އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސް އޮނެޑް ޕިނެޑާ މަރުވި ދުވަހު ކަން ހިނގާ ދިޔަގޮތް އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް ކިޔައިދިން ގޮތަށް އެ މައްސަލައިގެ ތަހުގީގު ޓީމުގައި ހިމެނޭ އިންވެސްޓިގޭޝަން އޮފިޝަރު (އައިއޯ) ކިޔައިދީފިއެވެ.
ދަންޖެހިގެން ޚަބަރު ހުސްވެފައިކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން ހައްޔަރު ކުރީ އެ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި މާވިންގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ އަބްދުއްރަހްމާން ހައްޔަރު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
މޭރީގެ މަރުގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ ދައުލަތުން ހުށަހެޅި ތިން ހެއްކެއްގެ ހެކިބަސް ނަގާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މޭރީ ހޮސްޕިޓަލަށް ގެނައުމުން އޭނާއަށް ފަރުވާ ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރުގެ އިތުރުން އައިޖީއެމްއެޗް އީއާރުގައި މަސައްކަތްކުރާ ނަރުހަކާއި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ އިންވެސްޓިގޭޝަން އޮފިސަރެއެވެ.
އިންވެސްޓިގޭޝަން އޮފިސަރު ވަނީ އެ މައްސަލައަށް އެޓެންޑްވި ހިސާބުން އެ ދުވަހު ކަންތައް ވީގޮތް ކިޔައިދީފައެވެ.
ރީޝާން މުހައްމަދު ނަމަކަށް ކިޔާ އެ އިންވެސްޓިގޭޝަން އޮފިސަރު އެންމެ ފުރަތަމަ އެޓެންޑްވީ އައިޖީއެމްއެޗަށެވެ. އެއީ ގަޑިން 13:15 ހާއިރުއެވެ.
އެތަނުން އައިއޯ ވަނީ މާވިންއާ ސުވާލުކޮށް ކަންހިގައިދިޔަ ގޮތް އޮޅުންފިލުވާފައެވެ. އަދި މޭރީ މަރުވި ހާދިސާ ހިނގައި ދިޔަ ކަމަށް، މާވިން އޭނާ ގާތު ކިޔައިދިން ވާހަކަތައް، އިންވެސްޓިގޭޝަން އޮފިސަރު ވަނީ ޝަރީއަތުގެ މަޖިލީހުގަ ހިއްސާކޮށްފައެވެ.
އެގޮތުން, އައިޖީއެމްއެޗްގައި ޑިއުޓީގައި ހުރުމަށްފަހު މޭރީ ގެއަށް ދިޔައިރު އޭނާ އުޅުނީ ފާހަނާގެ ފެން އިސްކޫރެއް މަރާމާތު ކުރުމުގެ މަސައްކަތުގައި ކަމަށް މާވިން ފުލުސް އޮފިސަރު ގާތު ބުންޏެވެ.
މާވިން އޭރު ބުނި ގޮތުން ނަމަ އެ ދެ މީހުން ފުރަތަމަ އަރާރުންވީ ފެން އިސްކޫރު މަރާމާތު ނުކޮށް ހުރުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. އެ އަރާރުންވުމުގެ ހުޅުގަނޑު ފަޅައިގެން ދިޔައީ މީގެ ކުރިން މާވިން ލޯބީގެ ގޮތުން އެހެން މީހަކާ ގުޅިފައި އޮތުމުން ކަމަށް ވެސް އޭނާ ކިޔައިދިނެވެ. އަދި 'ލީވް މީ އެލޯން' އޭ ބުނުމުން މާވިން ކޮޓަރިން ނުކުތީ ކަމަށް ވެސް އޭނާ ބުންޏެވެ.
މާވިން ބުނީ އޭނާއަށް މޭރީ ދަންޖެހިފައި ހުއްޓާ ފެނުނީ މާ ލަސްވާތީ ކޮޓަރިއަށް ވަން އިރު ކަމަށެވެ. އޭރު މޭރީ ކޮޓަރި ތެރޭގައި ހުރި ކުޑަ ދޮރެއްގައި ބެޑްޝީޓެއް ބޭނުން ކޮށްގެން ދަންޖެހިއްޖެ ކަމަށް މާވިން ބުންޏެވެ. އަދި ކަތުރެއް ބޭނުންކޮށްގެން ބެޑްޝީޓް ބުރިކޮށްލައި ތަޅުން މަތީގައި މޭރީ ބޭއްވިއިރު ވެސް މޭރީގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް މާވިން ކިޔައިދިން ކަމަށް އައިއޯ ބުންޏެވެ.
އައިއޯ ކިޔައިދިން ގޮތުގައި، ކޮޓަރި ތެރޭގައި ބޭއްވުމަށްފަހު މޭރީގެ ގަޔަށް ފެންއަޅައި ސީޕީއާރު ދިނުމުން ވެސް މޭރީގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް މާވިން ބުނެފައިވެއެވެ. ހޮސްޕިޓަލަށް ގެންދިއުމުގެ ބަދަލުގައި މާވިން ގުޅީ އޭނާގެ މަންމައަށެވެ. އަދި އެމްބިއުލަންސަށް ގުޅީ މަންމަ ގެއަށް އައުމަށްފަހު ކަމަށް މާވިން އައިއޯ ގާތު ބުންޏެވެ.
އައިއޯއަށް މިގޮތަށް ވާހަކަތައް ކިޔައިދިން ނަމަވެސް، މި މައްސަލައިގައި މިއަދު ހެކިބަސް ދިން އެހެން މީހުންނަށް ހާދިސާ ހިނގި ކަމަށް މާވިން ކިޔައިދިން ގޮތް ތަފާތެވެ. އެގޮތުން ފުރަތަމަ ދިމާވި ޑޮކްޓަރާއި ފަހުން ދިމާވި ޑޮކްޓަރުންނަށް ކިޔައިދިން ވާހަކަތަކުގައި ވެސް ފުށުއެރުންތަކެއް ހުރިކަން ކޯޓުގައި ދިން ހެކިބަހުން ހާމަވިއެވެ.
ހާދިސާއަށް ފަހު މޭރީ އޮތްތަން ބަލާ ފާސްކުރިއިރު އެތަނުގައި ސިރިންޖެއްގެ ހުސް އުރަ އޮތް ކަމަށް އައިއޯ ވަނީ ބުނެފައެވެ. އަދި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އެއީ އައިޖީއެމްއެޗްގެ ޕެރަމެޑިކުން ގެނައި އެއްޗެއް ކަމަށް މާވިން އައިއޯ ގާތު ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މާވިންއަށް ވަނީ ގަސްދުގައި މީހަކު މަރާލިކަމުގެ ދައުވާ ކޮށްފައެވެ. އަދި ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ދެ ދައުވާއެއް އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ލަމްހާ ވަނީ ހަށިގަނޑަށް އިންޖެކްޓްކުރާނެ ގޮތް މާވިންއަށް ކިޔައިދީފައެވެ. އަދި މީހަކު ހޭނައްތާލާނެ ގޮތުގެ މައުލޫމާތު މާވިން ވަނީ އިންޓަނެޓުން ސާޗުކޮށްފައި ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ. އަދި މޭރީ މަރާލާފައިވަނީ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.