ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯދަން މަސައްކަތް ނުކުރައްވާ ކަމަށާއި އެފަދައިން ތުހުމަތު ކުރައްވަނީ ޕާޓީ ބައިބައި ކުރަން ވެގެން ކަމަށް މާލޭ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ ޕާޓީން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ދީފައެވެ. އެކަމަކު، މިދިޔަ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހު ކްރިމިނަލް ކޯޓުން އެ މަނިކުފާނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާ އެކު މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ވާދަކުރެއްވިދާނެ ތޯ ވަނީ ސުވާލު އުފެދިފައެވެ.
އެ ހާލަތުގައި އޮއްވައި، ޕީޕީއެމުން މިދިޔަ އަންގާރަ ދުވަހު ވަނީ މާލޭ ސިޓީގެ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒުގެ ސުލޫކީ މައްސަލައެއް ބަލަން ފަށަައިފައެވެ.
ސީދާ ކޮން މައްސަލައެއްކަން ޕީޕީއެމުން ނުބުނި ނަމަވެސް އޭނާއަށް ކުރީ މުއިއްޒަށް ކެމްޕޭން ކޮށްދިން ކަމުގެ ތުހުމަތެވެ. އެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ބަލަން ފެށުމާ އެކު ރަމީޒު ވަނީ އަމިއްލަފުޅަށް ޕާޓީން އިސްތިއުފާދެއްވައިފައެވެ.
މުއިއްޒު މިއަދު "ސަން"އަށް ވިދާޅުވީ ރިޔާސީ ޓިކެޓު ހޯދަން އޭނާ މަސައްކަތް ނުކުރާ ކަމަށާއި އެއީ، ވާދަވެރިން ކުރާ ތުހުމަތުތަކެއް ކަމަށެވެ.
އަދި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި ވާދަވެރި ބޭފުޅުން މަސައްކަތް ކުރައްވަނީ ޕާޓީގެ ސަފުތައް ބައިބައިކޮށްލައި ނިކަމެތި ކޮށްލަން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން. އަދި، އިންޝާﷲ ޖަލުން މިނިވަންވެވަޑައިގެން އިންތިޚާބު ގަދަކޮށް ކާމިޔާބު ކުރައްވާނެ. ތިއީ މުޅިން ވެސް ޕާޓީގެ ސަފުތައް ބަލިކަށިކޮށް ޕާޓީ ބައިބައި ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ރޭވުންތައް. އިންޝާﷲ އެ ފަދަ މީހުންގެ ރޭވުންތައް ކާމިޔާބެއް ނުވާނެ،" އޭނާއަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވައި މުއިއްޒު ވިދާޅުވިއެވެ.