ސަރުކާރާ ދެކޮޅުވުމުން، މަގާމުން ވަކިކުރަން ޖެހޭނެ: އަސްލަމް

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް: އޭނާ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުނުކުރާ ބޭފުޅުންނާ މަގާމުތަކުގައި ނުތިބެވޭނެ ކަމަށް ވިދާޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރައްވާ، އެ ސިޔާސަތުތައް ގަބޫލުނުކުރައްވާ ބޭފުޅުންނަށް ސަރުކާރުގެ އިސް މަގާމުތަކުގައި ނުތިއްބެވޭނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އިއްޔެ ރައީސް އޮފީހުގެ އެންގުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު މުހައްމަދު ރަޝާދު އެ ކުންފުނީގެ މަގާމުތަކުން ވަކިކޮށްފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ޞާލީޙަށް ތާއީދުކުރައްވަން އަމްރު ވަނީ ދެކޮޅު ހައްދަވައިފައެވެ. ޕްރައިމަރީން ނާކާމިޔާބުވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ އެކު އޭނާ ގެންދިޔައީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިގެން މަސައްކަތް ކުރަން މެނިފެސްޓޯއެއް އެކުލަވައިލުމުގެ މަޝްވަރާތައް ކުރައްވަމުންނެވެ.

އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސައިން އަމްރު މުހައްމަދު ރަޝާދު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ރޭ އަސްލަމް ވިދާޅުވީ ސަރުކާރާއި ރައީސް ގެންގުޅުއްވާ ސިޔާސަތުތަކާ ފާޅުގައި ދެކޮޅު ވާ ހިސާބުން މަގާމުން ވަކިކުރަން ޖެހޭނެ ކަމަށެވެ. މަގާމުތަކުގައި ތިއްބަވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަން ތިއްބަވާ ބޭފުޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެސްޓީއޯ އަކީ ކާޑު އެތެރެ ކުރާ ކުންފުނި، ތެޔޮ އެތެރެ ކުރާ ކުންފުނި، ބޭސް އެތެރެ ކުރާ ކުންފުނި. އެ ފަދަ މަގާމެއްގައި ހުންނަވާ ބޭފުޅަކު ކަނޑައެޅިގެން ސަރުކާރަށް ޗެލެންޖު ކުރައްވާއިރު މަގާމުން ވަކި ކުރަން ޖެހޭނެ، ސަރުކާރުގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އޭނާ ވިދާޅުވިއެވެ.

އެކަމަކު، އެއީ ހަމައެކަނި އަމްރަށް ވީމާ އަޅަން ޖެހޭ ފިޔަވަޅެއް ނޫން ކަމަށް އަސްލަމް ގަބޫލުކުރައްވައެވެ. އެހެންވެ، ސަރުކާރުގެ ސިޔާސަތާ ދެކޮޅު އެހެން ޕާޓީއެއްގެ ބޭފުޅަކު ހުންނެވި ނަމަވެސް ވަކިކުރަން ޖެހޭނެ ކަމަށް އޭނާ ދެކިލައްވައެވެ.

"އަޅުގަނޑަށް ފާހަގައެއް ނުކުރެވޭ ޖޭޕީގެ ބޭފުޅަކު އެހެން އުޅުއްވާ ކަމެއް، އެކަމަކު އުޅުއްވާ ނަމަ، މަގާމުގައި ބައިތިއްބައިގެން ނުވާނެ. ސަރުކާރުގައި ތިބެން ވާނީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރާ ބޭފުޅުން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް