާރު ހުރި މަސްދަރުތަކުން "ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި، ޔާމީން މިހާރު ވަނީ ޕީއެންސީގެ ފަރާތުން ކެންޑިޑޭޓު ނެރުމަށް ނަންތަކެއް އެ މަނިކުފާނަށް ފޮނުވައިދިނުމަށް އެ ކޯލިޝަންގެ ލީޑާޝިޕުގައި އެދިފައެވެ. އެހެންވެ، އެ ކަމުގެ މަޝްވަރާތައް ޕީޕީއެމްގެ މައި އޮފީހުގައި މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުން ރިޝްވަތު ބައްލަވައިގެން އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ، މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެކަމަކު، ޖަލުގެ ތޭރިތަކުތެރޭ ހުންނަވައިގެން އެ މަނިކުފާނު ވަނީ އިންތިޚާބުގައި ވާދަކުރައްވަން، ކެންޑިޑެސީ ފޯމުގައި ސޮއި ކުރައްވައިފައެވެ. އަދި، އިއްޔެ އެ މަނިކުފާނު ވަނީ، ރަނިންމޭޓެއްގެ ގޮތުގައި އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި 2013 ވަނަ އަހަރު ވެސް އެ މަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދު ހަމަޖައްސަވައިފައެވެ.

https://sun.mv/180162

އެހެންވެ، ޔާމީންގެ ކެންޑިޑެންސީ ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ މަސައްކަތްތައް ޕީޕީއެމުން މިހާރު އަންނަނީ ކުރަމުންނެވެ.

ނަމަވެސް، މިހާރު ވެސް ޖަލުގައި އޮންނެވި ޔާމީންގެ ފޯމު ބަލައިގަތުމަކީ ނާދިރު ކަމެކެވެ. އެ މައްސަލައިގައި އެ މަނިކުފާނުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު ވެސް އޮތީ މަޑުޖެހިފައެވެ. އެހެންވެ، ޔާމީންގެ ފޯމު ބަލައިނުގައިންފާނެ ހާލަތެއްގައި 'ބެކަޕް' ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓެއްގެ ފޯމު ހުށަހަޅަން ޔާމީން ވަނީ އެދިފައެވެ.

އެ ކޯލިޝަންގައި ލީޑާޝިޕުން މިހާރު އަންނަނީ އެ ކަމުގެ މަޝްވަރާތައް ކުރަމުންނެވެ.

ޕީއެންސީ އަކީ ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް އަދި ޔާމީންގެ އެއްބަފައި ބޭބޭފުޅު މައުމޫން އަބްދުލައްޔޫމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، ޔާމީނަށް ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރު ހީވެގެން އުފެއްދި ޕާޓީއެކެެވެ.

ޕީއެންސީގެ ރައީސަކަށް ހުންނަވަނީ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއެވެ. އަދި، އެ ކޯލިޝަންގެ ގިނަ މަޖިލިސް މެންބަރުންތަކެއް ވެސް ތިއްބަވަނީ ޕީއެންސީގައެވެ.

comment ކޮމެންޓް