ސުޕްރީމް ކޯޓު ފަނޑިޔާރުން ވަކިކުރަން ޕީއެންސީގެ ގިނަ މެންބަރުން ދެކޮޅު ހަދައިފި

ޕީއެންސީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން:-- ފޮޓޯ/ މަޖިލިސް

ސަރުކާރު ހިންގާ ޕީއެންސީން މިއަދު ބޭއްވި ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ބައްދަލުވުމުގައި ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ގިނަ މެންބަރުން ދެކޮޅު ހެދިކަން އެނގިއްޖެއެވެ.

ސުޕްރީމް ކޯޓު ބެންޗުގައި ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކޮށް، ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކުރަން ބިލެއް ވަނީ ހުށަހަޅާފައެވެ. އެ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.

މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕީއެންސީން މިއަދު ވަނީ އެ ބިލާ ގުޅޭ ގޮތުން ޕީޖީ ބައްދަލުވުމެއް ބާއްވާފައެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ގިނަ މެންބަރުން ވަނީ ފާޅުގައި އެ ބިލަށް ދެކޮޅު ހަދައިފައެވެ. ބައެއް މެންބަރުން ވަނީ ޕީޖީ ބައްދަލުވުމުގައި ފާޅުގައި އެ ބިލާ ދެކޮޅަށް ވެސް ވާހަކަދައްކަވާފައެވެ.

https://www.sun.mv/202961

އެ ގޮތުން ބިލާ ދެކޮޅަށް ވާހަކަދެއްކެވި މެންބަރުންގެ ތެރޭގައި:

  • ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް
  • ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް
  • މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް
  • މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު
  • ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން
  • ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް
  • ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް

"ގިނަ މެންބަރުން ހަމަ ފާޅުގައި ބިލާ ދެކޮޅަށް ވާހަކަދެއްކީ. ވަރަށް މަދު މެންބަރަކު އެއްކޮޅަށް ވާހަކަދެއްކީ،" ޕީއެންސީއަށް ނިސްބަތްވާ މެންބަރަކު ބައްދަލުވުމުގެ ވާހަކަ ހިއްސާކޮށްދެއްވިއެވެ.

https://www.sun.mv/202957

އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރަކު ކިޔައިދެއްވި ގޮތުގައި ފަނޑިޔާރުން ވަކިކުރާ ބިލާ އެއްކޮޅަށް ބޮޑަށް ވާހަކަދެއްކީ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހާއި ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއެވެ.

"މަޖިލީހުގެ ރައީސް އަބްދުއްރަހީމް [އަބްދުﷲ]، ނައިބު ރައީސް [އަހުމަދު ނާޒިމް] ވެސް ބިލާ އެއްކޮޅަށް ވާހަކަދެއްކި. އެކަމަކު، އެ ދެ ބޭފުޅުން ވެސް މާ ބޮޑަކަށް ވާހަކައެއް ނުދައްކަވާ،" ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެންބަރަކު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ބައްދަލުވުމުގައި ބައިވެރިވި ގިނަ މެންބަރުންތަކެއް ދެކޮޅު ހެދުމުން ޕީޖީ ލީޑަރު ފަލާހް ވަނީ މި ބިލުގެ މަސައްކަތުގައި ސަރުކާރުން ބޭނުންވާ ގޮތަކަށް ބިލު ކުރިއަށް ގެންދަން އެއްބާރުލުން ދޭނީ ކިތައް މެންބަރުންތޯ އައްސަވާފައެވެ. އެހެން އެއްސެވުމުން ގިނަ މެންބަރުންތަކެއް ވަނީ ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަން ހުށަހެޅުމާ އެކު އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

https://www.sun.mv/202953

ފާހަގަކޮށްލެވޭ ގޮތުގައި ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަން ހުށަހެޅީ، ޕީއެންސީން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަނިކޮށެވެ. އެއީ، އެ މައްސަލައަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

މަޖިލީހުގައި ޕީއެންސީއަށް ސުޕަމެޖޯރިޓީ އެބައޮތެވެ. އެހެންވެ، ގާނޫނަށް ބަދަލު ގެނެސްގެން އެ ޕާޓީއަށް ފަނޑިޔާރުން ވަކިކުރެވޭނެއެވެ.

އިދިކޮޅު އެމްޑީޕީން މީގެ ކުރިން ވެސް ވަނީ ސަރުކާރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކުރަން އުޅޭ ކަމަށް ތުހުމަތުކޮށްފައެވެ. އެކަމަކު، ސަރުކާރުން އޭރު ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. މި ބިލާ ގުޅޭ ގޮތުން ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ބިލު ހުށަހެޅުއްވި މެންބަރު އަބްދުއްސައްތާރު ބިލު ހުށަހެޅީ އަމިއްލަ ގޮތުންނެވެ.

comment ކޮމެންޓް