ޑިމަކްރަސީގެ ބައްޕާފުޅު ކަމަށް ދައުވާ ކުރި މީހާގެ ހާލެވެ. އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން މަސައްކަތް ކުރައްވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށެވެ. ފާޅުގައި އެ ހުންނެވީ އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ފަހަތްޕުޅުގައި ފަހަތު ސީޓުގައެވެ.
އެ ގޮތް ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރިހަމައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބު ވުމަށް ފަހުގައި ވެސް، އެ ޕާޓީގެ ޓިކެޓު ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ފަހަތްޕުޅަށް އަރާވަޑައިގަންނަވަން ދެކޮޅު ހެއްދެވީ، އެ މަނިކުފާނާ އެކު ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ގޮންޖަހާލައިފައި ވިދާޅުވަމުންނެވެ.
މިއީ ހައްތަހާ ވެސް އެ ޕާޓީގެ ރައީސް ކަމުގައި ހުންނަވައިގެން ނަޝީދު އަމަލު ކުރައްވަމުން އަންނަ ގޮތެވެ.
މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީން ބޮޑު ތަފާތަކުން ނާކަމިޔާބުވުމަށް ފަހުގައި ނަޝީދު ވަނީ ޕާޓީ ތެރޭގައި ވަކި ހަރަކާތެއް އުފަންކޮށްފައެވެ. ނުރަސްމީ ސިފައެއްގައި ވަރަށް ފާޅުގައި ގެންދަވަނީ ވަކި ހަރަކާތެއް ހިންގަމުންނެވެ.
'ފިކުރެއްގެ ދިރުން' ނަމުގައި ހަރަކާތެއް ހައްދަވައިގެން އެ ހަރަކާތުން ވަނީ މި އަހަރުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ބަޔަތު ހިފައިފައެވެ. އަމިއްލަ ޕާޓީގެ ކެންޑިޑޭޓު ދޫކޮށްލާފައި ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރައްވައި މެންބަރުން ގެންދަވަނީ ޖޭޕީއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. ޕާޓީއެއްގައި ތިބެ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅުވެ، ޕާޓީގެ ރަސްމީ ނިންމުމެއް ނެތި އެހެން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ކުރުމަކީ ޑިމަކްރަސީ ދަންނަ އުސޫލެއް ނޫނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މުހައްމަދު ޒައިން އިބްރާހިމް - އަވަސް
މިއީ އެމްޑީޕީގެ އަސާސީ ގަވާއިދު ތަންދޭ ކަމެއް ނޫނެވެ. ހާއްސަކޮށް ޕާޓީގެ ރައީސްކަމުގައި ހުރެ، ކުރެވިގެންވާނެ ކަންކަމެއް ނޫނެވެ. އެކަމަކު، އެ ޕާޓީއަށް މިކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅެއެވެ. ސުވާލަކީ، މިހާ ހިސާބަށް ދާއިރު ވެސް ނަޝީދު ވީމާ ވަރިހަމައީތޯއެވެ؟
މިހާތަނަށް އެ މަނިކުފާނުގެ ހައްގުގައި އެ ޕާޓީގެ މެންބަރުންނާއި މުޅި ޕާޓީން ނުކޮށް އޮތް ހަމައެކަނި ކަމަކީ ޕާޓީ ދެ ފަޅިކޮށްލުމެވެ. އެ ނޫން ހުރިހާ ކަމެއް، ނަޝީދުގެ ހައްގުގައި އެ ޕާޓީން ވަނީ ކޮށްފައެވެ. ވެވެން އޮތް ހުރިހާ ޤުރުބާނީއެއް އެ ޕާޓީގެ މެންބަރުން ވަނީ ވެފައެވެ.
ޕާޓީގެ ރައީސް ކަމުގައި ހުރެ، އެހެން ޕާޓީއެއްގެ ކެންޑިޑޭޓާ އެކު
'ފިކުރެއްގެ ދިރުން' ހަރަކާތުގައި އިސްކޮށް އުޅުއްވައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، އެ ފެކްޝަނުން އަލުން އަނބުރާ ސަރުކާރު ފެކްޝަނަށް ތާއީދު ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.
އެ ނޫން ހުރިހާ މަގަކުން ހިނގަން ތައްޔާރަށް ތިއްބެވި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު ރަސްމީކޮށް، ޖޭޕީއާ އެއްކޮށް މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތް މި ވަނީ ފެށިފައި، އެ ކަމުގެ ރަސްމީ މަޝްވަރާތައް ދެން ކުރިއަށް ދާނެ. ސަރުކާރުގެ ފަހަތަކުން އަޅުގަނޑުމެންނެއް ނުދާނެ، އެއީ ވާނެ ކަމެއް ނޫން." އޭނާ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ ފިކުރެއްގެ ދިރުމުން މަސައްކަތް ކުރައްވާނީ ޖޭޕީއާ އެކު ކަމަށާއި އެއީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރަނީ އެ ހަގީގަތް އޮޅުވާލަން ކަމަށާއި ޖޭޕީން ވެސް ކޯލިޝަން ދައުވަތަށް ޖަވާބެއް ނުދޭ ކަމަށް ދައްކައި، ނަޝީދަށް ވެސް އެހެން ޕާޓީއަކާ އެކު މަސައްކަތް ނުކުރެވޭނެ ކަމަށް ސަރުކާރު ފެކްޝަނުން ވިދާޅުވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިޔަށް ދިޔަ އެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ އަރިހުގައި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފްގެ އިތުރުން، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި--- ފޮޓޯ/ ސޯޝަލް މީޑިއާ
"އާންމުންނާއި ނޫސްވެރިންނަށް ވެސް ހަގީގަތް އޮޅެނީ ސަރުކާރުން ކަންތައް ކުރާ ގޮތުން. އެ ބޭފުޅުން ހަމަ އިރުއިރު ކޮޅާ މި ބުނަނީ ޖޭޕީން ވެސް ނުނިންމައޭ، އެކަމަކު އެ ޕާޓީން އެ އޮތީ ޕްރައިމަރީއަށް ހުޅުވާލައިފައި. ފިކުރެއްގެ ދިރުމުން ވެސް މިހާރު ވަނީ އެކުގައި މެނިފެސްޓޯގެ މަސައްކަތް ފަށާފައި، މިއަށް ވުރެ ރަސްމީ ވޭތޯ؟" އޭނާ ވިދާޅުވިއެވެ.
ނަޝީދުގެ އެދިލެއްވުމަށް އެ މަނިކުފާނުގެ މަންދޫބުން، ބުދަ ދުވަހު ވަނީ މ. ކުނޫޒަށް ވަޑައިގެން ޖޭޕީއާ އެކު މެނިފެސްޓޯ އެކުލަވައިލުމުގެ މަޝްވަރާތައް ފަށައިފައެވެ. ރޭ ވެސް އެ މަނިކުފާނުގެ އަރިސް ބޭފުޅުން ވަނީ މެނިފެސްޓޯއާ ބެހޭ މަޝްވަރާތައް ކުރައްވައިފައެވެ.
ފިޔަވަޅެއް އަޅާކަށް ނުކެރުނު؟
ނަޝީދުގެ އަމަލުފުޅުތަކާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރާ ވެސް ތަކުރާރުކޮށް މި ނޫހުން ވަނީ ސުވާލުކޮށްފައެވެ. އެކަމަކު، އެ ކަމާ ގުޅިގެން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
ރަސްމީކޮށް، ނަޝީދާ މެދު އެއްވެސް އެއްޗެއް ދަންނަވަން އެ ޕާޓީގެ އެއްވެސް މެންބަރަކު ބޭނުންފުޅެއް ނުވެއެވެ.
އެކަމަކު، ސަރުކާރާ އެކު ކޯލިޝަން ހަދަން ނިންމާފައިވާ ޕާޓީތަކާ އެކު މިދިޔަ އަންގާރަ ދުވަހު މުލިޔާ ގޭގައި ބޭއްވި ބައްދަލުކުރެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ ވިސްނުމެއް ނެތް ކަމަށާއި އެ ޕާޓީއަކީ ވަރަށް މިނިވަން ޕާޓީއެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް--- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
"އެކަމަކު އަޅުގަނޑު ރައީސް ނަޝީދަށް ނަސޭހަތްތެރިވަން، އަޅުގަނޑުމެން މި ދަނީ އިރާދަފުޅުކުރެއްވިއްޔާ އަނެއްކާ ވެސް ކާމިޔާބުވާން... ބާކީވުމަށް ވަޑައިނުގަންނަވާށޭ. އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރައްވާށޭ. އަޅުގަނޑުމެންގެ ހުރި ހިޔާލު ތަފާތުވުންތަކަށް އަދިވެސް ކޮންމެ ވެސް ވަރަކަށް ސުލްހަ ހޯދޭނެ. [އެކަމަކު] އެންމެން ބޭނުންވާ ހުރިހާ ކަމެއް ހާސިލް ނުވެދާނެ. ދެ މީހުންނަށް އެއް ފަހަރާ ވެރިކަމެއް ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބަލައިގަންނަން ރައީސް ނަޝީދަކީ މި ޕާޓީ އުފެއްދުމާއި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އިސް ރޯލެއް އަދާކުރައްވާފައިވާ ބޭފުޅެއް. އެހެންވީމާ އަޅުގަނޑުމެން އެ އިހްތިރާމް ރައީސް ނަޝީދަށް ދިނުމުގެ ގޮތުން ބައެއް ފަހަރު ފަހަތަށް ޖެހިލައިގެން މި ތިބެނީ. ކަންބޮޑުވެގެންނެއް ވެސް ނޫން، ބިރަކުން ވެސް ނޫން."
އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުރެގެން ޕާޓީގެ މަސްލަހަތު ނަގާލައި ކަމުގައި ވާނަމަ، ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ޕާޓީއަށް ލިބިގެންވެއެވެ. އެކަން ކުރަނީ އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ފިޔަވަޅު އަޅާ ކޮމެޓީންނެވެ.
އެ ކޮމެޓީ ޗެއާ ކުރައްވަނީ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ. އޭނާ އަކީ ވެސް ނަޝީދާ އެކު މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
ނަޝީދު ވީމާ ވަރިހަމަ؟
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެމްޑީޕީ މެންބަރުން ބަގާވާތެއް ގޮތުގައި ގަބޫލުކުރާ ހަތެއް ފެބްރުއަރީގެ އިސްތިއުފާއަށް ފަހު، 2013ގެ ރިޔާސީ އިންތިޚާބަށް ޓިކެޓް ނަޝީދަށް ލިބިވަޑައިގަތީ އެކަނި ވާދަކުރެއްވި ޕްރައިމަރީ އަކުންނެވެ. އެމްޑީޕީގެ މެންބަރުން އެ ނިންމުން ނިންމީ އުފަލުންނެވެ. އެ ޕާޓީގެ ލީޑާޝިޕްގެ އެއްވެސް ބޭފުޅަކު ޝަކުވާއެއް ވެސް ނުކުރައްވައެވެ. ކަންބޮޑެއް ވެސް ނުވެއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ސިފައިން ލައްވާ ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް 2015ގައި، ސާބިތުކޮށް 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުން ދެން ވެސް ތިބީ ނަޝީދުގެ ފަހަތްޕުޅުގައި ވަފާތެރިކަމާ އެކީއެވެ.
އިތުރު މޫނެއް ދައްކައި، އަރާރުން ވުމެއް ނުގެނެއެވެ. ދެން އައި 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އެހެން ބޭފުޅެއް ހޯދާކަށް ނޫޅެއެވެ.
ނަޝީދަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެކަން އޭރު ވެސް އެ ޕާޓީގެ ލީޑާޝިޕާއި އާންމު މެންބަރުންނަށް އެނގެއެވެ. އެކަމަކު، އެ ވާހަކަ ނުވެސް ދައްކާ އެ ބޭފުޅުން ތިބީ އެ މަނިކުފާނުގެ ފަހަތްޕުޅުގައެވެ.
އެ މަނިކުފާނު ނުކުންނަވައި، ވަކި ކެންޑިޑޭޓެއް ދެއްކުމާ ހަމައަށް ވެސް އެ ޕާޓީގެ އާންމު މެންބަރުން ވެސް އަދި ލީޑާޝިޕުން ވެސް އެ ނޫން ހިޔާލެއް ނުގެންގުޅުއްވައެވެ. އެ ނޫން މަޝްވަރާއެއް ނުކުރައްވައެވެ. އެ މަނިކުފާނުގެ ނަންފުޅު އިލެކްޝަންސް ކޮމިޝަނުން ގަބޫލުނުކުރާނެކަން ޔަގީންވުމުން، ރިޔާސީ ޓިކެޓް ދޫކޮށްލައްވައި ޕާޓީގެ ކޮންގްރެސްއެއް ބާއްވައި، ރިޔާސީ ކެންޑިޑޭޓަކަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ހެއްދެވީ އެހާ ހިސާބުންނެވެ. އެ ނިންމުމަކީ ވެސް ސީދާ އެ މަނިކުފާނުގެ ނިންމެވުމެކެވެ.
އިތުރު ބައެއްގެ ހިޔާލެއް، މަޝްވަރާއެއް އެ މަނިކުފާނު ބޭނުންފުޅުވީ ކަންކަމުގައި ނުހޯއްދަވައެވެ. އެ މަގުން ކަން ކުރެއްވުމުން އެމްޑީޕީ މެންބަރުން ޝަކުވާ އެއް ވެސް ނުކުރައްވައެވެ. މިއީ ނަޝީދަށްޓަކައި އެމްޑީޕީން ވީހާ ގުރުބާނީއެވެ.
އެކަމަކު، ނަޝީދާ ހިޔާލު ތަފާތުވީ ބޭފުޅުންނާއި އެ މަނިކުފާނާ ވާދަކުރައްވަން އުޅުއްވި ބޭފުޅުން ކަންތައްވީ މުޅިން ތަފާތު ގޮތަކަށެވެ. އޭރު ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވީ އެންމެން ޕާޓީން ބޭރު ކުރިއެވެ. ޕާޓީގައި ބޭތިއްބީ އެ މަނިކުފާނަށް ރުހިގެން ތިބި ބޭފުޅުން އެކަންޏެވެ.
އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ ފުރަތަމަ ރައީސަކަށް ހޮވިވަޑައިގެންނެވީ އިބްރާހީމް އިސްމާއީލް (އިބްރާ)އެވެ. އޭނާއަށް އެ މަގާމުގައި ހުންނެވުނީ އެންމެ 132 ދުވަހުއެވެ. ދެން ރައީސްކަމާއި ހަވާލުވި ޑރ. މުހައްމަދު މުނައްވަރަށް އެމަގާމުގައި ހުންނެވުނީ 437 ދުވަހުއެވެ.
ތަފާތު ފިއްތުންތަކުގެ ސަބަބުން ކަމަށް ވިދާޅުވެ އެ ދެ ބޭފުޅުން ވެސް އިސްތިއުފާދެއްވީއެވެ. ދެން އެ މަގާމާ ހަވާލުވެވަޑައިގަތީ ޑރ. އިބްރާހިމް ދީދީ (ޑީޑީ)އެވެ. އޭނާ އަށް އެމަގާމުގައި ހުންނެވުނީ އެއް އަހަރު ދުވަހުއެވެ. ކުއްލި ގޮތަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަކުން އިތުބާރު ނެތް ކަމަށް ފާސްކޮށް ޑީޑީ އެމްޑީޕީގެ ރައީސް ކަމުން ވަކި ކުރެއްވީއެވެ.
ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އިއުލާން ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެއެވެ. އެހެން ސަބަބުތަކެއް ދައްކައި އޭނާ ވެސް ޕާޓީން ވަކި ކުރީއެވެ. އެ ހަތަރު ބޭފުޅުންނަށް ވެސް ޖެހުނީ އެއް ދަތުރެވެ. ހަމަޖެހުނީ ޕާޓީއާ ދުރަށް ވަޑައިގަންނަވާންށެވެ.
އެއީ، ހައްތަހާ ވެސް ނަޝީދާ ދެކޮޅުވީ ބޭފުޅުންނެވެ.

އެމްޑީޕީ މެންބަރުން އުފާ ފާޅުކުރުމަށް ބޭއްވި އެއްވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ
"އަޅުގަނޑަށް ހީވަނީ ނަޝީދު ބޭނުންވާ ގޮތަކަށް ކަންތައް ކުރާ، ނަޝީދުގެ ބަސް އަހާ، ނަޝީދުގެ ޕަޕެޓެއް ކަމަށް ވެއްޖިއްޔާ އެ މަގާމު [ޕާޓީގެ ރައީސްކަން] އަދާ ކުރެވިދާނެ. ނަޝީދާ ހިޔާލު ތަފާތުވާ އަމިއްލަ ހިޔާލެއް ގެންގުޅޭ މީހަކަށް އެ ކަން ފުރިހަމައަށް އަދާ ކުރެއްވެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އެމްޑީޕީގެ ރައީސްކަން ކުރައްވާފައިވާ އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ޑރ. ޑީޑީ ވެސް ކުރިން ވިދާޅުވި ގޮތުގައި ޕާޓީގެ ރައީސްގެ މަގާމަށް އޭނާ ހޮވުނު ހިސާބުން ފެށިގެން ޕާޓީގެ އެތެރޭގެ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނަޝީދު މަސައްކަތް ކުރެއްވިއެވެ. އެގޮތުން ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ ރައީސަށް ލިބިފައިވާ ހުރިހާ ބާރުތަކެއް ނިގުޅައިގެންފައިވާކަން ހިތާމައާ އެކު ފާހަގަކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑީޑީ ވިދާޅުވީ ރައީސްގެ މަސްއޫލިއްތު އަދާކުރުމަށް ދަތިކުރުމުގެ ގޮތުން ނަޝީދުގެ އަރިސް ބޭފުޅުން ފޮނުވައިގެން ތަފާތު އެކިއެކި ގޯނާތައް ކުރިމަތިކުރުވި ކަމަށެވެ.
"ޕާޓީގެ އޮފީހުގައި އަޅުގަނޑު މަސައްކަތް ކުރަމުންދިޔަ މޭޒާ ގޮނޑި ވެސް ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅުން އައިސް ހަމަ ފާޅުގައި ދުވާލު ގަޑީގަ ކޮރިޑޯ ތެރެއާ މަގުމައްޗަށް އުކާލާ އަދި ޕާޓީގެ އާއްމު މެމްބަރުންނާ ބައްދަލުކުރުމަށް ކޮންމެ ވެސް ވަރެއްގެ ޕްރައިވެސީއެއް ބޭނުންވާތީ ކުޑަކުޑަ ޕާޓިޝަން ކޮޅެއް ޖަހާފަ ހުއްޓާ އެ ޕާޓިޝަން ވެސް ނަގާ މަގުމައްޗަށް އުކާލާ މި ކަހަލަ ކަންތައްތަކެއް ހުރީ ހިންގާފައި،" ޑީޑީ ވިދާޅުވެފައިވެއެވެ.
މިއީ ނަޝީދާ ހިޔާލު ތަފާތުވީ ބޭފުޅުންނާ މެދު އެ މަނިކުފާނު އަމަލު ކުރެއްވި ގޮތެވެ.
އެކަމަކު، ޕާޓީގެ ރައީސް ކަމުގައި ހުންނަވައިގެން އަސާސީ ގަވާއިދާ މުޅިން ދެކޮޅަށް، އެހެން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓެއްގެ ފަހަތްޕުޅުގައި އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ ދެކޮޅަށް މަސައްކަތް ކުރައްވާއިރު ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ. އެމްޑީޕީއަށް، ނަޝީދު ވީމާ ކޮންމެ ކަމެއް ވެސް ވަރިހަމައީތޯއެވެ؟
ޕްރައިމަރީން ބަލިވެވަޑައިގަތުމުން ބަލި ގަބޫލުކުރެއްވުމަކީ ޒިންމާއެކެވެ. ބަލި ގަބޫލުނުކުރައްވައި ޕާޓީގެ އަސާސީ ގަވާއިދާ ވެސް ހިލާފަށް، އެހެން ޕާޓީއެއްގެ ކެންޑިޑޭޓާ އެކު މަސައްކަތް ކުރެއްވުމަކީ ޕާޓީގެ ރައީސްކަން ގެއްލޭނެ ވަރުގެ ކަމެކެވެ. އަސާސީ ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅަން އެމްޑީޕީގެ ލީޑާޝިޕަށް ނުކެރިގެން އުޅެނީ ސަބަބެއް އޮތީމައެވެ. އަދިވެސް ސިޔާސީ ގޮތުން ނަޝީދު މުހިއްމީއެވެ.