މާރާމާރީގެ މައްސަލައިގައި ފައިހުއަށް ދައުވާ ކޮށްފި

ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އުމުރުން 25 އަހަރުގެ އިބްރާހީމް ފައިޙް ނިޒާމް --- ފޮޓޯ/ ފުލުހުން

މާރާމާރީ ހިންގުމުގެ މައްސަލައިގައި ފުލުހުން ހޯދި އިބްރާހީމް ފައިހް ނިޒާމަށް ދައުވާ ކޮށްފިއެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވީ ސ. މަރަދޫފޭދޫ، އުމުރުން 25 އަހަރުގެ އިބްރާހީމް ފައިހް ނިޒާމުގެ މައްޗަށް އުފުލާފައިވަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ކަމަށެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ފައިހުގެ މައްޗަށް އުފުލާފައިވާއިރު، މިދިޔަ ފެބްރުއަރީ މަހު ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާގެ މަރުގެ މައްސަލައިގައި ވެސް ފުލުހުން ތުހުމަތު ކުރަނީ ފައިހުއަށް ކަމަށް އެނގިފައިވެއެވެ.

މާފަންނު ބީޖީ ގަރާޖު ކައިރީ ހުރި ފިހާރައެއްގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ، އިޒްމީރު، މުހައްމަދު އަހުމަދު ދީދީ (ނައުޝާދު)އަށް ހަމަލާ ދިނީ ފެބްރުއަރީ މަހުގެ 24ގައެވެ. އެ ހަމަލާގެ ސަބަބުން، ހަމަ އެ މަހުގެ 27 ވަނަ ދުވަހު އޭނާ ވަނީ މަރުވެފައެވެ.

އެނގިފައިވާ ގޮތުގައި ނައުޝާދުގެ މަރުގެ މައްސަލައިގައި ވެސް އޭނާގެ މައްޗަށް ތުހުމަތުކޮށް ތަހުގީގު ކުރިއަށް އެބަދެއެވެ. ނައުޝާދު މަރާލި މައްސަލައާ ގުޅިގެން ފައިހް ހޯދަން އިއުލާނު ކޮށްފައިވަނިކޮށް އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވީ މިދިޔަ މަހުގެ 21 ވަނަ ދުވަހެވެ. އޭގެފަހުން އޭނާ ހުރީ ފުލުހުންގެ ބަންދުގައެވެ.

ހަމަ އެ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހު 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މަހުގެ 13ގައި އަމުރުކޮށްފައެވެ.

comment ކޮމެންޓް