އެސްޓީއޯގެ އެމްޑީއަކަށް ސައީދު ހަމަޖައްސަނީ

މޯލްޑިވްސް ސްޓޭޓް ޝިޕިން(އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ހަމަޖައްސަން ސަރުކާރުން ނިންމައިފިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު މުޙައްމަދު ރަޝާދު މިދިޔަ އާދިއްތަ ދުވަހު ވަނީ މަގާމުން ވަކިކޮށްފައެވެ. އޭނާ މަގާމުން ވަކިކުރީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެކޮޅަށް ސިޔާސީ މަސައްކަތް ކުރައްވަމުން ދަނިކޮށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު މިއަދު "ސަން" އަށް ވިދާޅުވީ އެސްޓީއޯގެ އާ އެމްޑީއަކަށް ސައީދު އައްޔަން ކޮށްދޭން އެދި ސަރުކާރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

ސައީދު ވަނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ކެބިނެޓް ސެކެޓްރީކަން ވެސް ކުރައްވައިފައެވެ. އެއަށް ފަހު، މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) ހިންގުމާ ވެސް އޭނާ ހަވާލުވިއެވެ.

މި ސަރުކާރު އައުމަށް ފަހުގައި އޭނާ ހުރީ އެސްޓީއޯގެ ދަށުން ހިންގާ އެމްއެސްއެސްގެ ހިންގުމާ ހަވާލުވެއެވެ.

އަމްރު މަގާމުން ވަކި ކުރުމަށް ފަހުގައި، އެ ކުންފުންޏަށް އެމްޑީއެއް ހަމަޖައްސަންދެން ވަގުތީ ގޮތުން އެ ކުންފުނީގެ ހިންގުން ހަވާލުކޮށްފައިވަނީ ސީއެފްއޯ މުހައްމަދު ނިޒާމާއެވެ.

comment ކޮމެންޓް