ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ އެޑްވައިޒަރު މުޙައްމަދު ޝިހާބު ހިމެނޭ ގޮތަށް 'ފިކުރެއްގެ ދިރުން' ފެކްޝަނުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އަނެއްކާވެސް ބައްދަލު ކުރައްވައިފިއެވެ.
ފިކުރެއްގެ ދިރުމުން ގާސިމްއާ އެކު ބާއްވަމުން އަންނަ ބައްދަލުވުންތަކުގައި އެންމެ ފުރަތަމަ ޝިހާބު ބައިވެރިވެފައިވާ ފޮޓޯތައް އާންމުވީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހުއެވެ.
އަނެއްކާވެސް މަހެއް ފަހުން މިއަދު ހެނދުނު ފިކުރެއްގެ ދިރުމުން ގާސިމްއާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް ޝިހާބު ވަނީ ބައިވެރިވެފައެވެ.
ގާސިމްގެ އަމިއްލަ ރިސޯޓް ސަން އައިލެންޑް ރިސޯޓްގައި ބޭއްވި އެ ބައްދަލުވުމުގައި ނަޝީދުގެ ފަރާތުން ދެން ބައިވެރިވެވަޑައިގެންފައި ވަނީ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުالله އާއި ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ އިތުރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ދާދި ފަހުން ވަކި ކުރި ހުސައިން އަމްރު މުހައްމަދު ރާޝާދެވެ.
ޖޭޕީގެ ލީޑަރު ގާސިމްގެ އިބްރާހިމްގެ އިތުރުން އޭނާގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދު އަދި ސްޕެޝަލް އެޑްވައިޒަރު ރިޔާޒު ރަޝީދު އާއި އަހްމަދު ނިހާން ހުސައިން މަނިކު ވެސް އެ ބައްދަލުވުމުގައި ބައިވެރިވަޑައިގަތެވެ.
އެކަމާ ގުޅޭ ގޮތުން 'ސަން' އާ ވާހަކަ ދައްކަމުން ޖޭޕީގެ ސްޕޯކްސް ޕާސަން އަލީ ޞާލިހް ވިދާޅުވީ, އެއީ 'ފިކުރެއްގެ ދިރުން' އާ އެކު ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ދެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަޝީދުގެ މަންދޫބެއްގެ ގޮތުގައި ޝިހާބު މަސައްކަތް ކުރައްވާއިރު، މިހާތަނަށް އޭނާ ރައީސް ޞާލިހްގެ އެޑްވައިޒަރުގެ މަގާމުން ވަކިކޮށްފައެއްނުވެއެވެ.
ނަޝީދުގެ މަންދޫބުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާ ބައްދަލުކުރައްވަނީ ކޯލިޝަން އެގްރީމެންޓެއް އެކުލަވައިލުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށެވެ.