ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ, ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީ ވުމަށް 14 ދުވަހުގެ ނޯޓިސް ދީފިއެވެ.
މިނިސްޓަރުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވަނީ، މޮރިޝަސްއާއި ރާއްޖެއާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބައިކުރީ ދިވެހީންގެ މަސްލަހަތާ ޚިލާފަށް ކަމަށް ބުނެ އުފައްދާފައިވާ އިދިކޮޅު އިއްތިހާދަކުންނެވެ.
އެގޮތުން ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރެއްވި ކަމަށް ވިދާޅުވި ނަމަވެސް ރާއްޖޭގެ ކަނޑުތައް ހިމާޔަތް ކުރުމާ ބެހޭ ގާނޫނުގައި ރާއްޖޭގެ އިގުތިސާދީ ސަރަހައްދާ ބެހޭ ގޮތުން ގޮތް ކަނޑައަޅާފައި ވަނިކޮށް ސަރުކާރުން އަމަލުކޮށްފައިވަނީ އެހެން ބަޔެއްގެ މަސްލަހަތު ހިމާޔަތް ކުރެއްވުމަށް ކަމަށް އެފަރާތުން ބުނެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ 13 މެންބަރުންގެ ސޮޔާ އެކު މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިމަހުގެ 18 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށާއި، މައްސަލައިގައި ޖަވާބުދާރީ ވުމަށް 14 ދުވަހުގެ ނޯޓިސް މިހާރު ފޮނުވާފައިވާ ކަމަށެވެ.
މިނިސްޓަރު ޝާހިދުގެ އިތުރުން މޮރިޝަސް މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަވެސް ވަނި މަޖިލީހަށް ވައްދާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދޭނީ މަދުވެގެން 10 މެމްބަރުންގެ ސޮއި ލިބިގެންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރަން މަޖިލީހުގެ 43 މެމްބަރުންގެ އަގުލަބިއްޔަތު ބޭނުންވެއެވެ.
ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގައި ހަރަކާތްތެރިވާ މަޖިލިސް މެންބަރުން ވަނީ އެމްޑީޕީއިން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދިފައެވެ. އެ ފެކްޝަންގެ 13 މެންބަރުން ވަކިވުމާއެކު އެމްޑީޕީއަށް މިހާރު ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލިފައެވެ.
ޕީޕީއެމާއި ޕީއެންސީގެ ހަތް މެންބަރުން ތިއްބަވައެވެ. އަދި ޖޭޕީގެ ތިން މެންބަރުން ތިއްބަވާއިރު އެމްއެންޕީގެ ވެސް ތިން މެންބަރުން ތިއްބަވައެވެ.
މަޖިލީހުގެ ދަފްތަރަށް ބައެއް ބަދަލުތައް އައި ނަމަވެސް މި މައްސަލަ ކާމިޔާބު ކުރުން އަދިވެސް ނާދިރެވެ.