އާ ކުށްތައް ދެނެގަނެ، މުޖުތަމައު ސަލާމަތްކުރަން ފުލުހުން ހުސިޔާރުވާންޖެހޭ: ސީޕީ

ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ހިންގި ބައެއް ކޯސްތައް ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވާހަކަދައްކަވަނީ: ވިދާޅުވީ އަލަށް އުފަންވާ ކުށްތައް ދެނެގަތުމަށް ފުލުހުން ހުށިޔާރު ވާންޖެހޭ ކަމަށް -- ފޮޓޯ/ ޕޮލިސް

އަލަށް އުފަންވާ ކުށްތައް ދެނެގަނެ، އޭގެ ބިރުވެރިކަމުން މުޖުތަމައު ސަލާމަތްކުރުމަށް ދިވެހި ފުލުހުން ހުސިޔާރުވާންޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ރޭ ވިދާޅުވެއްޖެއެވެ.

ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ހިންގި ބައެއް ކޯސްތައް ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުން ބަލައިގަނެފައިވާ ޚިދުމަތަކަށް ހެދުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހިފައިވާ ކަމަކީ އެ ޚިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ގާބިލު ބަޔަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ.

އެގޮތުން، ކުށުގެ ވެއްޓަށް އަންނަ ބަދަލުތައް އަމިއްލައަށް ދިރާސާކޮށް ދެވޭ ޚިދުމަތުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން އެނގޭ ބަޔަކަށް ހަދަންޖެހޭ ކަމަށް ސީޕީ ވިދާޅުވިއެވެ. އަލަށް އުފަންވާ ކުށްތައް ދެނެގަނެ އެފަދަ ކުށްތަކުގެ ބިރުވެރިކަމުން މުޖުތަމައު ސަލާމަތްކުރަން ކުރަންޖެހޭ މަސައްކަތްތައް އެނގޭ ހުށިޔާރު ބަޔަކަށް ފުލުހުން ހަދަންޖެހޭ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

ސީޕީ ވިދާޅުވީ، އެ މަގުސަދު ހާސިލުކުރެވޭނީ މުވައްޒަފުންނަށް އުނގެނުމުގެ ފުރުސަތު ފަންނީ ގޮތުންނާއި އިލްމީ ގޮތުން ފޯރުކޮށްދީގެން ކަމަށެވެ.

ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ހިންގި ބައެއް ކޯސްތައް ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ -- ފޮޓޯ/ ޕޮލިސް

އެގޮތުން، ޕޮލިސް ކޮލެޖުން މިއަދު ހިންގާ ކޯސްތަކަކީ ހަމައެކަނި ފުލުހުންނާ އަލަށް ގުޅޭ ކުދިންނަށް ޚާއްސަކޮށް ހިންގާ ކޯސްތަކެއް ނޫން ކަމަށާއި، މިއަދު އެ ކޮލެޖަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ގަބޫލުކުރާ ގިނަ ކޯސްތަކެއް ހިންގާ ފުލް ފްލެޖް ކޮލެޖެއް ކަމަށް ސީޕީ ވިދާޅުވިއެވެ. މިއަދު ފުލުހުންގެ ތެރޭގައި މާސްޓާސް ޑިގްރީ ފެންވަރަށް ކިޔަވާފައި ތިބި މީހުން އެބަތިބި ކަމަށާއި އެ ކަމާ އުފާކުރައްވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

"ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅުމަށް ޝައުގުވެރިވާ ޒުވާނުންނަށް މިއަދު ދަންނަވާލަން އޮތީ ދެން ހުޅުވާލެވޭ ރެކްރޫމަންޓް ބެޗަށް އެޕްލައި ކުރަށްވާށޭ. ޕޮލިސް ކޮލެޖުން ކިޔެވުމުގެ ފުރުސަތު ހޯއްދަވާ ފުލުހުންނާ ގުޅޭ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައޭ،" ސީޕީ ވިދާޅުވިއެވެ.

"...ކުރިއަށް ދިޔުމަށް ބޭނުންވާ ކެރިއާ ނަންގަވައިގެން ކުރިއަރާ ދިޔުމަށް ތިއިން ކޮންމެ ޒުވާނަކަށް ވެސް ފުރުސަތު އޮތް ވާހަކަ ދަންނަވާލަން،"

ސީޕީ ވިދާޅުވީ، ރާއްޖެއަކީ އަމާންކަމާ ރައްކާތެރިކަން ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ. އެގޮތުން، ރައްޔިތުން އުންމީދުކުރާ ވަރަށް ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ސީޕީ ވިދާޅުވިއެވެ.

"ހައްލު ނުވެ ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލަތައް ހައްލުކުރުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހޭ. ކޮންމެ ފުލުހަކީ ގާބިލު މީހަކަށް ވާން އެބަޖެހޭ،" ސީޕީ ވިދާޅުވިއެވެ.

އިސްކަންދަރު ބިލްޑިންގައި ރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއެވެ.

އެ ރަސްމިއްޔާތުގައި، ޕޮލިސް ކޮލެޖުން ހިންގި ހަތަރު ކޯހަކުން 297 ދަރިވަރުން ދަސްވެނިވެފައިވެއެވެ. އެއީ، ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ 208 ދަރިވަރުންނާއި، ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ރިސްކު މެނޭޖްމަންޓް ކޯހުގެ 27 ދަރިވަރުންނާއި، މާސްޓާސް އިން ލީޑަޝިޕް އެންޑް މެނޭޖްމަންޓް (ޕޮލިސިން އެންޑް ސެކިއުރިޓީ) ކޯހުގެ 37 ދަރިވަރުންގެ އިތުރުން ޑިޕްލޮމާ އިން ފޮރެންސިކް އިންވެސްޓިގޭޝަން ކޯހުގެ 25 ދަރިވަރުންނެވެ.

comment ކޮމެންޓް