ވޭނެއް ތެރެއިން ފެނުނު މީހާގެ މަރުގައި ތުހުމަތުކުރެވޭ ފަދަ ކަމެއް ނެތް: ފުލުހުން

ހުޅުމާލޭގައި ވޭނެއް ތެރޭ މަރުވެފައި އޮއްވާ ފެނުނު މީހާ ފެނުނު ސަރަހައްދު -- ފޮޓޯ/ ވިސާމް

ހުޅުމާލޭ ސަހަރާ ކައިރީ ޕާކުކޮށްފައި އޮތް ވޭނެއް ތެރެއިން މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައި ނެތް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ، މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.

މިކަމާ ގުޅިގެން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، އޭނާގެ މަރާ ގުޅޭގޮތުން ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައި ނެތް ކަމަށެވެ.

އަދި އެ މީހާގެ ހަށިގަނޑާ މެދު އަމަލުކުރާނެ ގޮތަކާމެދު އާއިލާއާ ވާހަކަދައްކަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެެވެ.

https://sun.mv/192014

މި ހާދިސާއާ ގުޅިގެން މަންޒަރު ދުށް މީހަކު އިއްޔެ 'ސަން'އާ ވާހަކަދައްކަމުން ބުނީ، އެ ވޭން އެ ތަނުގައި ޕާކުކޮށްފައި ހެނދުނުއްސުރެ ވެސް އޮތް ކަމަށެވެ. އެކަމަކު، އެ ވޭނުގެ ތެރޭގައި މީހަކު މަރުވެފައި އޮއްކަން އެނގުނީ މެންދުރު ފަހުންނެވެ.

އެގޮތުން، ހުޅުމާލޭ ސަހަރާ ކުރިމަތީ ޕާކުކޮށްފައި އޮތް ވޭނެއްގައި ޚަބަރު ހުސްވެފައި އޮތް މީހެއް އޮތް ކަމަށް ރިޕޯޓު ލިބިގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް