ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
މާލޭ ޖަލު ހުސްކުރުން ނިންމާފައިވަނީ އެތަނާ ޖެހިގެން އޮތް ހުސްބިމުގައި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ކުރުމާ ގުޅިގެންނެވެ. ކުރިއަށް އޮތް ދިރާސީ އާ އަހަރު ފަށާއިރު ދަރުމަވަންތަ ސްކޫލްގެ ކިޔެވުން އާ އިމާރާތަށް ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ނިންމައިފައިވަނީ އޯގަސްޓް މަހުގެ ހަ ވަނަ ދުވަހުއެވެ.
އެކަމާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން އަޙްމަދު 'ސަން' އަށް ވިދާޅުވީ, ދިރާސާ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މާލޭ ޖަލު ހުސްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިދިޔަ އަހަރުން ފެށިގެން މާލެ ޖަލުގައި ތިބި ގައިދީންނާއި ބަންދު މީހުން އެހެން ޖަލުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ސްކޫލް ހުޅުވުމުގެ ކުރިން އެކަން ނިންމުމަށް މަސައްކަތް ކުރަމުން ދަނީ," ޔުސްރީން ވިދާޅުވިއެވެ.
އެގޮތުން މާލޭ ޖަލުގައި ތިބި ގައިދީން މިވަގުތު ބަދަލު ކުރަމުންދަނީ ޖާގަ އޮތް ވަރަކުން ހުޅުމާލެ ޖަލަށާއި މާފުށީ ޖަލަށް ކަމަށް ވެސް ޔުސްރީން ވިދާޅުވިއެވެ.
މީގެ ކުރިން ވަނީ މާލޭ ޖަލު ތިލަފުއްޓަށް ބަދަލު ކުރުމަށް ވެސް މަސައްކަތްތަކެއް ކޮށްފައެވެ. އަދި ފަހުން އެ މަސައްކަތް ހުއްޓާލައި މާލޭ ޖަލު ހުޅުމާލެ ބަދަލު ކުރުމަށް ވެސް މަސައްކަތްކުރިއެވެ.