އިމުގެ މައްސަލަ: އިދިކޮޅު އިއްތިހާދުން ބޮޑު އެއްވުމެއް ބާއްވަނީ

ސަރުކާރާ ދެކޮޅު ޕާޓީތަކުން އެކުލަވާލައިފައިވާ އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު ޢަބްދުﷲ

އިން ވަކިކުރި ގޮތާ މެދު ހިތްހަމަ ނުޖެހި ސަރުކާރާ ދެކޮޅު ޕާޓީތަކުން އެކުލަވާލައިފައިވާ އިއްތިހާދުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޮޑު އެއްވުމެއް ބާއްވަން ނިންމައިފިއެވެ.

'ކަނޑު ވިއްކުމާ ދެކޮޅު' ނަމުގައި އެކުލަވާލާފައިވާ އެ އިއްތިހާދުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީ މި ރެލީ ބާއްވަން ނިންމާފައިވަނީ އަންނަ ޖޫން މަހުގެ ދެވަނަ ދުވަހު ކަމަށެވެ.

އެ އިއްތިހާދުން ކުރާ މަސައްކަތަކީ ސިޔާސީ މަސައްކަތެއް ނޫންކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ އިދިކޮޅު އިއްތިހާދުން ކުރަމުންދާ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށެވެ. އަދި, ބާއްވާ ރެލީއަކީ ވެސް ގައުމީ ރެލީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އެ ރެލީ ބާއްވަނީ އެންމެންނަށް ހުޅުވާލައިގެން ކަމަށެވެ. އެގޮތުން ކޮންމެ ރައްޔިތަކަށް ވެސް ރެލީގައި ބައިވެރިވެވޭނެ ކަމަށާއި ވީހާވެސް ގިނަ ބަޔަކު އެ ހަރަކާތުގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ)--- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު ޢަބްދުﷲ

ރެލީގެ އިތުރުން އިމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނިންމުން ރާއްޖެއިން ބަލައިނުގަންނާނެ ކަމަށް މޮރިޝަސްގެ ސަރުކާރަށާއި އިޓްލޮސްއަށް އަދި ކަމާބެހޭ އެހެނިހެން ފަރާތްތަކަށް އެންގުމާ އެކު އެ މައްސަލަ ބަލައިދިނުމަށް އިޓްލޮސްއަށް ހުށަހެޅުމަށް އެދި ޕެޓިޝަނެއް އެކުލާވާލައި، އޭގައި ސޮއި ކުރަން ފަށާފައިވާކަން ވެސް މިރޭ ވަނީ އިއުލާނު ކޮށްފައެވެ.

މިރޭގެ ބައްދަލުވުމުގައި އެމްއެންޕީއާ، ޖުމްހޫރީ ޕާޓީއާއި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ އިތުރުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ، ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރާއި އުމަރު ނަސީރުގެ އިތުރުން އެމްޑީޕީގެ ފިކުރެއްގެ ދިރުން ގޮފިން، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ.

މި މައްސަލައިގައި ސަރުކާރު ގޯސްކޮށް، އިދިކޮޅު އިއްތިހާދުން ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ވައްދައިފައެވެ. އިތުރަށް ވެސް ކުރެވޭނެ ކަންކަމާ މެދު އެ ޕާޓީތަކުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

އެކަމަކު، ބަންޑާރަ ނައިބު ވިދާޅުވީ އިޓްލޮސްގެ ނިންމުމަކީ އިސްތިއުނާފު ކުރެވޭނެ ނިންމުމެއް ނޫން ކަމަށެވެ.

ރިއްފަތު ވިދާޅުވީ އަންކްލޮސް މުއާހަދާގެ 296ވަނަ އާޓިކަލަށް ބަލާއިރު އެ މުއާހަދާގެ ދަށުން އެކުލަވާލާފައިވާ ޓްރައިބިއުނަލަކުން ނިންމާ ނިންމުމަކީ ނިހާއީ ނިންމުމެއް ކަމަށެވެ. އަދި، އެއީ އެ މައްސަލައެއްގައި ހިމެނޭ ގައުމުތަކުގެ މައްޗަށް ތަބާވުން ލާޒިމް ނިންމުމެއް ކަމަށާއި އެ ނިންމުން އިތުރަށް އިސްތިއުނާފެއް ނުކުރެވޭނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަހައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

އިދިކޮޅު ޕާޓީތަކުން ނުރުހުން ފާޅުކުރަމުން އަންނަނީ އެ ސަރަހައްދު އެއްކޮށް ލިބެންވާނީ ރާއްޖެއަށް ކަމަށް ބުނެއެވެ.

comment ކޮމެންޓް