ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ގިނަ ދުވަސްތަކެއް ވަންދެން ފުލުހުންނަށް ފިލައިގެން އުޅުނު އިބްރާހީމް ފައިޙް ނިޡާމު ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި ދެ މީހަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން މީޑިއާތަކާ ހިއްސާކުރީ މެސެޖެއްގައި ބުނީ، ފައިޙް ހައްޔަރުކުރިއަނުދިނުމަށްޓަކައި ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި ދައުވާކުރަން ފޮނުވީ ލ. ގަން، ތުނޑި، ނެވަރކޯން، ޢަބްދުﷲ ޖުނައިދު އާއި،
ރ. ކަނދޮޅުދޫ، ފީރޯޒުގެ، މުޙައްމަދު ޝަބީބްގެ މައްޗަށް ކަމަށެވެ.
މި ދެ މީހުންގެ މައްޗަށް ކުރަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 536 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކުށެއް ކޮށްފައިވާ މީހަކު ހައްޔަރުކުރިއަނުދިނުމަށްޓަކައި، ކުށްކޮށްފައިވާ މީހާ ތަނެއްގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއެވެ.
މި މީހުން ފޮރުވައިގެން އުޅުނު ކަމަށް ބުނާ ފައިޙްގެ މައްޗަށް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ގައިގާ އަތްލުމާއި ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ދަޢުވާތައް ވަނީ ކޮށްފައެވެ.
ފައިޙްއަށް ތުހުމަތުކުރަނީ މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު "ކެފޭ ޑި ޕަބްލިކް" ތެރޭގައި ބަޔަކު މާރާމާރީ ހިންގައި، އެތަނުގައި ހުރި މީހަކަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލައިގައި ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މާލޭގައި ހަރަކާތްތެރިވާ ނުރައްކާތެރި ދެ ގޭންގެއްގެ މެދުގައި ޖެހުނު މައްސަލައަކާ ގުޅިގެން މި އަހަރުގެ ކުރީކޮޅު ހިނގައިދިޔަ ސިލްސިލާ މާރާމާރީތަކުގެ ތެރެއިން މާރާމާރީއެކެވެ.
ހަމަ މި މާރާމާރީގެ މައްސަލައިގައި ހ. ދިއްގާމާގެ، ޢަލީ ފާރިޟް އާއި، މއ. އާދިއްޕަރު، މާއިން މުޙައްމަދު ޢަޒީމްގެ މައްޗަށް ގައިގާ އަތްލުމުގެ ކުށުގެ ދަޢުވާ ކުރަން ޕީޖީ އޮފީހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.