އެއާޕޯޓަކާއެކު ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫއު ވ. އަތޮޅަށް!

ވ. ކެޔޮދޫގައި ރައީސް ޞާލިހު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ ކެމްޕޭން ޓީމް

ރާއްޖޭގައި މިހާތަނަށް ހިންގާ ޓޫރިޒަމްގެ އެންމެ ބޮޑު ޕްރޮޖެކްޓު ވ. އަތޮޅުގައި ކުރިއަށް ގެންދަން ނިންމަވައި އެ މަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އިއުލާނުކުރައްވައިފިއެވެ.

ވ. އަތޮޅަށް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި ކެޔޮދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ ވ. އަތޮޅަކީ މީހުން މަދު އަތޮޅެއްކަމުގައިވީ ނަމަވެސް އިގްތިޞާދީ ހަރަކާތްތައް މި އަތޮޅުގައި ހިންގުމަށް ޚާއްސަ ޕްލޭނެއް އެބައޮތްކަމަށެވެ.

"ރާއްޖޭގައި ދެން ހިންގާ ޓޫރިޒަމްގެ އެންމެ ބޮޑު އެއް މަޝްރޫއު ލަސްތަކެއް ނުވެ އިރަދަކުރެއްވިއްޔާ މި އަތޮޅުގައި [ވ. އަތޮޅުގައި] ފެށިގެންދާނެ. އަޅުގަނޑުމެން އޭގެ ތަފްސީލްތައް ތިޔަ ބޭފުޅުންނަށް ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ގެންނާނަން," ރައީސް ވިދާޅުވިއެވެ.

ވ. ކެޔޮދޫގައި ރައީސް ޞާލިހުގެ ކެމްޕޭން ޖަލްސާގައި ރައްޔިތުންތަކެއް -- ފޮޓޯ/ އެމްޑީޕީ ކެމްޕޭން ޓީމް

ރައީސް ވިދާޅުވީ އެ މަޝްރޫއާއެކު ވ. އަތޮޅު ވައިގެ މަގުން ގުޅައިލެވޭނެ ކަމަށެވެ. މިހާރު މި މަޝްރޫއުގެ ބައެއް މަސައްކަތްތަކުގައި ސޮއިކޮށްފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ދެން އެންމެ އަވަހަށް އޮންނަ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި އެ މަޝްރޫއުގެ މަޝްވަރާތައް ކުރައްވާނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އޭގެ ފަހުން އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ކެޔޮދުއަށް ގިނަ ވައުދުތަކެއް މީގެ ކުރިން ވެވަޑައިގެންނެވިކަމަށެވެ. އެއީ ރަށުގައި މީގެ ކުރިން މަސައްކަތެއް މި ރަށުގައި ކުރެވިފައި ނެތުމުންކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ފަސް އަހަރު ކުރިން 2018ވަނަ އަހަރު ގިނަ ރަށްތަކަކުން ގިނަ ކަންތައްތަކެއް ކޮށްދޭން އެދުނު ނަމަވެސް މިއަދު އެ މަނިކުފާނު ރަށްރަށަށް ވަޑައިގަތުމުން ރަށްރަށުން އެދެނީ މަދު ކަމެއް ބޭނުންވެގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެއީ ރައްޔިތުންނަށް ބޭނުންވާ ކަންކަން މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭ ފޯރުކޮށްދެވިފައިވާތީކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކެޔޮދޫއަށް ރައީސްގެ ވައުދުތައް:

  • ސްކޫލުގައި ހަތަރު ބުރީގެ އިމާރާތެއް އެޅުން
  • ކޮންޓްރެކްޓުކުރެވިފައިވާ ވޮލީ ކޯޓާއި ފުޓުބޯޅަ ދަނޑެއްގެ އަމަލީ މަސައްކަތް ފެށުން
  • ރަށުގައި ސިއްހީ މަރުކަޒު ތަރައްގީީކޮށް ޚިދުމަތް އަވަސްކުރުން ވީ އެންމެ އަވަހަކަށް ފެށުން

"ކޮންމެ ވޯޓަކީ އަޅުގަނޑުމެންނަށް މުހިންމު ވޯޓެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ނިންމާ ނިންމުމަކީ މުހިންމު ނިންމުމެއް ކަމަށެވެ.

comment ކޮމެންޓް