އިއްތިހާދާއި ރިޔާސީ އިންތިޚާބަކާ ގުޅުމެއް ނެތް: އިދިކޮޅު

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ)--- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު ޢަބްދުﷲ

އިން ވަކިކުރި ގޮތާ މެދު ހިތްހަމަ ނުޖެހި ސަރުކާރާ ދެކޮޅު ޕާޓީތަކުން އެކުލަވާލައިފައިވާ އިއްތިހާދާއި ރިޔާސީ އިންތިޚާބާ ގުޅުމެއް ނެތް ކަމަށް އިދިކޮޅު އިއްތިހާދުން މިރޭ ބުނެފިއެވެ.

'ކަނޑު ވިއްކުމާ ދެކޮޅު' ނަމުގައި އެކުލަވާލާފައިވާ އެ އިއްތިހާދުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީ ސިޔާސީ ފިކުރު ތަފާތުވުމަކީ ގައުމީ ވިސްނުން އެއްގޮތް ނުވާންވީ ސަބަބެއް ނޫން ކަމަށެވެ.

އަދުރޭ ވިދާޅުވީ އެ އިއްތިހާދުން ކުރާ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށެވެ. އެހެން ކަމުން ސިޔާސީ މަސައްކަތް ކުރާނީ ކޮންމެ ބަޔަކު ވެސް ވަކިން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލައިގެން އުޅޭތީ އެ ހޯދަން ޖެހޭ ކަމަށް ގަބޫލުކުރާ މީހުން މިތަނަށް އައިސް މިތިބީ،" އަދުރޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ފިކުރެއްގެ ދިރުން ގޮފިން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ވަނީ އަދުރޭ ދެއްކެވި ވާހަކައަށް ތާއީދު ކުރައްވާ ވާހަކަދައްކަވައިފައެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް--- ސަން ފޮޓޯ. މުޙައްމަދު ޝާތިއު އަބްދުﷲ

އާޒިމް ވިދާޅުވީ އެ އިއްތިހާދުގެ ކޮންމެ ބޭފުޅަކު ވެރިކަމަށް ހޮވުނު ނަމަވެސް އެންމެން ވެސް އެއްބަސްވާ އެއް ކަމެއް އެބައޮތް ކަމަށެވެ. އެއީ، ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދަން ވީވަރަކުން މަސައްކަތް ކުރުން ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެ އެއްބަސްވާ ކަމަކީ މި ގެއްލުނު ބައި ވީވަރަކުން ހޯދަން މަސައްކަތް ކުރާނަމޭ. އެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ، އެއީ ގުޅުމެެއް، އެ ގުޅުން އެބައޮތް. އެ ގުޅުމާ ބެހޭ ގޮތުން އެކަނި އަޅުގަނޑުމެން މިތަނުގައި ވާހަކަދައްކާނީ،" އާޒިމް ވިދާޅުވިއެވެ.

އަދުރޭއާއި އާޒިމްގެ އިތުރުން މިރޭގެ ބައްދަލުވުމުގައި އެމްއެންޕީއާ، ޖުމްހޫރީ ޕާޓީއާއި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ، ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރާއި އުމަރު ނަސީރު ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއެރި ކަނޑުގެ ސަރަހައްދުން ބޮޑުބައި ރާއްޖެއަށް ލިބޭ ގޮތަށް, އިޓްލޮސް އިން ނިންމި ނިންމުން ކަމުނުގޮސްގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން"އާ އެކު ޕީޕީއެމް، އެމްއެންޕީ އަދި ޖޭޕީން ވަނީ އިއްތިހާދެއް އެކުލަވައިލައިފައެވެ.

އެ އިއްތިހާދުން ވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ޖޫން މަހުގެ ދެވަނަ ދުވަހު ބޮޑު އެއްވުމެއް ބާއްވަން ނިންމައިފިއެވެ. އަދި، އިމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނިންމުން ރާއްޖެއިން ބަލައިނުގަންނާނެ ކަމަށް މޮރިޝަސްގެ ސަރުކާރަށާއި އިޓްލޮސްއަށް އަދި ކަމާބެހޭ އެހެނިހެން ފަރާތްތަކަށް އެންގުމާ އެކު އެ މައްސަލަ ބަލައިދިނުމަށް އިޓްލޮސްއަށް ހުށަހެޅުމަށް އެދި ޕެޓިޝަނެއް އެކުލާވާލައި، އޭގައި ސޮއި ކުރަން ފަށާފައިވާކަން ވެސް މިރޭ ވަނީ އިއުލާނު ކޮށްފައެވެ.

https://sun.mv/177397

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަހައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

އިދިކޮޅު ޕާޓީތަކުން ނުރުހުން ފާޅުކުރަމުން އަންނަނީ އެ ސަރަހައްދު އެއްކޮށް ލިބެންވާނީ ރާއްޖެއަށް ކަމަށް ބުނެއެވެ.

comment ކޮމެންޓް