ޖަލުގައި އަނެއްކާ ވެސް ގައިދީއަކު ދަންޖެހި އަމިއްލައަށް މަރުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިރޭ ބުނީ ދަންޖެހިގެން ގައިދީއަކު މަރުވީީ މާފުށީ ޖަލުގައި މިއަދު ހަވީރު ކަމަށެވެ.
މަރުވެފައިވަނީ މާފުށީ ޖަލުގައި ޙުކުމް ތަންފީޒުކުރަމުން ދިޔަ ސ. މަރަދޫ، ފޯ ފްލާވާ، އުމުރުން 23 އަހަރުގެ އިބްރާހިމް ޝަމްވީލެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނީ މިއަދު ހަވީރު 4:20 ހާއިރު އެ މީހާ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނު ކަމަށެވެ. އެއާއެކު ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިޔުމުން 4:55 ގައި އޭނާ މަރުވެފައިވާކަމަށް ޑޮކްޓަރު ވަނީ ކަނޑައަޅާފައެވެ.
މަރުވި މީހާ އަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަދަކަމެއް ކޮށްފާނެ ކަމުގެ ކުށުގައި އެއް އަހަރާއި ހަމަސް ދުވަހުގެ ޙުކުމެއް ތަންފީޒުކުރަމުން ދިޔަ މީހެއް ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.
އޭނާ އަމިއްލައަށް މަރުވުމާއެކު، ވަގުތުން އެ ކަން ފުލުހަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގައިފައިވާކަމަށް ވަނީ ކަރެކްޝަންސްިއން ބުނެފައެވެ.
ސަލާމަތީ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުންނަ ޖަލުތަކުގައި މީހުން ނިޔާވުމާއި، އަމިއްލައަށް މަރުވުމުގެ ހާދިސާތައް މި ފަހުން އަންނަނީ އިތުރުވަމުންނެވެ.
އެންމެފަހުން އަމިއްލައަށް ދަންޖެހުމުގެ ހާދިސާއެއް ހިނގީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24ވަނަ ދުވަހެވެ.
އޭގެ އިތުރުން ހަމަ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުރި އާދަމް އަތުހަރު އަމިއްލައަށް މަރުވި މައްސަލަ ވެސް ފާހަގަކޮށްލެވެއެވެ.
ޖަލުގައި މިފަދަ ކަންކަމަށް މަގުފަހިވެފައި އޮތުމާއެކު، މިއީ އިންސާނީ ހައްގުތަކާ ބެހޭ އިދާރާތަކުން ވެސް ކަންބޮޑުވާ ކަންކަމެވެ.