މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރުންނާއި މުވައްޒަފުން، ގައިދީންނާއި ބަންދުގައި ތިބި މީހުންގެ އާއިލާތަކުގެ ތެރެއިން، މާލީ ގޮތުން ދަތި ހާލަތުގައި ދިރިއުޅެމުންދާ 10 އާއިލާއަކަށް ފައިސާގެ އެހީ ދީފިއެވެ.
އެމްސީއެސްއިން ބުނީ، ނިމުނު ރޯދަމަހާ ގުޅުވައިގެން، އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ފަރާތުން ފައިސާ އެއްކޮށް، އެ ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާއި ބަންދު މީހުންގެ އާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ހާލުގައި ދިރިއުޅެމުންދާ 10 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.
އެގޮތުން ކޮންމެ އާއިލާއަކަށް 2،220 ރުފިޔާގެ މަގުން ފައިސާގެ އެހީ ދިންކަމަށް ވެސް އެމްސީއެސްއިން ބުންޏެވެ. އެއީ ޖުމްލަ 22،200 ރުފިޔާއެވެ.
މީގެ އިތުރުން އެމްސީއެސްއިން ބުނީ ރޯދަމަހުގެ ޚާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުންގެ އާއިލާތަކުގެ ތެރެއިން މާލީ ގޮތުން ފުދުންތެރިކަން ދަތި އާއިލާތަކަށް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ ފަރާތުން ވެދެވެން ހުރި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
އެ ޕްރޮގްރާމްގެ ދަށުން 40 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަރެކްޝަނުން އަމާޒުކޮށްފައިވީނަމަވެސް، އެ ޕްރޮގްރާމަށް އެދި ފޯމް ހުށަހަޅާފައިވަނީ ޖުމްލަ 21 ފަރާތަކުން ކަމަށް ވެސް އެމްސީއެސްއިން ފާހަގަކުރެއެވެ.
އޭގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުތުތައް ހަމަވީ 10 އާއިލާއެއްގެއެވެ. އެގޮތުން ބެލި ޝަރުތުތަކުގެ ތެރޭގައި ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ގެންދާތާ މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވުމާއި 18 އަހަރު ނުފުރޭ ކުދިން ތިބުމާއި އާމްދަނީ ލިބޭ މިންވަރު ހިމެނޭ ކަމަށް ވެސް އެމްސީއެސްއިން ބުނެއެވެ.
ރާއްޖޭގެ ޖަލެއްގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންނާއި އާއިލާތަކަށް، ފުރަތަމަ ފަހަރަށް، މި ރޯދަމަހާ ދިމާކޮށް ވަނީ މާހެފުމެއް ބާއްވާފައެވެ.
ކަރެކްޝަންސްއިން އިންތިޒާމުކުރި އެ ހަފުލާގައި ގައިދީންނާއި އާއިލާތައް އެއްކޮށް އަގުހުރި ވަގުުތުތަކެއް ހޭދަކުރި ކަމަށާއި އެ ފުރުސަތު ފަހިކޮށްދިނުމުން އެ މީހުން އުފާ ފާޅުކޮށްފައިވާ ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.
comment ޕީނަޓް
7 day 19 hour ago
މިއީ މިމީހުން ކުރަން ޖެހޭ ކަމެއް ނޫން، ސީ.އެސް.އާރަކުން ވިޔަސް. މިކަން ކުރަން އޮންނާނީ ސޯޝަން ޕްރޮޓެކްޝަންގެ ތެރެއިން. އަން އެތިކަލް ބިހޭވިޔާ.