ރައްޔިތުންގެ މަޖިލީހުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާ މެންބަރުންނާއި އިދިކޮޅު މެންބަރުންނާ ދެމެދު ބަހުގެ ހަމަލާތައް ހޫނުވެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުގެ ނަން އިއްވި ނަމަވެސް އޭނާ ނުކުންނަވަން ދެކޮޅު ހެއްދެވުމުން، މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުސްވަގުތަށް ފަހު ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފެވެ. ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން އިދިކޮޅަށާއި ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނަށް ބަހުގެ ހަމަލާ ދޭން ފެށުމުން އަފީފް ވަނީ ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރެއްވުމަށް ނަސޭހަތްތެރިވެފައެވެ.
އެގޮތުން، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ރިޔާސަތަށް ފުރައްސާރަކޮށް ހަސަން އަފީފަށް މަލާމާތުގެ ބަސްތައް ރައްދު ކުރައްވާފައެވެ.
އެހެންކަމުން ރިޔާސަތުން ވަނީ މެންބަރުންގެ ވާހަކަތައް ހުއްޓުވައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ފުރުސަތު އަރުވާފައެވެ. ޝިޔާމަށް އެރުވި ފުރުސަތުގައި އޭނާ ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަން ފެއްޓެވުމާއެކު އެމްޑީޕީ މެންބަރުން ވަނީ ގަރާރަށް ބަހުސް ކުރެއްވުމަށް ގޮވާލާ އަޑުގަދަ ކުރަން ފަށާފައެވެ.
ރިޔާސަތުން ޝިޔާމްގެ ވާހަކަ ނުހުއްޓުވުމުން މެންބަރު ޝިފާއު އަދި ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވަނީ ޝިޔާމްގެ ކުރިފުޅު މައްޗަށް އަރުއްވައި ވާހަކައަށް ހުރަސް އަޅުއްވާފައެވެ. އަދި ގިނަ މެންބަރުންތަކެއް ގޮނޑިކޮޅުތަކުން ތެދުވެވަޑައިގެން، ރިޔާސަތުގެ ކުރިމަތީގައި އަޑުގަދަ ކުރަން ފަށާފައިވެއެވެ.
އެއާއެކު ރިޔާސަތުން ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް އަންގަވާފައެވެ. އެގޮތުން، މެންބަރު ފަލާހުއަށް އެކަން އެންގުމުންވެސް، އަޑުގަދަ ކުރަމުން ގެންދެވުމުން އޭނާގެ ނަން އިއްވައި ތަޅުމުން ނުކުންނެވުމަށް ރިޔާސަތުން އެންގެވިއެވެ.
އެއަށްފަހު މެންބަރު ނުކުންނަވަންދެން މަޖިލިސް ކުޑަ ވަގުތު ކޮޅަކަށް މެދު ކަނޑާލައި އަލުން ފެށި އިރު ވެސް ތަޅުން ހަމައަކަށް ނޭޅެއެވެ. ފަލާހު އޭރުވެސް ތަޅުން ދޫ ކުރައްވައި ވަޑައިގެންފައި ނުވާއިރު، ތަޅުން ހަމައަކަށް ނޭޅުމުން އަފީފް ވަނީ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވާފައެވެ.