ޕާކިސްތާނުގެ އެހީގައި ނޫސްވެރިންނަށް ސްކޮލާޝިޕް ދިނުމަށް މަޝްވަރާ ކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިން ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނާއެކު މަޝްވަރާ ކުރަނީ--- ފޮޓޯ/ މީޑިއާ ކައުންސިލް

ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން, މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިން ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނާއެކު މިއަދު މަޝްވަރާކޮށްފިއެވެ.

ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް އެމްއެމްސީއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ މަޝްވަރާގައި އެ ކައުންސިލުގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކައުންސިލުގެ ރައީސް އަޙްމަދު މުޞްޠަފާއާއި މެމްބަރު މޫސާ ރަޝީދުއާއި މެމްބަރު އަރުމާން ރަޝީދުއާއި، މެމްބަރު މުޙައްމަދު އަފްރާހް، އަދި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހީމް ސަމީރެވެ.

ޕާކިސްތާން އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެމްބަސެޑަރު ވައިސް އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒް ގިލާނީ އަދި ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤްރްނައިން އަޙްމަދުއެވެ.

އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ޕާކިސްތާނަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، ޕާކިސްތާންގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ދިވެހިރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމަށް ކަމަށް އެމްއެމްސީއިން ބުންޏެވެ. އަދި އެ ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް އެމްއެމްސީ އިން ބުނެއެވެ.

އެ ބައްދަލުވުމުގައި ދިވެހިރާއްޖޭގައި ހުންނަވާ ޕާކިސްތާން އެމްބަސެޑަރު ވައިސް އެޑްމިރަލް ފައްޔާޒް، ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވިކަން އެ ކައުންސިލުން ފާހަގަ ކުރެއެވެ.

އޭގެ އިތުރުން، ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލާއި ޕާކިސްތާންގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށް ގުޅުން ބަދަހިކޮށްދެއްވާ، މިދާއިރާއަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް އެމްއެމްސީއިން ބުންޏެވެ.

މިއަދު ޕާކިސްތާނާއެކު އެ މަޝްވަރާ ކޮށްފައިވާއިރު ދިވެހި ނޫސްވެރިން އިންޑިއާއަށް ފޮނުވައިގެން ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް އެމްއެމްސީއިން ދާދިފަހުން ވަނީ އިންޑިއަން ހައިކޮމިޝަނާއެކު ވެސް މަޝްވަރާ ކޮށްފައެވެ.

comment ކޮމެންޓް