ކޮމިޓީތައް އެކުލަވާލައި ނުނިމޭތީ މިނިސްޓަރު ޝާހިދުގެ މައްސަލަ އެޖެންޑާ ނުކުރެވިފައި

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު --- ފޮޓޯ/ ޒިންހުއާ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ ނުކުރެވި ލަސްވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމުގެ މަސައްކަތް ނުނިމޭތީ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލީހުގެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ އެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ފަހު އަނބުރާ ނަގާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "ސަން"އަށް ވިދާޅުވީ އެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިނުވާ ކަމަށެވެ. ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވާގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަހުސް ކުރަން ފެށުމުގެ ކުރިން އެ މައްސަލައަށް ޖަވާބުދާރީ ވާން 14 ދުވަހުގެ ނޯޓިސް ދޭން ޖެހެއެވެ. މިނިސްޓަރަށް އެ ނޯޓިސް ފޮނުވީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

https://sun.mv/177738

ނޯޓިސްގެ މުއްދަތު މާދަމާއަށް ހަމަވި ނަމަވެސް، ނޯޓިސްގެ މުއްދަތު ހަމަވާ ދުވަހު އެ މައްސަލަ އެޖެންޑާ ކުރުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމަށް ޒިޔާއު ވިދާޅުވިއެވެ. ނަމަވެސް އާންމު އުސޫލެއްގެ ދަށުން އެފަދަ މައްސަލަތައް މަޖިލީހުގައި އެޖެންޑާ ކުރަނީ ނޯޓިސްގެ މުއްދަތު ހަމަވާ ދުވަހަށެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައިވަނީ އެމްޑީޕީގައި ހިމެނޭ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ 13 މެންބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެންނެވެ. އެ މެންބަރުން މިހާރު ގެންދަވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން މި ވަގުތު ތިއްބެވީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ ގޮތުގައެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށާއި، އެ މަސައްކަތް ނިމުނުހާ އަވަހަށް މިނިސްޓަރު ޝާހިދުގެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދޭނީ މަދުވެގެން 10 މެންބަރުންގެ ސޮއި ލިބިގެންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރަން މަޖިލީހުގެ 43 މެންބަރުންގެ އަގުލަބިއްޔަތު ބޭނުންވެއެވެ. އެމްޑީޕީއަށް މިހާރު ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލިފައެވެ. އެކަމަކު، އަދިވެސް އެ ޕާޓީގެ 56 މެންބަރުން ތިއްބަވައެވެ. ޕީޕީއެމާއި ޕީއެންސީގެ އަށް މެންބަރުން ތިއްބަވައެވެ. އަދި ޖޭޕީގެ ދެ މެންބަރުން ތިއްބަވާއިރު އެމްއެންޕީގެ ތިން މެންބަރުން ތިއްބަވައެވެ.

މަޖިލީހުގެ ދަފުތަރަށް ބައެއް ބަދަލުތައް އައި ނަމަވެސް މި މައްސަލަ ކާމިޔާބު ކުރުން އަދިވެސް ނާދިރެވެ.

comment ކޮމެންޓް