ފާޑުކިޔުންތައް އަމާޒުވަނީ އަންހެނަކަށް ވީމަ: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ --- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް މިދިޔަ ހޯމަ ދުވަހުގެރޭ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ މުޒާހަރާގެ ބައިވެރިން ހުރަސްއެޅި މައްސަލައިގައި އެކަމަނާއަށް ފާޑުކިޔުންތައް އަމާޒުވަނީ އަންހެނަކަށް ވީމަ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީސް ދޮރުމަތީގައި އެ ޕާޓީގެ ސަޕޯޓަރުން ހޯމަ ދުވަހުގެރޭ އިހުތިޖާޖު ކުރަން ތިއްބައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މޮޓޯކޭޑު އެ މަގުން ދަނިކޮށް އެ ސަރަހައްދުގައި އެއްވެ ތިބި މީހުން ވަނީ މޮޓޯކޭޑު ވަށާލައި، އެ މަނިކުފާނުގެ ކާރުކޮޅު ހުއްޓުވައިފައެވެ.

ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި އެ މަނިކުފާނުގެ ސަޕޯޓަރުން ވަނީ ރައީސްގެ މޮޓޯކޭޑު 15 މިނެޓު ވަންދެން ހުއްޓުވަައި ބާއްވައިފައެވެ.

ރައީސްގެ ސެކިއުރިޓީ ބަލަހައްޓަނީ އެމްއެންޑީއެފްއިން ކަމުން، އެމަނިކުފާނުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި މާރިޔާއަށާއި އެމްއެންޑީއެފަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

އެގޮތުން މޮޓޯކޭޑަށް ހުރަސް އެޅި މައްސަލަ އާއި 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅުވައިގެން ވެސް، އެމްއެންޑީއެފް އާއި ޑިފެންސް މިނިސްޓަރުގެ މަގާމުގެ ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ މާރިޔާއަށް ވަނީ ގިނަ ބަޔަކު ފާޑުކިޔާފައެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި، އަމިއްލަ ނަފުސުގެ ދިފާއުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ އެ ފާޑުކިޔުންތައް އަމާޒުވަނީ އަންހެނަކަށްވީމަ ކަމަށެވެ.

"އައިޖީއެމްއެޗްގައި ހެދި އޮޕަރޭޝަނެއް ފެއިލް ވެގެން ހެލްތު މިނިސްޓަރު ޒިންމާ ނަގަން ނުބުނޭ. އަދި ފުލުހުންގެ ޚިދުމަތުގެ ތެރެއިން މައްސަލައެއް ދިމާވެގެން ހޯމް މިނިސްޓަރަކަށް ވެސް ފާޑެއް ނުކިޔާ. އެކަމަކު އެމްއެންޑީއެފްގައި ކިތަންމެ ކުޑަ ކަމެއް ވިޔަސް ފާޑު ކިޔުންތައް އަމާޒު ވަނީ އަންހެނަކަށްވީމަ،" އޭނާ ވިދާޅުވިއެވެ.

މާރިޔާއަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދެއްވާފައިވާއިރު، ދައުލަތުގެ އިސްވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ނުކުރެވުމަކީ ޑިފެންސް މިނިސްޓަރު މަގާމުން ވަކިކުރަންޖެހޭ ވަރުގެ ސީރިއަސް މައްސަލައެއް ކަމަށް ވާތީ، އެ މަގާމުން މާރިޔާ ވަކިކުރުމަށް ގޮވާލައި އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައެވެ.

އެ މައްސަލަ ހުށަހެޅީ ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޙުސައިން މުޙައްމަދު ލަޠީފް ކަމަށްވާއިރު، އެ މައްސަލަ ވަނީ މަޖިލީހުން އިއްޔެ ބޭރުކޮށްލައިފައެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އެމަނިކުފާނުގެ ސެކިއުރިޓީ ޔުނިޓާ ހަވާލުވެހުންނެވި ސިފައިންގެ އިސްވެރިޔާ، ކާނަލް އަބްދުﷲ އިބްރާހިމް ވަނީ އިއްޔެ ސަސްޕެންޑު ކޮށްފައެވެ.

އެ މައްސަލަ މިހާރު ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ ބެލުމަށް ޑިފެންސް މިނިސްޓްރީން ވެސް ވަނީ ވަކި ކޮމިޓީއެއް އުފައްދައިފައެވެ.

comment ކޮމެންޓް