އިދިކޮޅު މުޒާހަރާއިން ރޭ ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ކުރާ މުޒާހަރާ --- ފޮޓޯ/ ޕީޕީއެމް

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން އިސްނަގައިގެން ރޭ ކުރިއަށްގެންދިޔަ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ދިވެހި ދިދަ ހިފައިގެން މާލޭގެ އެކި މަގުތަކުގައި ހިނގައިފައެވެ. އަދި އެ މުޒާހަރާގެ ތެރެއިން މީހުން ހިފެހެެއްޓުމަށް ފުލުހުން ބައެއް ސަރަހައްދުތަކުގައި ވަނީ ހަރަކާތްތެރިވެފައެވެ.

އިދިކޮޅުން ރޭ ކުރި މުޒާހަރާގެ ތެރެއިން 15 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނެއެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ އިދިކޮޅުން ރޭ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެންވެސް މިހާރު ދޫކޮށްލައިފައިވާ ކަމަށެވެ.

އިދިކޮޅުން ރޭ ކުރި މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރު ކުރަނީ --- ސަން ފޮޓޯ: ނާއިލް ހުސައިން

އާދިއްތަ ދުވަހުގެ ރޭ ވެސް އިދިކޮޅުން ވަނީ ޔާމީނަށް އިއްވީ ހަރާމް ހުކުމެއް ކަމަށް ބުނެ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި މުޒާހަރާ ކޮށްފައެވެ. އެ މުޒާހަރާގެ ތެރެއިން ޖުމުލަ 16 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 15 ފިރިހެނުންނާއި އެއް އަންހެނެކެވެ. އެ އެންމެންވެސް ވަނީ ޖެހިގެން އައި ދުވަހު ދޫކޮށްލައިފައެވެ.

https://sun.mv/172114

އިދިކޮޅުން މިހާރު ކުރާ މުޒާހަރާތަކާ ގުޅިގެން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ރޭ "ސަން"އަށް ވިދާޅުވީ ޔާމީނަށް ކުރި 'ހަރާމް ހުކުމް'އާ ދެކޮޅަށް އެ ޕާޓީން ސިލްސިލާކޮށް އިހުތިޖާޖު ކުރާނެ ކަމަށެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ ޔާމީން 11 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމްކޮށްފައެވެ.

ދައުލަތުން މީގެ ކުރިން ވެސް ވަނީ މަނީލޯންޑްރިންގެ އިތުރު ދައުވާއެއް ޔާމީނަށް އުފުލައިފައެވެ. އެ މައްސަލައިގާ ވެސް ފަސް އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން އިއްވިއެވެ. އެކަމަކު، ހައިކޯޓުން ވެސް އެ ހުކުމަށް ތާއީދުކޮށްފައިވަނިކޮށް އެފަހަރު ޔާމީން މިނިވަންވެވަޑައިގަތީ ސުޕްރީމް ކޯޓު މަރުހަލާއިންނެވެ.

comment ކޮމެންޓް