ޔާމީންގެ ރަނިންމޭޓަކީ މިފަހަރު ވެސް ޖަމީލް

މަރުހަބާ ރައީސް ޔާމީން ޖަލްސާގައި ޑރ. މުހައްމަދު ޖަމީލް އަހްމަދު ވާހަކަދައްކަވަނީ-- ސަން ފޮޓޯ/ އަހުމަދު އައިމަން

ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ފަރާތުން ނުކުންނަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރަނިންމޭޓަކަށް 2013ވަނަ އަހަރުގެ އިންތިހާބުގައި ވެސް އެ މަގާމަށް ހަމަޖެއްސެވި، ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހަމަޖައްސަވައިފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވަނީ އެކަން މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

ޑރ. މުހައްމަދު ޖަމީލް އަހުމަދަކީ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސްއެވެ. ނަމަވެސް، ވެރިކަމުގެ ދެވަނަ އަހަރުގެ ތެރޭ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް އޭރު ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެއަށް ފަހު އެ މަގާމަށް އައްޔަނުކޮށްފައިވަނީ އޭރު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަހްމަދު އަދީބެވެ.

ނާއިބު ރައީސް ކަމުން އޭރު ވަކި ކުރުމަށްފަހު، ޑރ. ޖަމީލް ވަނީ އޭރުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރި ޔުނައިޓެޑް އޮޕޮޒިޝަންގެ ހަރަކާތްތަކުގައި އިސްވެ އުޅުއްވާފައެވެ. އެ ދުވަސްވަރު، ރައީސް ޔާމީން ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރުނު މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރުމާއެކު، ވަނީ އަމިއްލަފުޅަށް އިނގިރޭސިވިލާތަށް އަރުވާލެއްވިގެން ހުންނަވާފައެވެ. ރައީސް ޔާމީންގެ ސަރުކާރު ނިމެންދެން ވެސް ޖަމީލް ހުންނެވީ އެ ގައުމުގައެވެ.

ޔާމީންގެ ވެރިކަން ނިމުމާއެކު، ސަރުކާރު ކޯލިޝަނުގައި އޮތް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވިއެވެ. ނަމަވެސް، ފަހުން ވަނީ އަނެއްކާ ވެސް ޕީޕީއެމްއާއި، ގުޅިވަޑައިގަންނަވާފައެވެ. އެއަށްފަހު، ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގައި އެ މަނިކުފާނުގެ ދިފާއީ ވަކީލުންގެ ޓީމް ލީޑު ކުރައްވަމުން ގެންދެވީ ޖަމީލެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލައިގައި ޚިޔާނާތްތެރިވިކަން ސާބިތުވެ، ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި އޮތް ނަމަވެސް، އިންތިހާބުގެ ކުރިން އެ ޝަރީއަތް ނިމުމުގެ ފުރުސަތު ވަނީ ވަރަށް ކުޑަވެފައެވެ. މީގެ އިތުރުން، ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކްރިމިނަލް ކޯޓުގައި އެބަ އޮތެވެ.

comment ކޮމެންޓް