މާލޭ ޖަލު ތިލަފުއްޓަށް ބަދަލުކުރަނީ

މާލޭ ޖަލު--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ޖަލު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަޝްރޫއު މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު "ސަން"އަށް ވިދާޅުވީ އެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށާއި ނަމަވެސް ނިންމާލެވޭނެ ތާރީހެއް ދަންނަވަން ދަތި ކަމަށެވެ.

"މަޝްރޫއުގެ ދަށުން މާލެ ޖަލުން ތިލަފުއްޓަށް ރީލޮކޭޓް ކުރެވޭނެ. މިހާރު ކުރިއަށް ދަނީ ޑިޒައިނިންގްއާއި ބިމުގެ ބޮޑު ބިން ބެލުން ފަދަ މަސައްކަތްތައް." އޮފިޝަލު ވިދާޅުވި އެވެ.

މާލޭ ޖަލު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަޝްރޫއު މިއަހަރު ފަށާއިރު، ތިލަފުށީގައި އަޅާ ޖަލުގެ ބޮޑު މިނާއި އެތަނުގެ ޖާގައާ ގުޅޭ ތަފްސީލެއް އޮފިޝަލު ވިދާޅުވެފައެއް ނުވެ އެވެ.

މިއަހަރުގެ ބަޖެޓުގައި މާލެ ޖަލު ތިލަފުއްޓަށް ބަދަލު ކުރުމަށްޓަކައި 20 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.

މިދިޔަ މަހު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތައް ފުރި އިތުރު ކުށްވެރިންތައް ޖަލަށްލެވޭނެ ގޮތެއް ނެތް ކަމަށް އެ މުއައްސަސާއިން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވަނީ އަންގާފަ އެވެ.

އެއާއެކު ކަރެކްޝަންސްއާ ހަވާލު ކުރަން ޖެހޭ 58 މީހުން ބަހައްޓާފައިވަނީ ފުލުހުން ބަލަހައްޓަމުން ގެންދާ ދޫނިދޫ ޖަލުގަ އެވެ.

ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ހދ. ނޭކުރެންދޫގައި ވެސް ޖަލެއް އެޅުމުގެ މަސައްކަތް ފަށަން ވަނީ ރާވާފަ އެވެ.

comment ކޮމެންޓް