އެއީ ރާއްޖެއަށް އެންމެ ފުރަތަމަ އިންޑިއާގެ ރަހަތައް ތައާރަފު ކޮށްދިން ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެކެވެ. ނަވާރަ ސަތޭކަ އަށްޑިހަ ނުވަ ވަނަ އަހަރުން ފެށިގެން، ދެގޮތެއް ނުވެ، ހިންގަމުން އަންނަ އެ ކެފޭގެ ރަހަތަކަށް ނުވަތަ މަގްބޫލު ކަމަކަށް ބަދަލެއް ނާދެއެވެ. މީގެ 34 އަހަރު ކުރިން އެ އިމާރާތުގައި ހިންގަމުން އައި ކެފޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި މިވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
މާފަންނު އޯކިޑްމަގުގައި ހުރި ތިން ފަންގިފިލާ ހުންނަ އިވްނިން ކެފޭ ހިންގާ އިމާރާތުގައި މިއަދު އެ ހިނގީ ވަރަށް ވެސް ނުރައްކާތެރި އަލިފާނުގެ ހާދިސާއެކެވެ. އެ ހާދިސާގައި އެ ކެފޭގެ ބަދިގެއާއި އެތަނާ އިންވެގެން ހުންނަ މުވައްޒަފުންގެ އެކޮމޮޑޭޝަން ހަމަޖައްސާފައިވާ ބައި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ. އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވީ ކެފޭގެ ބަދިގޭގައެވެ.
އެ ކެފޭގެ ތިން ބުރީގައި ވެސް މީހުން ކެއުމަށް ތިބޭ މޭޒާއި ގޮނޑިތައް ބަހައްޓާފައި ހުރެއެވެ. އެ ހިސާބުތަކަށް އަލިފާނުގެ މާބޮޑު އަސަރެއް ކޮށްފައެއް ނުވެއެވެ.
މި އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނު ކަމަކަށް މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ބުނެފައެއް ނުވެއެވެ.
އެ ހާދިސާގެ ޚަބަރު ލިބުނީ މިއަދު 06:12 ގައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. އެ އަލިފާންގަނޑު އެހެން އިމާރާތަކަށް ނުފެތުރު ނަމަވެސް އެ ވަގުތު އެ ސަރަހައްދު ކައިރީގައި ހުންނަ ގެތަކުން މީހުން ނެރެ، އެ ހިސާބު ހުސްކުރިއެވެ. އަދި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމާއެކު އެ ސަރަހައްދަށް އެއްނުވުމަށް ވެސް ފުލުހުންނާއި ސިފައިން އޭރު ވަނީ އިލްތިމާސް ކޮށްފައެވެ.
އެ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ މިރޭ 07:29 ހާއިރުއެވެ.
އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ އެ ކެފޭއަށް ލިބިފައިވާ ގެއްލުން އެނގޭނީ ފުރިހަމަ ތަހުގީގަކަށް ފަހުގައި ކަމަށެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ވެސް ބަލަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މިއަދު އެ ނުރައްކާތެރި ހާދިސާ ހިނގާފައިވާއިރު މިދިޔަ ހޯމަ ދުވަހު ވެސް ނުރައްކާތެރި، އަދި ބޮޑު އަލިފާނުގެ ހާދިސާއެއް މާލޭގައި ހިނގާފައިވެއެވެ. އެ ދުވަހު ވަރަށް ބޮޑަށް ރޯވީ ނީލަން ފިހާރައިގައެވެ. އެ އަލިފާންގަނޑު ނިއްވާލެވުނީ ވަރަށް އިރުންނެވެ. އެ ހާދިސާގައި 200 އެއްހާ ބިދޭސީ މަސައްކަތު މީހުން ދިރިއުޅެމުން ދިޔަ އެކޮމަޑޭޝަން ބުލޮކެއް ވަނީ އަނދާ ހުލިވެފައެވެ.
އޭގެ ކުރިން ގދ. ފިޔޯރި ސްކޫލުގެ ހޯލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ހޯލު ބޭނުން ނުކުރެވޭ ވަރަށް ވަނީ އަދާފައިވާއިރު ރ. އަލިފުށީ ކުނި ކޮށި ސަރަހައްދުގައި ވެސް މިފަހުން ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.
އެ ހާދިސާތަކާ ގުޅިގެން ފުލުހުން ވަނީ ޚާއްސަ ތަހުގީގެއް ވެސް ފަށާފައެވެ. މާލެ އާއި އަތޮޅުތެރޭގެ ރަށްތަކުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކުގެ ބޮޑު ތަހުގީގެއް ފުލުހުން ފަށާފައިވާ ކަމަށާއި، އެކަމަށް ޢާންމުންގެ އެހީތެރިކަމަށް ވަރަށް ބޮޑަށް އެދޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ތަހުގީގަށް، ރާއްޖެއިން ބޭރުގެ ފަޔާ އިންވެސްޓިގޭޝަން ފޮރެންސިކް އެކްސްޕާޓް ޓީމެއް އެހީތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.