އީވާ ވިދާޅުވީ އިންތިޚާބާ ދިމާކޮށް މަޖިލިސް ހުއްޓުވީ ސަރުކާރުން ކަމަށް

އީވާ ރިޔާސަތުގައި -- ފޮޓޯ/ މަޖިލިސް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވަގުތު ކައިރިވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އެއްފަހަރާ ހުށަހެޅީ ސަރުކާރުން ރާވައިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމަށް ކަމަށް މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ތުހުމަތު ކުރައްވައިފިއެވެ.

އިނގިރޭސިވިލާތުގެ ވެސްޓްމިންސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީ (ޑަބްލިޔުއެފްޑީ) އިން އިންތިޒާމުކޮށްގެން މިއަދު ބޭއްވި ޕާލިމަންޓަރީ އޯވާސައިޓް އެންޑް ލެޖިސްލޭޓިވް ސްކްރޫޓިނީގެ ސެޝަނެއްގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅާފައި ވަނިކޮށް މަޖިލިސް ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ ގަވާއިދު ޖާގަ ނުދޭ ކަމަށެވެ.

އެހެން ބަޔާންކޮށްފައި ވަނިކޮށް ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ މަޖިލީހުގައި މަރުތަޅު އެޅުވުމުގެ ބޭނުމުގައި ކަމަށް އީވާ ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޕާލިމަންޓަރީ އޯވާސައިޓް އެންޑް ލެޖިސްލޭޓިވް ސްކްރޫޓިނީގެ ސެޝަންގައި / ފޮޓޯ: މަޖިލިސް

އޭގައި ސްޕީކާ ކުރާނެ ކަމެއް ނެތް. އަޅުގަނޑު ކުރާނެ ކަމެއް ނެތް. ނިއުޝާ [އަމީންއާއްމު] ކުރައްވާނެ ކަމެއް ނެތް. ފިލްޒާ [ކައުންސެލް ޖެނެރަލް] ކުރައްވާނެ ކަމެއް ނެތް. ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ އޮވެގެން ގަސްތުގައި، ވިސްނައިގެންނޭ އިންތިހާބަށް ތިން މަސް ދުވަހަށް ވެފައި އޮއްވައި ޕާލިމަންޓު އެ ޑެޑްލޮކަކަށް ގެންދިޔައީ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރަން މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅާފައިވަނީ އިއްޔެއެވެ. އީވާގެ މައްސަލައިގައި މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ 14 ދުވަހުގެ ނޯޓިސް އަންނަ އާދިއްތަ ދުވަހު ހަމަވާނެއެވެ. އެ މައްސަލަ މީގެކުރިން އެޖެންޑާ ކުރުމަށް ފަހު މިހާރުވަނީ އެޖެންޑާއިން ނަގާފައެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ، އެ މައްސަލަ ހުށަހެޅުއްވި މެމްބަރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ޕާޓީތައް އެކުލެވިގެންވާ ގޮތަށް އައި ބަދަލާ އެކު، ދާއިމީ ކޮމިޓީތައް އަދިވެސް އެކުލަވާލާފައި ނުވާތީ، މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރުމުގެ ގަރާރަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައަޅާފައި ނުވާ ކަމަށެވެ.

https://sun.mv/178462

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަކީ "އަބަދުވެސް ދެމިއޮންނަ" ކޮމިޓީތަކެއް ކަން މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާއިރު، ކޮމިޓީތަކުގެ މެމްބަރުން ބަދަލުކުރުމަކީ ކޮމިޓީގެ މަސައްކަތް ހުއްޓޭނެ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް، ކޮމިޓީތައް އެކުލަވައިނުލެވި ވަނީ މަޖިލިސް ތަމްސީލުކުރާ ޕާޓީތަކުން އެއްބަސް ނުވެވިގެން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަސްލަމް މިއަދު ވިދާޅުވީ، އީވާގެ މައްސަލަ އަވަސް ކުރަން ޖެހޭ ކަމަށެވެ. އަދި އެ މައްސަލައިގެ ވަގުތު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވަން މަޖިލީހުގެ އަމީން އާންމަށް ގޮވާލާފައިވެއެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް، އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާ އެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ، 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ. އަދި، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 މެންބަރުންގެ ވޯޓުންނެވެ. އެއީ، މަޖިލީހުގައި ތިއްބަވައި 87 މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންނެވެ.

comment ކޮމެންޓް