ނަޝީދަށް ވެސް މައުމޫނަށް ޖެހުނު ދަތުރު، ޕާޓީ ވެސް ގެއްލެނީ

ރައީސް މުހައްމަދު ނަޝީދު-- ސަން ގްރެފިކްސް: އަބްދުﷲ ހަފީޒް

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވަޒީފާގެ ބިރު ދެއްކި ކަމުގެ ޝަކުވާ ހުށަހެޅުމުން މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ރައީސް މުހައްމަދު ނަޝީދު އެކަން ދިފާއުކުރެއްވިއެވެ. ނަމަވެސް މިހާރު އެމަނިކުފާނު ވިދާޅުވަނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ސަރުކާރުގެ މަގާމުތަކުގައި ތިބި ބޭފުޅުންނަށް ނުފޫޒު ފޯރުވާ ވާހަކައެވެ. ހާލަތާއެކު އެމަނިކުފާނުގެ ވާހަކައިގެ ރާގު މުޅިން ބަދަލުވެއްޖެއެވެ.

އެމްޑީޕީ ހިންގާ މަގާމު ކަމަށްވާ، ޗެއާޕާސަން ކަމަށް ނަޝީދުގެ ފެކްޝަނުން މެމްބަރު އިމްތިޔާޒް ފަހުމީ، އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ފެކްޝަނުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވާދަ ކުރައްވާއިރު އެ ޕާޓީގެ އެތެރޭގައި މަޝްރަހު ވަރަށް ހޫނެވެ. ޗެއާޕާސަންގެ މަގާމު އެ ދެ ލީޑަރުންނަށް ވެސް ވަރަށް މުހިންމެވެ. ޕާޓީގެ ކޮންޓްރޯލް ނެގުމަށް ޓަކައެވެ. މިހާތަނަށް އެ ޕާޓީގެ ރިމޯޓް މުޅިންހެން ގެންގުޅުއްވަނީ ނަޝީދެވެ. ނަމަވެސް ސުވާލަކީ މިފަހަރު އެ ރިމޯޓް ނަޝީދަށް ލިބޭނެ ތޯއެވެ.

މާޒީން ލައްކަ ވާހަކަ ބުނެދޭ!

އެމްޑީޕީގެ ތެރެއިން ކުރިއަރަން މަސައްކަތްކުރި ބޭބޭފުޅުންނަށް ޖެހުނު ދަތުރު ހަދާން ކޮށްލަން މިއީ ރަނގަޅު ދަނޑިވަޅެކެވެ. އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ ފުރަތަމަ ރައީސަކަށް ހޮވިވަޑައިގެންނެވީ އިބްރާހީމް އިސްމާއީލް (އިބްރާ)އެވެ. އޭނާއަށް އެ މަގާމުގައި ހުންނެވުނީ އެންމެ 132 ދުވަހުއެވެ. ދެން ރައީސްކަމާއި ހަވާލުވި ޑރ. މުހައްމަދު މުނައްވަރަށް އެމަގާމުގައި ހުންނެވުނީ 437 ދުވަހުއެވެ.

ތަފާތު ފިއްތުންތަކުގެ ސަބަބުން ކަމަށް ވިދާޅުވެ އެ ދެ ބޭފުޅުން ވެސް އިސްތިއުފާދެއްވީއެވެ. ދެން އެ މަގާމާ ހަވާލުވެވަޑައިގަތީ ޑރ. އިބްރާހިމް ދީދީ (ޑީޑީ)އެވެ. އޭނާ އަށް އެމަގާމުގައި ހުންނެވުނީ އެއް އަހަރު ދުވަހުއެވެ. ކުއްލި ގޮތަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަކުން އިތުބާރު ނެތް ކަމަށް ފާސްކޮށް ޑީޑީ އެމްޑީޕީގެ ރައީސް ކަމުން ވަކި ކުރެއްވީއެވެ. 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އިއުލާން ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެއެވެ. އެހެން ސަބަބުތަކެއް ދައްކައި އޭނާ ވެސް ޕާޓީން ވަކި ކުރީއެވެ. އެ ހަތަރު ބޭފުޅުންނަށް ވެސް ޖެހުނީ އެއް ދަތުރެވެ. ހަމަޖެހުނީ ޕާޓީއާ ދުރަށް ވަޑައިގަންނަވާންށެވެ. ސަބަބަކީ ކޮބާތޯއެވެ؟

އެމްޑީޕީ މާލެ ސިޓީ ބައްދަލުވުމުގައި ރައީސް ނަޝިދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވާފައިވާ ބޭފުޅުން އެކަން އަންގައި ފޮނުވި ސިޓީތަކުގައި މުޅިންހެން ވިދާޅުވެފައި ވަނީ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަނީ ޕާޓީގެ ތެރޭގައި ހިނގާ ޑިމޮކްރެޓިކް ނޫން ނުފޫޒުތަކުގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އެކަމުގެ ސަބަބުން މަސައްކަތް ކުރެވެން ނެތުމާއެކު އެ މަގާމުގައި އެ ބޭފުޅަކު ދެމިހުންނެވުމަކީ އަދި ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަކީ ޒަމީރު ގަބޫލުކުރެއްވޭ ކަމަކަށް ނުވާތީ ޕާޓީގެ ރައީސް ކަމުން އިސްތިއުފާދެއްވައި މެންބަރުކަމުން ވަކިވެވަޑައިގަތީ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ނަޝީދު ބޭނުންވާ ގޮތަކަށް ކަންތައް ކުރާ، ނަޝީދުގެ ބަސް އަހާ، ނަޝީދުގެ ޕަޕެޓެއް ކަމަށް ވެއްޖިއްޔާ އެ މަގާމު އަދާކުރެވިދާނެ. ނަޝީދާ ހިޔާލު ތަފާތުވާ އަމިއްލަ ހިޔާލެއް ގެންގުޅޭ މީހަކަށް އެކަން ފުރިހަމައަށް އަދާ ކުރެއްވެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އެމްޑީޕީގެ ރައީސްކަން ކުރައްވާފައިވާ އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ކުރިން ވިދާޅުވެފައިވެއެވެ.

ކޮންމެ ފަހަރަކު ވެސް މި ޖެހެނީ އެއް ހާލެއްގައެވެ. އެމްޑީޕީގެ އެންމެ މަގުބޫލް ފަރާތަކަށްވުމުގެ މަގު ފަހިވާ ބޭފުޅަކަށް ނުވަތަ ޕާޓީގެ އިސް މަގާމު ލިބޭ ކޮންމެ ބޭފުޅެއް ވަކި ހިސާބަކުން "އެހެލަނީ"އެވެ. ހާއްސަކޮށް ނަޝީދަށް ފާޑެއް ކިޔާނަމަ ނުވަތަ އެމަނިކުފާނާ ވާދަކުރައްވައިފާނެހެން ހީވާ ކޮންމެ ފަހަރެއްގައި އެ ބޭފުޅަކު ޖެހެނީ ޕާޓީއާ ދުރަށް ދާށެވެ. ބައެއް ފަހަރު ނޫސްމަޖައްލާތަކުގެ ބޭނުން ހިފައި ބޭޒާރު ވެސް ކުރަނީއެވެ. އަނެއްބައި ފަހަރު ޕާޓީގެ އާންމު މެމްބަރުން ލައްވައި އެ ބޭފުޅަކު "ފަހާ ދުވަނީ"އެވެ. ދުރަށް ދާންޖެހުނު ފަރާތްތަކުގެ ބަހުން ބުނާ ނަމަ އެކަން ވަނީ ނަޝީދުގެ ނުފޫޒް ޕާޓީގެ ތެރޭގައި ބޮޑުވުމުންނެވެ. އެ ވިދާޅުވެވެނީ ނަޝީދުގެ ބާރުގަދަވެ އެހެން ލީޑަރަކަށް ވެސް ބާރަކަށް ވެސް އެމްޑީޕީގައި ފުރުސަތެއް ނެތް ކަމަށެވެ.

ޑރ. ޑީޑީ ވެސް ކުރިން ވިދާޅުވިގޮތުގައި ޕާޓީގެ ރައީސްގެ މަގާމަށް އޭނާ ހޮވުނު ހިސާބުން ފެށިގެން ޕާޓީގެ އެތެރޭގެ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނަޝީދު މަސައްކަތް ކުރެއްވިއެވެ. އެގޮތުން ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ ރައީސަށް ލިބިފައިވާ ހުރިހާ ބާރުތަކެއް ނިގުޅައިގެންފައިވާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑީޑީ ވިދާޅުވީ ރައީސްގެ މަސްއޫލިއްތު އަދާކުރުމަށް ދަތިކުރުމުގެ ގޮތުން ނަޝީދުގެ އަރިސް ބޭފުޅުން ފޮނުވައިގެން ތަފާތު އެކިއެކި ގޯނާތައް ކުރިމަތިކުރުވި ކަމަށެވެ.

"ޕާޓީގެ އޮފީހުގައި އަޅުގަނޑު މަސައްކަތް ކުރަމުންދިޔަ މޭޒާ ގޮނޑި ވެސް ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅުން އައިސް ހަމަ ފާޅުގައި ދުވާލު ގަޑީގަ ކޮރިޑޯ ތެރެއާ މަގުމައްޗަށް އުކާލާ އަދި ޕާޓީގެ އާއްމު މެމްބަރުންނާ ބައްދަލުކުރުމަށް ކޮންމެވެސް ވަރެއްގެ ޕްރައިވެސީއެއް ބޭނުންވާތީ ކުޑަކުޑަ ޕާޓިޝަން ކޮޅެއް ޖަހާފަ ހުއްޓާ އެ ޕާޓިޝަންވެސް ނަގާ މަގުމައްޗަށް އުކާލާ މިކަހަލަ ކަންތައްތަކެއް ހުރީ ހިންގާފަ،" ޑީޑީ ވިދާޅުވިއެވެ.

އެމްޑީޕީ ވެރިކަމުގައި ހެލްތް މިނިސްޓަރުކަންވެސް ކުރެއްވި ޑރ. ޑީޑީ ވިދާޅުވީ ނަޝީދު މަސައްކަތް ކުރެއްވީ ކޮންމެވެސް މަޖުބޫރީ ހާލަތެއް ކުރިމަތި ކުރުވައިގެން ނަމަވެސް އިސްތިއުފާ ދޭތޯ ކަމަށެވެ.

ރީކޯ މޫސަ ވިދާޅުވިގޮތުގައި އެމްޑީޕީއަށް ލިބޭ ފައިސާ ޒަމާނުންސުރެއް ކޮންޓްރޯލް ކުރަމުން އަންނަނީ ނަޝީދެވެ. އެ ފައިސާ ނަޝީދު ބޮޑަށް ބޭނުން ކުރައްވަނީ އެމަނިކުފާނުގެ ނުފޫޒު ޕާޓީ ތެރޭގައި ފެތުރުމަށް ކަމަށް މޫސަ ތުހުމަތު ކުރައްވައެވެ.

"ޕާޓީއަށް ލިބޭ ލާރިން ކެމެރާމަނުންނާއި އެހެން މީހުން ގެންގުޅޭނެ އޭނާގެ ބާރު ހިންގުމަށް،" މޫސަ ވިދާޅުވިއެވެ.

ރީކޯ މޫސާ މަނިކް، ރައީސް ޞާލިހްއާ ސަލާމް ކުރައްވަނީ-- ސަން ފޮޓޯ

މީގެ ކުރިން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފުލް ކޮންޓްރޯލް އޮންނަނީ ނަޝީދަށެވެ. އެމަނިކުފާނާ ދެކޮޅުނަމަ މުޅި ގައުމީ މަޖިލިސް އެއްކޮށްހެން ދިމާކޮށްލައެވެ. މޫސަ ވިދާޅުވިގޮތުގައި އޭގެ ނާޖާއިޒު ފައިދާ ނަޝީދު ދިޔައީ ނަގަމުންނެވެ. އަދި ނަޝީދާ ހިޔާލު ތަފާތުވާ މީހުންނާ އެ ޕާޓީގެ އެކްޓްވިސްޓުން މެދުވެރިކޮށް ދިމާކޮށްލައި ހަދާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

"އޭނަ[ނަޝީދުގެ] ބާރުގެ ބޭނުންކޮށްލާނެ ކޮންމެ ތަނެއްގައި ވެސް. ޕާޓީގެ ތެރޭގައި އެކްވިސްޓް ގުރޫޕެއް އޮންނާނެ އެ ގުރޫޕް ފޮނުވާނެ ހަޅޭއްލަވާ ހަދަން. އޭނާ ބޭނުންވާ ގޮތަށް ކަންކަން ކުރަން ޖޯޝާ ބާރު ގެންގުޅޭނީ." މޫސަ ވިދާޅުވިއެވެ.

މި ފަހަރު ވާނީ ބަލި؟

މީގެ ކުރިންނަމަ އެމްޑީޕީއަކީ ނަޝީދެވެ. ހުރިހާ ކަމެއްހެން ހިނގާނީ އެމަނިކުފާން އަންގާ ގޮތަށެވެ. ނަމަވެސް ރައީސް ޞާލިހް ވެރިކަމަށް އައިފަހުން މަންޒަރު ބަދަލުވާން ފަށައިފިއެވެ. އޭގެ އެއް ހެއްކަކީ ފައްޔާޒާ މެދު ފިޔަވަޅު އަޅަން ނަޝީދު ކުރެއްވި މަސައްކަތް ވެސް ނާކާމިޔާބުވުމެވެ. ގައުމީ މަޖިލީހުގެ ތެރެއިން ވެސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ކަންކަން ނުވާން ފެށިއެވެ. އެ ޕާޓީގެ 65 މެމްބަރުން މަޖިލީހުގައި ތިއްބަވާއިރު އޭގެ ތެރެއިން ވެސް ނަޝީދަށް ތަބާވަނީ މަދު މެމްބަރުންތަކެކެވެ. ޕްރޮޖެކްޓްތަކުގެ ބޭނުމުގައި ނަމަވެސް ގިނަ މެމްބަރުން ތިބީ ސަރުކާރާއެކުއެވެ.

އުނދަގޫ ދުވަސްވަރެއްގައި އެމްޑީޕީގެ ޗެއާޕާސަންކަން ކުރެއްވި ރީކޯ މޫސަ ވިދާޅުވިގޮތުގައި މީގެ ކުރިން ނަޝީދާ ދެބަސްވާ އެންމެން އެ ޕާޓީން ވަކި ކުރިނަމަވެސް މި ފަހަރު އެކަން އެގޮތަށް ނުވާނެ ކަމަށެވެ. މިފަހަރު ޕާޓީގެ ތެރެއިން ބަލި ވާނީ ނަޝީދު ކަމަށް މޫސަ ވިދާޅުވިއެވެ.

"މިފަހަރު ބޮނޑި ބޯނެ. އޭނާގެ ބާރެއް ނެތް މިހާރަކު. ހުދުމުހުތާރުކަން މާބޮޑީ. ޕާޓީ ބަދަލު ވާން ޖެހޭ،" މޫސަ ވިދާޅުވިއެވެ.

މޫސަ ލަފާ ކުރައްވާ ގޮތުގައި ކުރިއަށް އޮތްތަނުގައި ނަޝީދު އައު ޕާޓީއެއް އުފެއްދުން ގާތެވެ. އެމްޑީޕީގެ ކޮންޓްރޯލް އެމަނިކުފާނަށް ލިބޭނެ ކަމަށް ނުފެންނާތީއެވެ.

އެއީ ވުން ގާތް ކަމެއްކަމަށް ބެލެވެއެވެ. މިހާރު ސިޔާސީ މަޝްރަތު އޮތްގޮތުން ނަޝީދަށް ދެން އެމްޑީޕީގެ ފުލް ކޮންޓްރޯލް ނެގޭނެ ކަމަކަށް ނުފެނެއެވެ.

ނަޝީދަށް ވެސް މައުމޫނަށް ޖެހުނު ދަތުރު

ޑީއާރްޕީ ދެފަޅިވީއިރު ގިނަ ބަޔަކު ތިބީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކުއެވެ. އާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އުފެއްދީ މައުމޫންގެ ފުލް ކޮންޓްރޯލް އޮވެގެންނެވެ. ނަމަވެސް އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ލިބުނު ހިސާބުން މަންޒަރު މުޅިން ބަދަލުވާން ފެށީއެވެ. މައުމޫން ބާކީވީއެވެ. އެންމެ ފަހުން ޕާޓީވެސް ގެއްލުނީއެވެ. އޭގެ ފަހުން މައުމޫން އުފެއްދެވި ޕާޓީއަށް އެކަށީގެންވާ ވަރަށް މެމްބަރުން ވެސް ނުލިބެއެވެ.

ނަޝީދަށް ވެސް ކަންތައް މިވަނީ ދާދި މި ކަހަލަ ގޮތަކަށެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާއިރު ސިޔާސީ ގޮތުން މޮޅުވަނީ ވެރިކަމުގައި އޮންނަ ކޮޅެވެ. މީހުން ދާނީ ބާރާއި ނުފޫޒު ފަހަތުން ކަމަށް ވާތީއެވެ. އެހެންކަމުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުން ބޮޑުތަނުން ނަޝީދު ބަލިވާނެ ކަމަށް ބެލެވެއެވެ.

މާޒީއަށް ބަލާއިރު ނަޝީދާ ދެބަސްވި އެންމެން ޖެހުނީ އެމްޑީޕީއާ ދުރަށް ދާންށެވެ. ރުހުމުގައި ނުގޮސްފިނަމަ ގަދަކަމުންނެވެ. ނަމަވެސް ހާލަތު މިފަހަރު ބަދަލުވެއްޖެއެވެ. މިފަހަރު ކަންކަން މިވަނީ ކުރިން ކޮންޓްރޯލް ނަގަމުން ދިޔަ ނަޝީދާ ދެކޮޅަށެވެ.

comment ކޮމެންޓް