މިއަދު ހެނދުނު މަހިބަދޫ އާއި ދިގުރަށާ ދެމެދު "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން މީހުން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ތައުރީފު ކުރައްވައި ޝުކުރު އަދާ ކުރައްވައިފިއެވެ.
ފުލުހުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ, މިއަދު ހެނދުނު 07:57 ހާއިރު ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗް "ހުވަން" އަޑިއަށް ދިޔަކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.
އެ ދޯނީގައި 45 ފަސިންޖަރުންނާއި ތިން ފަޅުވެރިން ތިބި ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ފުލުހުންގެ އިމަޖެންސީ ރެސްޕޮންސް ޓީމްތައް ވަގުތުން ފޮނުވައި، ދޯނީގައި ތިބި އެންމެން ރައްކާތެރިކަމާ އެކު ސަލާމަތްކުރެވޭނެ އިންތިޒާމު ހަމަޖެއްސި ކަމަށެވެ. ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ދިގުރަށަށް ގެންގޮސްފައިވާއިރު، އެ މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ކަމާ ގުޅިގެން, މި އޮޕަރޭޝަންގައި ކަނޑުވި މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރި ފުލުހުންނަށް ސީޕީވަނީ ގުޅުއްވައިގެން ޝުކުރު އަދާކުރައްވައިފައެވެ.
ފުލުހުން ބުނީ ޑެޕިއުޓީ ކޮމިޝަނަރު، އިސްމާއީލް ނަވީނާއި ފަރުހާދު ފިކުރީ ވެސް މި ފޯނު ކޯލުގައި ބައިވެރިވެ، އޮފިސަރުންގެ އަވަސް އަދި ހަރުދަނާ މަސައްކަތަކަށް ތައުރީފު ކުރެއްވި ކަމަށެވެ.

ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު: އަޑިއަށްދިޔަ ލޯންޗުން މީހުން ސަލާމަތްކުރި ފުލުހުންނަށް ސީޕީވަނީ ތައުރީފު ކުރައްވާފައި -- ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ
ޚާއްސަކޮށް ސީޕީވަނީ ރަމަޟާން މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ދެއްކި ނަމޫނާއަށް ޝުކުރު އަދާކުރައްވައި، އެ މަސައްކަތާމެދު ފަޚުރުވެރިވާކަމަށް ވިދާޅުވެފައެވެ. އަދި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައި، ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގައި ކޮށްފައިވާ މަސައްކަތް ވެސް ސީޕީ ފާހަގަ ކުރެއްވި ކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަންގައި އާންމު ރައްޔިތުންގެ ދައުރު ފާހަގަކުރައްވައި، މީހުން ދިގުރަށަށް އަނބުރާ ގެންދިއުމުގައި އެހީތެރިވި ލޯންޗެއް ފާހަގަކުރައްވައި ރީޖަން ކޮމާންޑަރު ވަނީ އެ މީހުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
މިއަދު ކަނޑުމަތީގައި މިފަދަ އިތުރު ހާދިސާއެއް ވެސް ހިނގިއެވެ. އެގޮތުން ކ. ތިލަފުއްޓާ ދިމާ ބޭރުން 34 ފަތުރުވެރިންނާއި ހަތަރު ކުރޫއާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެން ގޮސް ދިޔަވާން ފެށިއެވެ.
މެންދުރު ހިނގި އެ ހާދިސާއާ ގުޅިގެން ކޯސްޓްގާޑުން އެހީ ފޯރުކޮށްދީ، 14:00 ހާއިރު އެ ލޯންޗު ތިލަފުއްޓަށް ވައްދައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ. ޚާއްސަކޮށް ކަނޑުތައް ވެސް ގަދަވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރޭ މޫސުން ގޯސްވެ، މެދުރާއްޖެތެރެއަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖު ސަމާލު ވެސް ނެރުނެވެ.
މެޓުން ލަފާކުރާ ގޮތުގައި މޫސުން އަލިވާނީ މާދަމާއެވެ.
މީގެ ކުރިން ވެސް މޫސުން ގޯސް ދުވަސްވަރު ކަނޑުމަތީގައި ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.