ޑރ. އަޝްރަފްގެ ބަސް-- ސަން ގްރެފިކްސް

ނިމި ދިޔަ ބޮޑު ޢީދު ބަންދުގައި އަޅުގަނޑުގެ ޢާއިލާއާއެކު، ނ. ކުޑަފަރީއަށް ޗުއްޓީއަށް ދިއުމަށް ޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިޔައީ ވަރަށް ހެނދުނާއެވެ. ހެނދުނު 5.30 ގައެވެ. އެހާ ހެނދުނާ ދަތުރުކުރަންޖެހުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެންނަމަވެސް، ނ. އަތޮޅުގެ ރިސޯޓެއް މެދުވެރިކޮށް އެއަރޓެކްސީން ޖާގަލިބުނީ އެ ގަޑިއަށް ކަމުގައި ވާތީ އެ ދަތުރު އެ ގަޑީގައި ކުރަން ޖެހުނީއެވެ. ފޮށިތަންމަތިތައް ކިރައި ނިމިގެން އެއަރޓެކްސީ ގިމަތައަށް ދިއުމަށް ޚާއްޞަކޮށްފައިވާ ބަހަށް އެރީ އަޅުގަނޑުގެ 3 ކުދީންނާއި އަޅުގަނޑުމެން ދެމަފިރިންނާއި ދެތިން ފަތުރުވެރިންނާއި ދިވެހި އެހެން ދެމަފިރިއަކާއި އެ ދެމަފިރީންގެ ކުޑަކުޑަ ދަރިފުޅެވެ. ފެންނަ ފެނުމަށް އެކުއްޖާގެ އުމުރަކީ ގާތްގަނޑަކަށް 5ވަރަކަށް އަހަރެވެ.

ބަހުގެ ދަތުރު ފެށުމާއެކު އެ ތުއްތު ކުއްޖާގެ ސުވާލުތައް ވެސް ފެށިއްޖެއެވެ. ދެވޭނީ ކިހާ އިރަކުންތޯ އާއި މަތިންދާބޯޓަށް އަރާނީ ކޮން އިރަކުންތޯ އާއި މި ފަދަ އެތައް ސުވާލުތަކެކެވެ. ތުއްތު ކުއްޖަކު މި ފަދަ ސުވާލުތައް ގިނަގިނައިން ކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެއީ އެ ކުއްޖާ ދެނެގަނެ ދަސްކުރަން ބޭނުންވާ ކަންކަން އޮޅުންފިލުވުމަށް ކުރާ ސުވާލުތަކެވެ. ބުނެވޭ ގޮތުގައި އެ ގޮތަށް ގިނައިން ސުވާލުކުރާނީ ވިސްނުންތޫނު މޮޅު ކުދީންނެވެ. އެ ކުއްޖާގެ ސުވާލުތަކަށް އެ ކުއްޖާގެ މަންމަ ދިޔައީ ބަރާބަރަށް ޖަވާބު ދެމުންނެވެ. އަޅުގަނޑުގެ ސަމާލުކަމަށް މިކަން އައީ އެއްގޮތަކަށް ވެސް އެ ތުއްތު ކުއްޖާ ސުވާލުކުރާތީއެއް ނޫނެވެ.

އެ ތުއްތު ކުއްޖާގެ ކޮންމެ ސުވާލެއް ފަސޭހަކަމާއެކު ކުރަމުން ދިޔައީ އިނގިރޭސި ބަހުންނެވެ. ދިވެހިބަހަކުން ނޫނެވެ. އެ ކުއްޖާގެ މަންމަ ވެސް އެ ކުއްޖާއަށް ޖަވާބުދެމުން ދިޔައީ އިނގިރޭސި ބަހުންނެވެ. މަންމަގެ އިނގިރޭސި ބަސްމޮށުންތެރިކަން، އެ ކުއްޖާއަށް ވުރެ ފަރިތައެއް ނޫނެވެ. މަންމަ ވާހަކަދައްކަމުން ދިޔައީ، އިނގިރޭސިބަހުގެ ހަމައިގެ ގޮތުން ފުށުއެރުންތައް ހުރި ކޮށި އިނގިރޭސި ބަހުންނެވެ. އެ ކުއްޖާގެ ބައްޕަގެ ހާލަކީ ވެސް އެއީއެވެ. އަޅުގަނޑަށް ފާހަގަވި ދެވަނަ ކަމަކީ، އެ ކުއްޖާގެ މަންމައާއި ބައްޕަ އެކަކު އަނެކަކާ ވާހަކަދައްކަމުން ދިޔައީ ދިވެހިބަހުންނެވެ. ދަރިފުޅާ މުޚާޠަބުކޮށް އެއްޗެއް ބުނަންބޭނުންވީމާ، ބުނަނީ އިނގިރޭސިބަހުންނެވެ. އެ ކުއްޖާއާ ގުޅުންހުރި ކަމަކާ ގުޅުވައިގެން އެއްޗެއް ބުނާނަމަ ވެސް ބުނަނީ އިނގިރޭސި ބަހުންނެވެ. ދަތުރުކުރަމުން ދިޔަ ބަހުން އެ ކުއްޖާ ފޭބި ގަޑީ ގައި، މަންމަ އެ ކުއްޖާގެ ބައްޕައަށް މުޚާޠަބުކޮށް ބުނީ، "ހޯލްޑް ހިޒް ހޭންޑް" އެވެ.

އާދޭހެވެ. ކޮންމެ މަޔަކާއި ބަފަޔަކު ވެސް ބޭނުންވާނީ، އެ ކުއްޖާއަކީ ބަހަށް މޮޅު ކިޔެވުމަށް މޮޅު ކުއްޖަކަށް އެ ބައެއްގެ ދަރީން ވާށެވެ. އަދި އެކަން ހިނގަންވާނީ ވެސް އެ މަގުންނެވެ. މައިންބަފައިން ދަރީންގެ ހެވަށް ނޭދޭ ނަމަ، ދެން އެ ކުދީންގެ ހެވަށް އެދޭނީ ވަކި ކޮން ބައެއް ތޯއެވެ؟ އެހެނަސް ސުވާލަކީ ދަރިއަކު މޮޅު ކުއްޖަކަށް ވަނީ، އެ ކުއްޖާ އިނގިރޭސި ބަހުން ވާހަކަދެއްކީމާތޯއެވެ؟ ނުވަތަ ކިޔަވާ އެހެނިހެން މާއްދާތަކުން ވެސް މަތީ މާކުސްތައް އެކުއްޖާއަށް ލިބުނީމާ ތޯއެވެ؟ ނޫނެކެވެ. އަމިއްލަ ގައުމާއި އަމިއްލަ ގައުމިއްޔަތާއި އަމިއްލަ ސިފަތައް ގުރުބާންކޮށްގެން ލިބޭނޭ އެއްވެސް ކުރިއެރުމެއް އޮންނާނޭކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ.

މި ގައުމުގެ އެންމެ އިސް މަގާމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙަންމަދު ޞާލިޙު ވެސް މި ވާހަކަފުޅުދައްކަވައިފިއެވެ. ތަޢުލީމީ ވަޒީރު ޑރ ޢައިޝަތު ޢަލީ ވެސް މި ވާހަކަފުޅުދައްކަވައިފިއެވެ. ދިވެހި ދަރީން ދިވެހިބަހުން ވާހަކަނުދައްކާ ވާހަކައެވެ. ދިވެހިބަހާ ބީރައްޓެހި ވާހަކައެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިބަސް ދެކެ ލޯބިވާ ދިވެހި ގައުމިއްޔަތަށް ޤަދަރުކުރާ ކޮންމެ ދިވެއްސަކު މިއަދު އެ ދައްކަނީ އެ ވާހަކައެވެ. މިއަދުގެ އިސްކޫލު މާހައުލުގައި އިވޭ އަޑުތައް އިނގިރޭސިބަހަށް ބަދަލުވި ވާހަކައެވެ. ގައުމުދެކެ ލޯބިވާ ބަޔަކަށް އެއީ ކަންބޮޑުވާންޖެހޭ ކަމެއްކަމުގައި ވެއްޖެއެވެ. ދިވެހި ފަސްގަނޑަށް އުފަން، ދިވެހި ފަސްގަނޑަށް ނިމިދާނެ ދަރިއެއްކަމުގައި ދެކޭ ކުދީންގެ ހަށީގައި ދިވެހި ލޭ ނުހިނގާކަމުގެ ކަންބޮޑުވުން އިތުރުވެއްޖެއެވެ. މި ކަންބޮޑުވުން ގައުމުގެ އެންމެ މަތީ ފަޑިން ފާހަގަކޮށްފައިވާތީ އެ ކަންބޮޑުވުން އަޅުގަނޑުގެ ވެސް އޮތް ވާހަކަ މި ދަނޑިވަޅުގައި ހިއްސާކޮށްލައިފައި މި ފަހަރަށް މި ވާހަކަ ނިންމައިލާނީއެވެ.

comment ކޮމެންޓް