މާލޭ ޖަލާއި ހުޅުމާލޭ ޖަލު އެއްކޮށްލުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

މާލޭ ޖަލު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ޖަލާއި ހުޅުމާލޭ ޖަލު އެއްކޮށްލުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށޭނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ބޮޑު ޖަލެއް އިމާރާތެއް އަޅަން އަންނަ އަހަރަށް ވަނީ ބަޖެޓުކޮށްފަ އެވެ. އެ ތަން ހަދަނީ މާލެއަށާއި ހުޅުމާލޭގައި މިހާރު ރިމާންޑަށް ބަންދު ކުރާ އެންމެން ބަންދު ކުރެވޭ ވަރަށެވެ. އަދި ކުޑަކުދިންނާއި އަންހެނުންވެސް ބޭތިއްބޭ ގޮތަށެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި އަންނަ އަހަރަށް ރޭވިފައިވާ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، މާލޭ ޖަލު ހުޅުމާލޭ ޖަލާ އެއްކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު މި ކުރަނީ އަންނަ އަހަރުގެ ކުރީކޮޅު ޖަލުގެ އިންފްރާސްޓްރަކްޗާ ޑިވޮލޮޕް ކުރުމަށް ފެށިގެންދާނެ ކަމަށް،" އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ، މިހާރު އެ ޖަލުގެ ކުރެހުންތައް ނިމިފައިވާ ކަމަށެވެ.

"ޖަލުގެ ޑީޓެއިލްޑް ޑްރޯވިންއާ ހަމައަށް އަޅުގަނޑުމެންނަށް މިވަނީ އާދެވިފައި،"

ހޯމް މިނިސްޓްރީގެ ދަށުން ޖަލު ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، ކަރެކްޝަންސްއިން އެކަމަށް ދޭން ޖޭހޭ އެއްބާރުލުންދީ، ކަރެކްޝަންސްއިން އެދޭ ކަންކަން ހިއްސާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް