ލޯންޗެއް ދިޔަވެ، ކަނޑުވި 44 މީހުންނާއި ހަތަރު ކުޑަކުދިން މިއަދު ސަލާމަތްކޮށްފިއެވެ.
ފުލުހުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ, މިއަދު ހެނދުނު 07:57 ހާއިރު ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗް "ހުވަން" އަޑިއަށް ދިޔަކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.
އެ ދޯނީގައި 45 ފަސިންޖަރުންނާއި ތިން ފަޅުވެރިން ތިބި ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ފުލުހުންގެ އިމަޖެންސީ ރެސްޕޮންސް ޓީމްތައް ވަގުތުން ފޮނުވައި، ދޯނީގައި ތިބި އެންމެން ރައްކާތެރިކަމާ އެކު ސަލާމަތްކުރެވޭނެ އިންތިޒާމު ހަމަޖެއްސި ކަމަށެވެ. ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ދިގުރަށަށް ގެންގޮސްފައިވާއިރު، އެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ފުރިހަމަ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ ރެސްކިއު ޓީމުތަކާއި މި އޮޕަރޭޝަނުގައި އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކުގެ އަވަސް އެހީތެރިކަމަށް ތައުރީފުކުރަން،" ފުލުހުން ބުންޏެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ. ޚާއްސަކޮށް ކަނޑުތައް ވެސް ގަދަވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރޭ މޫސުން ގޯސްވެ، މެދުރާއްޖެތެރެއަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖު ސަމާލު ވެސް ނެރުނެވެ.
މެޓުން ލަފާކުރާ ގޮތުގައި މޫސުން އަލިވާނީ މާދަމާއަށެވެ.
މީގެ ކުރިން ވެސް މޫސުން ގޯސް ދުވަސްވަރު ކަނޑުމަތީގައި ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.